އެމްޑީއޭއަށް 13 އަހަރު: ސިޔާމް ދެއްވީ، ރައްޔިތުންގެ ހައްގުގައި ޕާޓީން ދެމިއޮންނާނެ ކަމުގެ ޔަގީންކަން

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް މިއަދު 13 އަހަރު ފުރުނުއިރު، ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާ އެކީ އެމްޑީއޭއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ދެއްވައިފިއެވެ. އެމްޑީއޭގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައި ވަނީ، ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕާޓީގެ ހުރިހާ މެންބަރުންނަށް ފޮނުއްވާފައެވެ. މިދިޔަ ދިގު މުއްދަތުގައި އެމްޑީއޭއަށް ޚިދުމަތް ކުރުމުގައި ދެމިތިބެ، އެ ޕާޓީއަށް އެކި ގޮތްގޮތުން މަސައްކަތް ކުރި މީހުންނަށް ސިޔާމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ސިޔާމް، މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: ސިޔާމް ދެއްވީ، ރައްޔިތުންގެ ހައްގުގައި އެމްޑީއޭއިން ދެމިއޮންނާނެކަމުގެ ޔަގީންކަން -- ސަން ފޮޓޯ/ އަމަން ލަތީފް އެ މަނިކުފާނު ވިދާޅުވީ، އެމްޑީއޭއަކީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި އުފެދުނު ޕާޓީއެއް ކަމަށެވެ. މިގޮތުން، އެ ޕާޓީގެ އަމާޒަކީ، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، ތަރައްގީގެ މަގުގައި ރައްޔިތުންނަށް ކުރިއެރުން ގެނެސްދިނުންކަން ސިޔާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ފުރުސަތުގައި، މި ޕާޓީން އަބަދުވެސް ހިފަހައްޓަމުން އަންނަ އުސޫލުތަކުގައި ވަރުގަދައަށް ހިފަހައްޓައި، ރައްޔިތުންގެ ޙައްގުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެންމެހާ މެންބަރުންނަށް އަޅުގަނޑު އަރުވަންމީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އޭގެއިތުރުން، އެ މަނިކުފާނު ވަނީ، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވެސް އަލިއަޅުވާލައްވައިފައެވެ. އެގޮތުން، އެ އިންތިޚާބުގައި އެމްޑީއޭގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކޮށްދިނުމަށް ސިޔާމް ވަނީ އެދިވަޑައިގެންފައެވެ. އެ މަނިކުފާނު ޚިތާބު ނިންމަވައިލެއްވީ، އެމްޑީއޭއަށާއި ދިވެހި ގައުމަށް ކުރިއެރުމާއި ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. އެމްޑީއޭ އުފެއްދީ މީގެ 13 އަހަރުކުރިން، ޑިސެމްބަރު 20، 2012ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ