ވަގަށް ނެގި، އެއް ލައްކަ ރުފިޔާގެ އިންޖީނެއް ފެނުނީ ބައު ދަގަނޑުގެ ގޮތުގައި 1،083 ރުފިޔާއަށް ވިއްކާލި ފަހުން
ހުޅުމާލޭގެ ގެއެއްގައި ބަހައްޓާފައި ހުރި 140،000 ރުފިޔާގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނެގި މައްސަލައިގައި, ފުލުހުން އެ އިންޖީނު ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުންގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން, ބުރާސްފަތި ދުވަހު އެ އިންޖީނު ހޯދުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ އިންޖީނު ހޯދާފައިވަނީ، ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުރާސްފަތި ދުވަހު، ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކުރަނިކޮށް ކަމަށެވެ. އެ ތަން ބަލައިފާސްކުރިއިރު، އިންޖީނުގެ ބައެއް ބައިތައް ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އަދި ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބައު ދަގަނޑުގެ ގޮތުގައި ނުއަގުގަައި 1،083 ރުފިޔާއަށް ވިއްކާލާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އިންޖީނު މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހެއް މަގުމަތީގައި: ފުލުހުން ވަނީ ހުޅުމާލޭ ގެޔަކުން ވަގަށް ނެގި އިންޖީނެއް ހޯދައި ދީފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މުއައްސަސާއިން ވަނީ، ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެ ތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެއް ހޯދި މުދާކަން ކަށަވަރުކޮށް، އެ މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި އެ ތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ. މީގެ އިތުރުން، މުދާ ގަތުމުގެ ކުރިން އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ކަށަވަރުކުރުމަކީ ގަންނަފަރާތުގެ ޒިންމާއެއް ކަމަށްވާއިރު، އެފަދަ މުއާމަލާތްތައް ހިންގުމުގައި ފަރުވާކުޑަކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޅަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު އެ މުއައްސަސާއިން ވަނީ ދީފައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން 3،302 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އެއީ ފުލުހަށް ހުށަހެޅި މައްސަލަތަކުގެ 28.8 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ