ސަރުކާރު ކުންފުނިތަކުގެ ދަރަނި އިތުރުވެ 37 ބިލިއަނަށް، އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގައި
ސަރުކާރު ކުންފުނިތަކުގެ ދަރަނި 37 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ދަރަންޏެއް އޮތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ނެރެފައިވާ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މައިގަނޑު ގޮތެއްގައި އަމިއްލަ ޚަރަދުގައި ހިންގާ ސަރުކާރު ކުންފުނިތަކުގައި 33.1 ބިލިއަން ދަރަނި އެބަ އޮތެވެ. އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގައެވެ. އެ ކުންފުނީގައި އެކަނި ވެސް 13 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގައި 11.7 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައެވެ. އެ ކޯޕަރޭޝަނުގައި 9.3 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ. ކެބިނެޓް ބައްދަލުވުމެއްގައި ރައީސާއި ވަޒީރުން -- ފޮޓޯ/ ރައީސް އޮފީސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ޖެހޭ ކުންފުނިތަކުގެ ދަރަނި 3.97 ބިލިއަނަށް އަރައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ، 3.2 ބިލިއަނުގައެވެ. އެހެންވެ، އެއީ މިދިޔަ އަހަރަށް ވުރެ 21 ޕަސެންޓު އިތުރުވުމެކެވެ. އެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އުފައްދާފައި އޮތީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އެވެ. މިގޮތުން، އެ ކުންފުނީގެ ދަރަނި 2.7 ބިލިއަނަށް އަރައެވެ. ކުންފުނިތަކުގެ ދަރަނި 37 ބިލިއަނަށް އެރިއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ހުރީ 34.7 ބިލިއަން ރުފިޔާގައެވެ. އެހެންވެ، މި އަހަރު މި އައީ 6.8 ޕަސެންޓްގެ އިތުރުވުމެކެވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ ކުންފުނިތަކުގެ އާމްދަނީ ވަނީ ނުވަ ޕަސެންޓަށް ދަށްވެފައެވެ. ނަމަވެސް، ކުންފުނިތަކުގެ ފައިދާ 10 ޕަސެންޓަށް އިތުރުވެފައިވާކަން ހިސާބުތަކުން އެނގެއެވެ. ދައުލަތުގެ ކުންފުނިތަކުގެ ދަރަނި ބޮޑުވެފައިވާއިރު، މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން، މަޝްރޫއުތައް ހިންގާ ޚަރަދުގައި ކުރިއަށްގެންދިޔުމަށް، ގިނަ އަދަދެއްގެ މަޝްރޫއުތައް އެ ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. އޭގެ ތެރޭގައި، ރަށްރަށުގައި ކަސްރަތު ކުރާނެ ތަންތަން ހަދަން އެމްއޭސީއެލްއާ ހަވާލުކުރުން ފަދަ، އެ ކުންފުނިތަކުން އާންމުކޮށް ނުކުރާ މަސައްކަތްތައް ހަވާލުކުރުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. https://sun.mv/210190 ޕީސީބީގެ ރިޕޯޓުގައި ވާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 37،900 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އެއީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުންނަށް ވުރެ ވެސް މާ އިތުރު އަދަދެކެވެ. ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. https://sun.mv/213953 ސަރުކާރު ކުންފުނިތަކުގެ ބޮޑު ދަރަންޏެއް އޮތްއިރު، އަންނަ އަހަރު އެކަނި ވެސް ދަރަންޏަށް 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އެ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ