އާމްދަނީ އިތުރުކުރާނަމަ ޓެކްސް ބޮޑުނުކޮށް ކުރަންވީ ކަމަކީ ޓެކްސް ބޭސް ފުޅާކުރުން: ނަޝީދު

ދައުލަތުގެ އާމްދަނީ މަތިކުރުމަށްޓަކައި ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަންވީ ކަމަކީ ޓެކްސް ދައްކަންޖެހޭ މީހުން އިތުރުކޮށް، ޓެކްސް ބޭސް ފުޅާކުރުން ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. ކ. މާފުށީގެ ފަތުރުވެރިކަމުގެ އާ ޑެސްޓިނޭޝަން ބްރޭންޑް ކަމަށްވާ "ހާޓް އޮފް މޯލްޑިވްސް"، ނުވަތަ ދިވެހިރާއްޖޭގެ ހިތް ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާފުށި ރައްޔިތުންގެ އަމިއްލަ ހާލަތު ރަނގަޅުކުރުމަށްޓަކައި އެދޭ އެދުމަކީ އެ ރަށް ކުރިއަރައި ދިއުމުގެ އަސްލު ކަމަށެވެ. އަހަރެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 20 ޕަސެންޓު ފަތުރުވެރިން އަރައި ފައިބަނީ މާފުށްޓަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މާފުށި ކައުންސިލް ރައީސް ޙުސައިން ޞަލާޙް، ކ. މާފުށީގެ ފަތުރުވެރިކަމުގެ އާ ޑެސްޓިނޭޝަން ބްރޭންޑް ކަމަށްވާ "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ/ ޓޫރިޒަމް މާފުށި ފޭސްބުކް އެމަނިކުފާނު ވިދާޅުވީ، ސަަރުކާރުން މާފުށީގައި ހިންގާ ކޮންމެ މަޝްރޫއަކުން ވާނީ ފައިދާ ކަމަށެވެ. "ސަރުކާރުގެ ނަފާ، ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ހަދާންވީ ގޮތަކީ ޓެކްސް މަތިކުރުމެއް ނޫން އިނގޭތޯ، މިހާރު މި ނަގާ ޖީއެސްޓީ އަނެއްކާވެސް ދެ ޕަސެންޓުން އިތުރުކުރުމެއް ނޫން، އެހެން ނަމަވެސް ޓެކްސްގެ ބޭސް، ޓެކްސް ދައްކާ މީހުންގެ އަދަދު އިތުރުކުރުން،" ނަޝީދު ވިދާޅުވިއެވެ. މާފުށީގެ އިތުރުން އެހެން ރަށްރަށުގެ ބޭރުގައި ހިއްކާފައިވާ ފަޅުތަކުގައި އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ، ޓެކްސް މަތިކުރުމުގެ ބަދަލުގައި އެ ތަންތަނަށް ކަރަންޓާއި ފެނުގެ ޚިދުމަތްތައް ދޭން ފެށުމުން ޓެކްސް ދައްކާ މީހުންގެ އަދަދު އިތުރުވެ، އާމްދަނީ ވަންނަން ފަށާނެ ކަމަށެވެ. https://x.com/MohamedNasheed/status/2002367935269224603 ފަތުރުވެރިކަމުގެ އިތުރުން، އެހެން ވިޔަފާރިތައް ކުރިއެރުވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަންވީ ކަންތައްތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭނެ، އަދި އެ ކަންކަން ކުރުމަށް ސަރުކާރުގެ ސިޔާސަތުތައް ފަހިވާންޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ. އެއާއެކު، ނަޝީދު ވަނީ، ކުނި އުކާލުމުގެ ބަދަލުގައި ރީސައިކަލްކޮށް، ގަސްކާނާ ފަދަ ބޭނުންހިފޭ ތަކެތީގެ ގޮތުގައި އެފަދަ ތަކެތި ބޭނުންކުރުމަށާއި، ނަޖިސް ފެންވެސް ސާފު ރީތި ފެނުގެ ގޮތުގައި ބޭނުންކުރެވޭ ގޮތް ހެދުމަށް އެދިވަޑައިގެންފައެވެ. އަދި މާފުށީގެ މަގުތައް ތަރައްގީކުރަން ވާނީ އެ ރަށުގެ ޖަޒީރާ ސިފަ ނުގެއްލޭ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. ތަރައްގީއަކީ ކޮންކްރީޓެއް ނޫން ކަމަށާއި، ތަރައްގީއަކީ އަމިއްލަ ނަފުސަށް އަންނަ ބަދަލު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި އެއް ވައުދަކީ ޓެކްސް ތައާރަފްކުރުމުގެ ބަދަލުގައި ޓެކްސް ބޭސް ފުޅާކުރުމެވެ. ނަމަވެސް އެ ވައުދުފުޅާ ޚިލާފަށް ބައެއް ޓެކުހުން ނަގާ އަދަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން އެއާޕޯޓުން ފުރާ މީހުން އަތުން ނަގާ ޓެކުހާއި ގްރީން ޓެކުހާއި ޓީޖީއެސްޓީގެ ގޮތުގައި ނަގާ އިންސައްތަ ވަނީ ބޮޑުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ