އިމްޕޯޓު ޑިއުޓީއާ ހުރެ އަންދާޒާ ކުރި ވަރަށް ދައުލަތަށް އާމްދަނީ ނުލިބިދާނެ އިމްޕޯޓު ޑިއުޓީއާ ހުރެ އަންދާޒާ ކުރި ވަރަށް ދައުލަތަށް އާމްދަނީ ނުލިބިދާނެ

މި ހިނގަމުން އަންނަ އަހަރުގެ ބަޖެޓުގައި އިމްޕޯޓު ޑިއުޓީގެ ގޮތުގައި ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާ ކުރި 4.5 ބިލިއަން ރުފިޔާއާ ގާތަށް ވެސް ނުލިބޭނެކަށް ކަށަވަރުވެ، މީގެ އަސަރު ދައުލަތުގެ ޖުމުލަ އާމްދަނީއަށް ކުރުމުގެ ފުރުސަތު އޮތް ކަމަށް ފިނޭންސް މިިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އެންމެ ފަހުން އާންމުކޮށްފައިވާ އަހަރުގެ 47 ވަނަ ހަފުތާ ނިމުނުއިރު ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 2.8 ބިލިއަން ރުފިޔާ އެވެ. މިއީ އަންދާޒާ ކުރި ވަރުގެ 63 ޕަސެންޓެވެ. އަދި ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާގެ ތަފާތެކެވެ.
ޑިއުޓީ އާމްދަނީއަށް މި ވަރުގެ ބޮޑު ވެއްޓުމެއް އައުމުގެ އަސަރު އެންމެ ބޮޑަށް ދައްކަނީ ޓެކްސް އާމްދަނީގެ ދާއިރާއިންނެވެ.
އެންމެ ފަހުގެ މާލީ ހިސާބުތަކުގެ ރިޕޯޓުގައި ވަނީ، އެހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 26.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަަމަށެވެ. މިއީ މި އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާ ކުރި 29.2 ބިލިއަން ރުފިޔާގެ 92 ޕަސެންޓެވެ. އަދި، އަންދާޒާތަކާ އެއްވަރުގެ އާމްދަނީއެއް ހޯދަން އަހަރުގެ ބާކީ ތިން ހަފުތާގެ ތެރޭގައި 2.2 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.
އަންދާޒާ ކުރި ވަރަށް ޓެކްސް އާމްދަނީ ނުލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އެހެން ޓެކްސްތަކުން ރަނގަޅު އާމްދަނީއެއް ލިބޭތީ، ގެއްލޭ އާމްދަނީގެ ފަރަގު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ ވިޔަފާރިތަކާއި ފަރުދުންގެ އިންކަމް ޓެކްސްއިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާތީ އެވެ.
މިހެން ނަމަވެސް، މި އަހަރު ބަޖެޓު ތައްޔާރުކުރިއިރު އަންދާޒާ ކުރި 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ނުބެލެވޭތީ، އިމްޕޯޓު ޑިއުޓީން ގެއްލޭ އާމްދަނީ ޓޫރިޒަމާ ގުޅުން ހުރި ޓެކްސްތަކާއި އެ ނޫން ޓެކްސްތަކުން ލިބުމުގެ އޮތީ ވަރަށް ކުޑަ ފުރުސަތެކެވެ.
އިމްޕޯޓު ޑިއުޓީ އާމްދަނީތަކުން ކައްސާލުމާ ގުޅިގެން އަންނަ ފަރަގު އެންމެ ބޮޑަށް ކުޑަކޮށްދެނީ، އަންދާޒާ ކުރި ވަރަށް ވުރެ އިތުރަށް ޓެކްސް ނޫން އާމްދަނީ ލިބުމާ ގުޅިގެންނެވެ. ބަޖެޓުގައި މި ދާއިރާއިން ލިބޭނެ ކަމަށް އަންދާޒާ ކުރީ 7.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، އަންދާޒާތަކަށް ވުރެ އިތުރަށް 822.8 ބިލިއަން ރުފިޔާ ލިބުމާ ގުޅިގެން، މި ދާއިރާއިން ލިބުނު އާމްދަނީ ވަނީ 8.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ޓެކްސް ނޫން އާމްދަނީގެ އަންދާޒާ ފަހަނައަޅައި ދިޔައީ، "އަދާ ފީސް އެންޑް ޗާޖަސް" ގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުމާ ގުޅިގެންނެވެ. މިއީ، މި ދާއިރާއިން ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާ ކުރީ 572 މިލިއަން ރުފިޔާއަށް ވުރެ، 769 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީ ހިމަނައިގެން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 36 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި 39.7 ބިލިއަން ރުފިޔާގެ 90 ޕަސެންޓެވެ. އަދި، އާމްދަނީގެ އަންދާޒާތަކަށް ވާސިލުވާން އިތުރަށް ބޭނުންވަނީ 3.7 ބިލިއަން ރުފިޔާ އެވެ.
މިއީ އާންމުކޮށް މަހެއްގެ މައްޗަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ތިން ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ