ބިދޭސީން ހުއްޓުވައި ސުވާލުކުރުން: ފުރައްސާރުކުރުން އިތުރުވުމުގެ ކަންބޮޑުވުމާއެކު، ނިންމުން ބަދަލުކުރަން ގޮވާލައިފި
ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް އެންގެވުމާ ގުޅިގެން، އެއީ ބިދޭސީންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި އެ މީހުންނަށް ކުރާ ފުރައްސާރަ އިތުރުވާނެ ކަމެއް ކަމުގެ ކަންބޮޑުވުން، ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ފާޅުކޮށްފިއެވެ. ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި، އެ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީ ކަމަށް ވިދާޅުވެ، ބިދޭސީން ހުއްޓުވައި ސުވާލުކުރަން ރައީސް އެންގެވީ މިދިޔަ ބުދަ ދުވަހެވެ. ރައީސް އެގޮތަށް އެންގެވި ފަހުން، ބިދޭސީން ޗެކްކުރި ފުރަތަމަ ރޭ ވެސް މާލެއިން 23 ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކުރިއެވެ. އަދި އެ ބިދޭސީ މީހާ އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތްކުރާ ކަމަށް ފުލުހުން ބުންޏެވެ. އެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިސްކޮށް އޮވެ، ހަތަރު ޖަމިއްޔާއެއް ހިމެނޭ ގޮތަށް ވަނީ ބަޔާނެއް ނެެރެފައެވެ. އެއީ އީކުއަލް ރައިޓްސް އިނިޝިއެޓިވް (އީއާރުއައި) އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއީ އެސޯސިއޭޝާން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސްއާ ގުޅިގެންނެވެ. އެ ބަޔާނުގައިވަނީ، ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ބިދޭސީންނަށް ބިރުދެއްކުމާއި، ބާކީކުރުމުގެ ބިރުވެރިކަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، މި ފިޔަވަޅުތަކުގެ ސަބަބުން ބިދޭސީންނަށް އަނިޔާކުރުމާއި، އެމީހުންގެ ނާޖާއިޒު ފައިދާ ނެގުމާއި، އުނދަގޫކުރުމުގެ ފުރުސަތު އިތުރަށް ބޮޑުވާނެ ކަމަށް އެ ޖަމްއިއްޔާތަކުން ބުންޏެވެ. https://x.com/TransparencyMV/status/2001655372952776839 އެ ބަޔާނުގައިވަނީ، ރާއްޖޭގައި މިހާރުވެސް ބިދޭސީންނަށް މުސާރައާއި އުޖޫރަ ނުދިނުމާއި އެ މީހުންގެ ޕާސްޕޯޓް އަތުލުމާއި ރައްކާތެރި ނޫން އަދި ލާއިންސާނީ މަސައްކަތްތައް ކުރުވުމުގެ މައްސަލަ ބޮޑު ކަމަށެވެ. ބިދޭސީންނަށް މުސާރަ ދިނުމުގައި، މިނިމަމް ވޭޖްގެ އުސޫލުތަކަށް އަމަލުނުކުރާ ކަމުގެ ކަންބޮޑުވުން ވެސް އެ ޖަމްއިއްޔާތަކުން ފާހަގަކުރިއެވެ. އެ ބަޔާނުގައި ވަނީ، ބިދޭސީންނަކީ ސަލާމަތީ ނުރައްކަލެއްގެ ގޮތުގައި ދޭހަވާ މޭރުމަކުން ވާހަކަދައްކައިގެން ނުވާނެ ކަމަށް ބުނެފައެވެ. އަދި ހުރިހާ ފަރުދުންގެ ހައްގުތަކާއި ކަރާމާތް ހިމާޔަތްކުރުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ވެސް އެ ޖަމްއިއްޔާތަކުން ފާހަގަކޮށްފައިވެއެވެ. ވަކި ބަޔަކަށް އަމާޒުކޮށްގެން އަޅާފައިވާ އެ ފިޔަވަޅަކީ ހިނގާބިނގާވެ އުޅުމުގެ މިނިވަންކަމަށް ފުރިހަމައަށް ހުރަސްއެޅޭ ފިޔަވަޅެއް ކަމަށާއި އެއީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ފާޅުކަން ބޮޑުކޮށް ފުށުއަރާ ނިންމުމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެހެން ޖަމިއްޔާތަކުން ބުންޏެވެ. އެއީ ބިދޭސީންނާ މެދު އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދާ ފިޔަވަޅެއް ކަމަށާއި އެއީ ކަނޑައެޅިގެން ތަފާތުކުރުމަށް ބާރުއަޅުވާ ނިންމުމެއް ކަމަށް ވެސް ބުނެފައިވެއެވެ. ބާޒާރު ސަރަހައްދުގައި ބިދޭސީ މީހެއް: ސަރުކާރުން އިއުލާންކުރި ފިޔަވަޅާއެކު، ބިދޭސީންނަށް ފުރައްސާރަކުރުން އިތުރުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ ރާއްޖޭގެ ގާނޫނުއަސާސީގައި އެންމެންގެ ހަމަހަމަކަން ކަށަވަރުކޮށްދީ، ތަފާތުކުރުން ފާޅުކޮށް މަނާކޮށްފައިވާކަން އެ ޖަމްއިއްޔާތަކުން ފާހަގަކޮށްފައިވެއެވެ. އެ ބަޔާނުގައި ވަނީ އާންމު ރައްކާތެރިކަމުގެ ކަންބޮޑުވުންތައް ހައްލުކުރަން ޖެހެނީ، ހެކިތަކަށް ބިނާކޮށް ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ބުނެފައެވެ. އެހެންކަމުން، މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ހައްގުތައް ހަރުދަނާކުރުމާއި، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަނިޔާވެރިވާ މީހުން ޖަވާބުދާރީކުރުވުމަށް އެ ޖަމިއްޔާތަކުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ގޮވާލާފައެވެ. މީގެ އިތުރުން ބިދޭސީން ހުއްޓުވައި ސުވާލުކުރުމުގެ ފިޔަވަޅު ވީހާވެސް އަވަހަށް މުރާޖަޢާކޮށް، އިންސާނީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އެ ޖަމްއިއްޔާތަކުން ވަނީ ގޮވާލާފައެވެ. https://sun.mv/215488 ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވެފައިވާއިރު ކުށުގެ ވެށީގައި ހަަރާކާތްތެރިވާ ބިދޭސީންގެ މައްސަލަ ވެސް ވަކި މަދެއް ނޫނެވެ. ވަރަށް ފަހުން ވެސް ބަނގުރާ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ވެސް ފެންމަތިވެފައިވެއެވެ. މިފަދަ ސަބަބުތަކާ ގުޅިގެން ބިދޭސީން މޮނީޓާ ކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ