ބޮޑު މަގުބޫލުކަމެއް ލިބުނު ސްމިރްތީ އިރާނީގެ ސިލްސިލާ ޓީވީ ޑްރާމާ އަލުން ފަށަނީ
ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ސްޓާ ޕްލަސްގެ މަޝްހޫރު ޓިވީ ސިލްސިލާ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ދެވަނަ ސީޒަން ގެނެސްދޭން ނިންމައި އޭގެ ޝޫޓިން މިހާރު ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ގިނަ އަހަރުތަކެއް ވަންދެން މި ސިލްސިލާ މެދުކެނޑިފައި އޮތުމަށް ފަހު އެނބުރި ސްކްރީނަށް އަންނައިރު ފުރަތަމަ ސީޒަންގެ ލީޑް ބަތަލާ ސްމިރްތީ އިރާނީ ދެވަނަ ސީޒަނުން ވެސް ފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ސްމިރްތީ އިރާނީއަކީ މިހާރު ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާ ސަރުކާރުގެ މިނިސްޓަރެއް ކަމަށްވުމުން މި ސިލްސިލާގެ ޝޫޓިން ކުރިއަށްދަނީ ވަރަށް ވަރުގަދަ ސެކިއުރިޓީއާ އެކު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، މި ސިލްސިލާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ހިމެނޭ ގޮތަށް "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ 2"ގެ ސެޓުގައި މަސައްކަތްކުރާ އެންމެންގެ ފޯނުތައް ވެސް ޓެޕްކޮށްފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ޕްރޮޑިއުސަރު އެކްތާ ކަޕޫރު ސްމިރްތީ އިރާނީއާ އެކު--ފޮޓޯ/ޓައިމްސްނިއު މީގެ އިތުރުން, މި ސިލްސިލާގެ ޝޫޓިންގްތެރެއިން އެއްވެސް މަންޒަރެއް ލީކުވިޔަނުދިނުމަށްޓަކައި ސެޓުގައި ފޯނު ގެންގުޅުމަކީ ވެސް މަނާ ކަމެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ދަތިތަކަކާ ކުރިމަތިވާނެ ކަމަކަށްވީ ނަމަވެސް ސިޔާސީ ލީޑަރަކު މި ސިލްސިލާގައި މުހިއްމު ރޯލެއް ކުޅޭތީ ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ޕްރޮޓޮކޯލްއާ އެއްގޮތަށް ސްމިރްތީގެ ސެކިއުރިޓީންނަށް އަމަލުކުރަން މަޖުބޫރު ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ 2"ގައި ޖުމްލަ 150 އެޕިސޯޑު ބެލުންތެރިންނަށް ގެނެސްދޭނެއެވެ. މި ސިލްސިލާ 2008ވަނަ އަހަރު ނިންމާލިއިރު 2000 އެޕިސޯޑު ހަމަނުވީ 150 އެޕިސޯޑު މަދުވުމުން ނެވެ. އެކަން ދެވަނަ ސީޒަންއިން ފުރިހަމަކުރުމަކީ އެކްޓރުގެ ވަރަށް ބޮޑު އުއްމީދެކެވެ. މި އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު ފުރަތަމަ އެޕިސޯޑު ދައްކަން ފަށާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ މި ސިލްސިލާ ގެނެސްދޭނީ ރާއްޖޭގެ ގަޑިން ރޭގަނޑު 10:00ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ