ކާވެނީގެ އަޚުލާޤިއްޔަތަށް ނަޒަރެއް

އިސްލާމީ މުޖުތަމަޢެއްގައި ކާވެންޏަކީ އެންމެ އަސާސީ ބިންގަލެވެ. އިޖްތިމާޢީ ހަމަޖެހުމަށް ކުރާ، އެދެވޭ އަދި ނޭދެވޭ ހުރިހާ އަސަރެއް ވެސް ގުޅެނީ ކާވެންޏާއެވެ. ޢާއިލީ ގުޅުންތައް ހަރުދަނާވެ ގުޅިލާމެހުމަކީ މުޖުތަމަޢު އެއްބައިވުމެވެ. ޢާއިލާރޫޅި ވިއްސިވިހާލިވުމީ މުޖުތަމަޢު ގެއްލެނިވުމެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކާވެންޏަކީ ދެމަފިރިންނާ ހަމައަށް ހަނިކޮށްފައި އޮންނަ އެއްޗެއް ނޫނެވެ. މައިންބަފައިންނާއި ބޮޑުދައިތަ، ބޮޑުބޭބެ ކަހަލަ ދޮށީ އުމުރުގެ މީހުން ވެސް އޭގެތެރޭގައި ހިމެނޭހެން ގެންގުޅޭ ފުޅާ ވިސްނުމެކެވެ. އެހެނަސް މީސްމީޑީއާގެ ތެރެއިންލާފައި މުޖުތަމަޢަށް މިއަދު ކުރަމުންދާ ނޭދެވޭ އަސަރުތަކުގެތެރެއިން އެއް އަސަރަކީ ކާވެންޏަށް ކުރާ އަސަރުތެކެވެ. ކާވެންޏެއްގައި ދެމަފިރިން އެކަކު އަނެކެއްގެ ކިބައިން ހޯދައި ލިބިގަންނަންވީ ޙައްޤުތަކާއި އޭގެ މިންވަރަށް އައި ބަދަލެވެ. އުފުލަންޖެހޭ ޒިންމާއާއި ވާންޖެހޭ ޤުރުބާނީތައް ފޮރުވެމުން، ފުހެވެމުން، ނެތެމުން ދާދިޔުމެވެ. މިއަދު އަޅުގަނޅުމެންގެ ތެރެއިން ކޮންމެ މީހަކަށް މި ވަނީ ކާވެންޏާއި އޭގެ ޙަޤީޤީ މަޤްޞަދާމެދު ވިސްނައިލަން ޖެހިފައެވެ. ކާވެނިން ލިބިދޭންޖެހެ އަޚުލާޤީ ތަރުބިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދެވޭނޭ ގޮތްތައް ދަސްކޮށް އޭގެ މަތީގައި ޙަޔާތުގެ ޞަފުޙާތައް އަލުން ލިޔާންޖެހިފައެވެ. ކާވެނީގެ އެންމެ މައިގަނޑު އެއް އަސްލަކީ ލޯތްބާއި ރަޙުމަތާއި އޯގާތެރިކަން ފެތުރުމެވެ. ނުދަންނަ ދެ މީހުންގެ މެދުގައި އެ ކަން ދިރުވައި އާލާކުރުމެވެ. އެ ކަން އެ ދެ މީހުންގެ ހިތުގައި ލައްވަނީ އިލާހީ ދަރުބާރުންނެވެ. ކާވެނިކުރުމަށް އޮތް އިލާހީ އަމުރުފުޅަށް ކިޔަމަންވި ކަމުގެ މައްޗަށް ﷲ ހިބަކޮށްދެއްވާ ހަދިޔާއެއްގެ ގޮތުންގައެވެ. ދެ ޢަރޫސުންގެ ހިތުގައި ހަމަހިމޭންކަމާއި ލޯބި ލައްވަނީ ﷲއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ‎﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً﴾ ‎(الروم: ٢١)‏ މާނައީ: "ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ." މިއީ ކާވެނިގެ ފުރަތަމަ އަޚުލާޤެވެ. ކާވެނިން ހޯދަންޖެހޭ އެންމެ ފުރަތަމަ އަޚުލާޤަކީ ލޯބިވުމާއި ލޯބިދިނުމެވެ. އެ ކަން ކުރެވޭނީ ހަމަހިމޭންކަން ލިބިގެންނެވެ. އެއީ އަވަސްވުމެއް ނެތް ރިވެތި ކެތްތެރިވުމެވެ. އެއީ ތަފާތު މިޒާޖެއްގެ ތަފާތު ދެ މީހުން އެކު އުޅުމަށް ޓަކައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަންތަކެވެ. ތިމާގެ ހިތުން ނޭދެވޭ ގޮތްގޮތް އަނެކާގެ ޢަމަލުތަކުން ފެނުމުން، އެ ކަންކަމަށް ކެތްތެރިވާ ކެތްތެރިވުމެވެ. ކާވެނީގެ އަޚުލާޤުގެ ތެރެއިން ދެވަނައަށް އެންމެ އިސްކަމެއް ދޭންވީ ރިވެތި ގޮތުގައި ބަދަލު ގެނައުމަށެވެ. ބައިވެރިޔާގެ ކިބައިގައި ހުރި އުނި ސިފަތަކަކީ އެ ސިފަތަކާ އެކު އަބަދު އުޅެވޭނެ ކަންކަމެއް ނޫނެވެ. އެ ކަންކަން ހެޔޮމަގަށް ބަދަލު ނުކުރެވޭ ނަމަ ދެ މީހުންގެ ވެސް ނަފުސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއްކޮށްފާނެއެވެ. އެކަން ވާނީ ދިގު މުއްދަތެއްގެ ތެރޭގައެވެ. ގޯހުންގޯހަށް ދާން ކަންކަން ދޫކޮށްނުލާށެވެ! ޙިކުމަތްތެރިކަމާއި ޙިލްމުވެރިކަމުން އެ ކަންކަން ބަދަލުކުރަން މަސައްކަތް ކުރުމަކީ މި ދަންނަވާ ދެވަނަ އަޚުލާޤެވެ. އަދި ހަމަ އެއާ އެކު ބައިވެރިޔާއަށް ހިތްފަސޭހަ މީހަކަށް ވުމަށް ޓަކައި ތިބާގެ ނަފުސު ވެސް ބަދަލުކުރަން ޖެހޭ ނަމަ އެކަން ކުރުމަކީ ކާވެނިން ލިބިގަންނަންޖެހޭ އަޚުލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކާވެނީގެ އަޚުލާޤުގެ ތެރެއިން ތިންވަނަ ކަމަކީ ދެމަފިރިން އެކަކު އަނެކަކުގެ ޢާއިލާ ބޮޑެތި މީހުންނަށް އިޙުތިރާމުކުރުމާއި ކުޑަކުދިންނަށް އޯގާތެރިވުމެވެ. މިއީ ބައިވެރިޔާއަށް އިޙުތިރާމު ކުރުމަށާއި ކާވެނީގެ ގޮށް ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. އެކަކު އަނެކަކުގެ އަހުލުންނަށް ކުޑައިމީސްކޮށް އެ މީހުންގެ ކިބައިން ފެންނަ އުނިކަންކަމުގެ ވާހަކަދައްކާ ނަމަ ހިތުގައި ނަފުރަތްތެރިކަން އުފެދޭނެއެވެ. އަދި އެ ގޮތަށް ޖެހޭ ލައްގަނޑުގަނޑު ގިނަ ދުވަސްތަކެއް ފަހުން، ފަސޭހަވުން ދުރު ބޮޑު ފާރުގަނޑަކަށް ބަދަލު ވެދާނެއެވެ. އެހެންކަމުން ކާވެނީގެ ގުޅުންތައް ރަނގަޅުގޮތުގައި ދެމެހެއްޓުމަށް ޓަކައި ކާވެނީގެ އަޚުލާޤުތައް ދަސްކޮށް އެގޮތުގެ މަތިން ޢަމަލުކުރަން އަވަސްވެގަންނާށެވެ! މި ލިޔުމުގައި ހިމަނައިލީ އޭގެން ވަރަށް މަދު މިންވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ