ވަގަށްނެގި 140،000 ރުފިޔާގެ އަގުހުރި އިންޖީނެއް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލޭގެ ގެއަކުން ވަގަށްނެގި 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ފުލުހުން ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ އެ އިންޖީނު ވަގަށް ނަގާފައިވަނީ، ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުއްޓާކަމަށެވެ. މިކަމެއް ހިނގާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ވަގަށްނެގި އިންޖީނަކީ 40 ހޯސްޕަވަރުގެ އިންޖީނެއްކަމަށާއި، އެ އިންޖީޏު ހޯދާފައިވަނީ ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ހުޅުމާލެ  ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ކަމަށެވެ.
ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޑިސެންބަރު 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށެވެ. އެތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައްވެސް ފެނިފައިވެއެވެ. އަދި ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް ވިއްކާލާފައިވަނިކޮށެވެ. 
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވިނަމަވެސް، މިމައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށެވެ.
ފުލުހުން ބުނީ ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުންނަކަން ވަނީ ފާހަގަކުރެވޭ ކަމަށާއި،  އެހެންކަމުން މިފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެތް ހޯދި މުދާކަން ކަށަވަރުކޮށް، އެ މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި އެތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މުދާ ގަތުމުގެ ކުރިން އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ކަށަވަރުކުރުމަކީ ގަންނަފަރާތުގެ ޒިންމާއެއްކަމަށްވާއިރު، އެފަދަ މުއާމަލާތްތައް ހިންގުމުގައި ފަރުވާކުޑަކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޅަވަޅު އަޅަމުންދާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ