ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހު ވަގުތު ކްލަބް އީގަލްސް 3-2 އިން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ބުރުން ތިން ވަނަ އަށް ޖެހިލީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ފަހަތަށް ޖައްސާލައިފަ އެވެ. ބުރު އަށް 11 މެޗުން 20 ޕޮއިންޓް ހޯދިއިރު، ކުރިން ތިން ވަނައިގައި އޮތް ނިއު އަށް ވެސް 11 މެޗުން 20 ޕޮއިންޓް ލިބިފައިވެ އެވެ. އެހެން ނަމަވެސް ލަނޑުގެ ތަފާތަށް ބަލާއިރު، ބުރު އަށް ވަނީ ނިއު އަށް ވުރެން ކުރި ލިބިފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އާއި ބުރަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެ ގޮތުން، އީގަލްސްގެ ޔޫސުފް ސިދާމް (ސިއްކޮ) ނެގި ހުރަހަކަށް އަރައި، އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ރަނގަޅަށް ފޮނުވާލެވޭގޮތެއްނުވި އެވެ.
ފުރަތަމަ ހާފުގައި ބުރުގެ މުހައްމަދު ނާއިމް، ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ދަނޑިކައިރިން ބޭރަށް ދިޔައިރު، އޭރިއާބޭރުން ފޮނުވާލި ބޯޅައެއް އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ވަނީ މަތަކޮށްފަ އެވެ.
އީގަލްސް އިން ވަނީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ފޭދޫ އިއްބެ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބުރުން އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގައި ނާއިމް ޖެހި ގޯލުންނެވެ. އެ ޓީމުގެ، ބްރެޒިލް ފޯވާޑް، ހަޑްސަން ޑިއާޒް، ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ނާއިމް ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ބުރުން ނަތީޖާ އަނބުރާލީ އިބްރާހިމް އުސާމާ ހަސަން މަޖީދު ޖެހި ގޯލުންނެވެ. ހާފުގެ މެދެއްހާ ހިސާބުން ބުރުގެ އަހުމަދު އަބްދުﷲ (ލިލީ) ޖެހި ޝޮޓެއް، ކީޕަރު އަޝްވާން އަތުގައި ޖެހިފައި، ހުރަސްދަނޑީގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު، ރަނގަޅު ތަނަށް އަރައި، އުސާމާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިތުރު ވަގުތުގެ ފުރަތަަމަ މިިނިޓްގައި، ނާއިމް ވަނީ ބުރުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ހަޑްސަން ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ނާއިމް ޖެހި ގޯލެކެވެ. އޭގެ ފަހުން، އީގަލްސް އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. މިއީ، މި ފަހަރުގެ ޓްރާންސްފާގައި އީގަލްސްއާ ގުޅުމަށް ފަހު، ތަޖުރިބާކާރު މިޑްފީލްޑަރު، ބޮންޑާ ޖެހި ފުރަތަމަ ގޯލެވެެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ބުރުގެ ކީޕަރު، ހަސަން އަލީފް ބޯމަތިން ގޮހެވެ.
ލީގުގެ ފުރަތަމަ ބުރުގައި ވެސް އީގަލްސް އިން ވަނީ ބުރު ކައިރިން ލީޑެއްނަގައިފަ އެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ފަހަރު، ބުރު އަތުން އީގަލްސް ބަލިވިއިރު، ދެ ވަނަ ބުރުގައި ފުރަތަމަ ދެ މެޗުން އީގަލްސް މި ވަނީ ބަލިވެފަ އެެވެ. ލީގުގެ ހަ ވަނައިގައި އޮތް އީގަލްސް އަށް ވަނީ 11 މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ފަހު ވަގުތު އީގަލްސް ބަލިކޮށް ބުރު ތިން ވަނަ އަށް ފަހު ވަގުތު އީގަލްސް ބަލިކޮށް ބުރު ތިން ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ