އަނެކުންނަށް އެހީވުމުގައި ކޮންމެ ހަފުތާއަކު ވެސް ވަގުތުކޮޅެއް ހޭދަކުރާށެވެ! އެއީ ހަމައެކަނި ލިބޭ ސަވާބާއި ދަރުމައެއް ނޫނެވެ. އިޖްތިމާއީ ފައިދާތައް އެކަންޏެއް ނޫނެވެ. ސިއްހީ ގޮތުން ވެސް ހިޔާލަށް ނުގެނެވޭހާ ގިނަ ފައިދާތަކެއް އެކަމުގައި އެކުލެވޭ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
ސައެންސްވެރިން ބުނާ ގޮތުގައި އެހެން މީހުންނަށް އެހީވުމުގައި ހަފުތާއަކު ދެތިން ހަތަރު ގަޑިއިރު ހޭދަކުރުމަކީ، ތިމާގެ ސިކުނޑި މުސްކުޅިވުން ލަސްކޮށްދޭ ކަމެކެވެ. މާނައަކީ ސިކުނޑީގެ ޒުވާންކަން ދަމަހައްޓައިދޭ ކަމެކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ރަސްމީކޮށް ހިލޭސާބަހަށް ކުރާ އެފަދަ މަސައްކަތްތަކުންނާއި، ދޭތެރެއަކުން އަވައްޓެރިއަކަށް ނުވަތަ ތިމާގެ މީހަކަށް އެހީތެރިވެދިނުމުން ވެސް، ސިކުނޑި މުސްކުޅިވުން ލަސްކޮށްދެއެވެ.
އަނެކުންނަށް އެހީތެރިވުމުން ސިކުނޑިއަށް އަންނަ ތާޒާކަމާއި އާރޯކަން، އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަން ވެސް މި ދިރާސާއިން އެނގުނެވެ. މާނައަކީ، އަނެކުންނަށް އެހީވުމުގައި ދެމިހުންނަ ވަރަކަށް އެމީހެއްގެ ސިކުނޑީގެ ޒުވާންކަން އިތުރުކޮށްދެއެވެ. މެދުމިންވަރަކަށް ނުވަތަ ކޮންމެ ދުވަހަކު އެހީތެރިކަން ފޯރުކޮށްދިނުމުން ވެސް، ސިކުނޑީގެ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ސައެންސްވެރިން ބުނެއެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން އެނގިފައިވަނީ އެމީހެއްގެ އިޖްތިމާއީ ގުޅުން ވަރުގަދަވި ވަރަކަށް، އެމީހަކަށް ލިބޭ ސިއްހީ ފައިދާތައް ވަރަށް ގިނަވެއެވެ. ފަހުން ހެދި މި ދިރާސާއިން އެ ލިސްޓަށް އިތުރުވެގެން އެ ދިޔައީ ސިކުނޑީގެ ދުޅަހެޔޮކަމަށް ލިބޭ މަންފާތަކެވެ.
އެމެރިކާގެ އޮސްޓިންގައި ހުންނަ ޔުނިވަސިޓީ އޮފް ޓެކްސަސް އާއި ބޮސްޓަންގައި ހުންނަ ޔުނިވަސިޓީ އޮފް މެސަޗޫސެޓްސްގެ ސައިންސްވެރިން ކުރި މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުން، އެމީހަކު ދިރިއުޅޭ ގޭބިސީން ބޭރުގައި އެހެން ބަޔަކަށް އެހީތެރިވެދިނުމުން، ސިކުނޑި މުސްކުޅިވާ މިންވަރު ލަސްވާކަން ފާހަގަކުރެވުނެވެ. މިކަން ބޮޑަށް ފާހަގަކުރެވުނީ، މެދުއުމުރުގެ މީހުންނާއި މުސްކުޅިންގެ ސިކުނޑިންނެވެ.
މި ދިރާސާ ހަދާފައިވަނީ 20 އަހަރު ވަންދެން 30000 މީހުންގެ މައުލޫމާތު އެއްކޮށް އެ މައުލޫމާތުތައް ތަހުލީލުކޮށްގެންނެވެ. މި ދިރާސާގައި ބައިވެރިކުރި ހުރިހާ މީހުންނަކީ، އެމީހަކު ދިރިއުޅޭ ގޭބިސީން ބޭރުގައި އެހެން މީހުންނަށް އެހީތެރިވެދޭ މީހުންނެވެ. އެ ގޮތުން، ހިލޭ ސާބަހަށް ކުރާ ރަސްމީ ހިދުމަތެއްގެ ގޮތުން، ނުވަތަ މީހަކު އެހީތެރިކަމެއް ބޭނުންވެގެން އުޅޭކަން އެނގިގެން، ރައްޓެއްސަކަށް، ތިމާގެ މީހަކަށް ނުވަތަ އަވައްޓެރިއަކަށް އެހީތެރިވެދިނުމުން، އެމީހެއްގެ ސިކުނޑި މުސްކުޅިވާ ނިސްބަތް 15-30 އިންސައްތަ ލަސްކަމަށް ދިރާސާއިން ދައްކައެވެ.
އޭގެ ތެރެއިން ވެސް މި މިންގަނޑު އެންމެ މަތީ ނިސްބަތެއްގައި ހުރީ، އެވްރެޖްކޮށް ހަފުތާއަކު ދެ ގަޑިއިރާއި ހަތަރު ގަޑިއިރާ ދެމެދުގެ ވަގުތަކަށް، އަނެކުންނަށް އެހީތެރިވުމުގައި ދެމިތިބޭ މީހުންނެވެ. މި ދިރާސާ މިހާރުވަނީ ސޯޝަލް ސައިންސް އެންޑް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައެވެ.
މި ދިރާސާގައި ހިލޭ ސާބަހަށް ކުރާ ރަސްމީ ހިދުމަތުގެ ގޮތުގައި ބަލާފައިވަނީ، ވޮލަންޓިއާ ގުރޫޕެއް ނުވަތަ ޖަމިއްޔާއަކާ ގުޅިގެން އަނެކުންނަށް އެހީތެރިވުމުގައި އުޅުމެވެ. އެނޫން ގޮތްގޮތުން ވެދޭ އެހީތެރިކަމުގެ ގޮތުގައި ބަލާފައިވަނީ، މީހަކު ތަނަކަށް ދާންޖެހިގެން މަގުމަތީގައި ހުއްޓައި ތިމާގެ އުޅަނދުގައި އެމީހަކު އެ ތަނަކަށް ގެންގޮސްދިނުން، ދަރިފުޅު ބަލައިދިނުމަށް ގޭގައި މަޑުކޮށްލުން، ގޯތިތެރޭގައި ހުންނަ ކަންތައް ކޮށްލައިދިނުން، ތަނަކަށް ފޮނުވަންޖެހޭ ލިޔުމެއް ނުވަތަ ފޯމެއް ފުރިހަމަކުރުމުގައި އެހީތެރިވެދިނުން ފަދަ ކަންކަމެވެ.
އަނެކުންނަށް އެހީވުމުން ސިކުނޑީގެ ޒުވާންކަން ދަމަހައްޓައިދޭ އަނެކުންނަށް އެހީވުމުން ސިކުނޑީގެ ޒުވާންކަން ދަމަހައްޓައިދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ