ކ. ގުރައިދޫ ކައިރިން 6 ފޫޓުގެ ކިނބުލެއް ހިފައިފި
ކ. ގުރައިދޫގެ ދެކުނުން ހަ ފޫޓުގެ ކިނބުލެއް މިއަދު ހިފައިފިއެވެ. އެމްއެންޑީއެފުން ބުނީ، ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން ހަ ފޫޓުގެ ކިނބުލެއް ހިފީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ. އަދި އެ ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މިހާރު ކުރަމުން ދަނީ އެ ކިނބުލަށް ރާއްޖެ ނާދެވޭ ގޮތަށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، ކ. އަތޮޅުގައި ހިންގާ, ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުން ކިނބުލެއް ފެނިގެން މިދިޔަ އޭޕްރިލް މަހުގެ 18ވަނަ ދުވަހު ރިޕޯޓުކުރިއެވެ. ރާއްޖޭން ކިނބޫ ފެނުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ވަކި މޫސުމެއްގައި ރާއްޖޭން ކިނބޫ ފެނިފައި އެބަހުއްޓެވެ. ވަރަށް ކުރިން ރާއްޖޭން ފެނުނު ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ބަގީޗާގައި ވެސް ގިނަ އަހަރުތަކެއް ވަންދެން ބޭއްވިއެވެ. ފަހުން އެ ކިނބޫ ވަނީ ގޮތް ނޭނގޭ ގޮތަކަށް މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ