ސަލްޓަންސް އޮފް ދަ ސީސް އިން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 110 މިލިއަން ރުފިޔާ ދައްކަންޖެހޭކަން ހާމަވެއްޖެ އެވެ.
ކަސްޓަމްސް އަށް ފައިސާ ދައްކަންޖެހޭ މީހުންގެ ލިސްޓު ނެރުނުއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސަލްޓަންސްގެ ނަމެވެ. އެ ކުންފުނިން ދައްކަންޖެހެނީ އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާއަށްވާ 110 މިލިއަން ރުފިޔާ އެވެ.
ޖުމްލަ 503 ފަރާތެއްގެ ނަން ހިމެނޭ ކަސްޓަމްސްގެ ލިސްޓުގައި އެންމެ ގިނައީ ދުންފަތުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ މީހުންގެ ނަމެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ މާލެ، މާފިނިވާގޭ، އަޝްރަފް ވަހީދު އެވެ. އޭނާ ވަނީ 72.1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
އޭގެއިތުރުން 10 މިލިއަނަށްވުރެ ގިނައިން ކަސްޓަމަށް ފައިސާ ނުދައްކާ 16 ފަރާތް ހިމެނެ އެވެ. މިލިއަނަކާއި 10 މިލިއަނާ ދެމެދު ފައިސާ ނުދައްކާ 57 ފަރާތެއްގެ ނަން ލިސްޓުގައި އެބަ އޮތެވެ.
ކަސްޓަމަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ގިނަ އަދަދެއްގެ ބިދޭސީންނާއި ގިނަ އަދަދެއްގެ ކުންފުނިތައް ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.
ކަސްޓަމުން އަލަށް އަމަލުކުރި އުސޫލުގެ ދަށުން އެތަނަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000ރ. އަށްވުރެ އިތުރުވެ، އެ ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ލިޔުމުން އެކަން އެންގުމަށްފަހު އެ ފަރާތެއްގެ ނަން ކަސްޓަމްސްގެ ވެބްސައިޓުގައި ހާމަކުރާނެ އެވެ.
ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އުސޫލުގައި ބަޔާންކޮށްފައި ވަނީ މަދުވެގެން ކޮންމެ ދެ މަހަކުން އެއް ފަހަރު ލިސްޓު އާންމު ކުރާނެ ކަމަށެވެ.
އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ މަރުހަލާތަކަކީ ކަސްޓަމްސްގެ ރަސްމީ ވެބްސައިޓުގައި މައުލޫމާތުތައް ހާމަކުރުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި ކަސްޓަމްސްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މައުލޫމާތުތައް ހާމަކުރުމެވެ.
ނަމަވެސް މައުލޫމާތުތައް ހާމަކުރަން ބަޔާންކޮށްފައިވާ މަރުހަލާތަކުގެ ތެރެއިން އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދާންވާނީ 15 ދުވަސް ފާއިތުވުމުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އުސޫލުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭ ފަރާތުން ކަސްޓަމްސްއަށް ފައިސާ ދައްކައިފިނަމަ، ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު ކަސްޓަމްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ އެ ފަރާތެއްގެ ނަން އުނިކުރެވޭނެ އެވެ. އެކަމަކު ގެޒެޓުގައި ޝާއިއުކުރާ ލިސްޓުން ނަން އުންޏެއް ނުކުރެވޭނެ އެވެ.
ކަސްޓަމްސް ލިސްޓު: ސަލްޓަންސް އޮފް ދަ ސީސް އިން 110 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަސްޓަމްސް ލިސްޓު: ސަލްޓަންސް އޮފް ދަ ސީސް އިން 110 މިލިއަން ރުފިޔާ ދައްކަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ