ތިން ބާރު އެއްވެއްޖެ، އިވެނީ އެއް އަޑެއް: މައުމޫން

ޑިމޮކުރަސީގެ ތިން ބާރު އެއްވަފައިވާ ކަމަށާއި އެތިންބާރުގައިވެސް ހިނގަނީ އެއް އަޑެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. ޕީޕީއެމް އުފެއްދުމުގެ މަގުސަދަކީ ސަރުކާރާއި މަޖިލީހާއި ޝަރުއީ ދާއިރާ ކަމަށްވާ ތިން ބާރު ވަކިވަކި ބާރުތަކުގެ ގޮތުގައި ހިންގުން ކަމަށާއި ނަމަވެސް މިއަދު ފެނިގެން ދަނީ އެގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެތިން ބާރު ވަތްކަކުން ނުހިނގާ، ތިން ބާރު މިއޮތީ މަސްހުނިވެފައި، ކޮންފަރާތަކުންކަމެއް ހިނގަނީ ކަމެއް ނޭންގެ، އެހެން ނަމަވެސް އެއް އަޑެއް އެހުރިހާ ބާރެއްގައި ހިނގަނީ،" މައުމޫން ވިދާޅުވިއެވެ. ގައުމުގެ ދަރަނި ކުޑަކުރުމަކީ ޕީޕީއެމްގެ މަގުސަދަކަށްވީ ނަމަވެސް އެކަން ނުވާ ކަމަށާއި އަދި ބޭރުގެ ނުފޫޒުތައް ރާއްޖޭގައި ދަނީ ގަދަވަމުން ކަމަށް މައުމޫން ވިދާޅުވިއެވެ. ކޮރަޕްޝަން ދަށް ކުރެވޭތަނެއް ނުފެންނަ ކަމަށާއި ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ ހާދިސާ ކަމަށްވާ އެމްއެމްޕީއާރުސީގެ ހާދިސާ ހިނގިއިރު ކަމާބެހޭ ފަރާތްތަކަށް އެކަން ނޭނގޭ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. ކޮރަޕްޝަންގެ ތުހުމަތުގައި ބައެއް މުއައްސަސާތަކުން ބޭފުޅުން ވަކިކުރިނަމަވެސް އޭގެ ކުޑަދުވަސްކޮޅެއްގެ ފަހުން އެއަށްވުރެ މަތީ މަގާމަކަށް އެބޭފުޅުން ހަމަޖައްސާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ނުކުރާއިރު ހަމަހަމަކަމަށް މަސައްކަތް ނުކުރާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން އެއްވެސް ހަމަހަމަ ކަމެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ކޮންމެވެސް ބާރުގަދަ ނުފޫޒު ގަދަ ފަރާތަކުން ފުރުސަތު ހޯދައި ގަންނަނީ. އާދައިގެ އާންމު ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ،" މައުމޫން ވިދާޅުވިއެވެ. ގޯސްކޮށް ހިނގި ކަންކަން އިސްލާހުކުރަން ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެފުރުސަތު ނުލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްލާހުކުރަން އުޅޭ މީހުން "އެމްޑީޕީ" މީހުންގެ ގޮތުގައި ނުވަތަ ސަރުކާރާއި ދެކޮޅުބައެއްގެ ގޮތުގައި ކަނޑައަޅަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ