ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު
މެދުރާއްޖެ ތެރެއަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ، 12:45އިން 16:00އަށް، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މީގެ އިތުރުން އެ ސަރަހައްދަށް ކަނޑުގަދަވާނެ ކަމަށް ބުނެފައިވާއިރު، މީގެ ކުރިން މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑުގަދަވާނެ ކަމަށް ބުނެފައެވެ. https://x.com/MetMaldives/status/2002281432786555203 އެ އިދާރާއިން ބުނެފައިވަނީ، ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގެ ކަނޑުތަކުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދަށް ރާޅު ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށެވެ. https://sun.mv/215571 ކަނޑުތައް ގަދަވާއިރު، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. އެގޮތުން ރޭގަނޑު ދަތުރު ކުރާނަމަ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށް އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ދަތުރުކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަމްޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދުދެއެވެ. https://x.com/MetMaldives/status/2001594802555748371 މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވެއެވެ. އެގޮތުން، އިރުވައި މޫސުން މިދިޔަ ބުދަ ދުވަހު ފެށިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އިރުވައި މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެންބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފުތާގެ ތެރޭގައި މެދު ރާއްޖޭގެ އަތޮޅުތަކަށް ފަށައި، ޖަނަވަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް ފެށޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ