ކައިޒީން، ބައްޕައާ ދެކޮޅަށް ހުށަހެޅި މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި

ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީންގެ ބޯޓުގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ. މިއީ، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީންއާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލައެކެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަ ނުޖެހިގެން އެ ހުކުމް ހައިކޯޓަށް ހުށަހެޅީ ކައިޒީންގެ ފަރާތުންނެވެ. އެ މައްސަލައިގައި ކައިޒީން ބުނީ، އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް ގަނެދިން ބޯޓު އޭނާގެ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މީގެ ކުރިން ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން، ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދީފައެވެ. https://sun.mv/175473 ކައިޒީން މައްސަލަ ހުށަހެޅީ އިބްރާހީމްގެ ނަމުގައިވާ ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް އެދިއެވެ. ނަމަވެސް، ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް އުފުލާފައިވާ ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވުމާއެކު، ކޯޓުން ވަނީ އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅާފައެވެ. އެ މައްސަލައިގައި އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަނެފައި ވަނީ ކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. https://sun.mv/177925 އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީޘަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް އިބްރާހީމް އަލިފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެ ކޯޓަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ