ނޫސްވެރިން މަސްދަރު ހާމާ ކުރަން ޖެހޭ އިތުރު ހާލަތްތަކާ އެކު ހައި ކޯޓުން އަމުރު ހޯދަން އެދޭ ގޮތަށް ހެއްކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.
ފަސްމަންޒަރު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 2022ގައި ތަސްދީގު ކުރައްވައި، ޖެނުއަރީ 2023ގައި އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގައި މަސްދަރާ ގުޅޭ ގޮތުން ހުރި މާއްދަތަކާ މެދު ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓެވެ. ނަމަވެސް:
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ބިލު ފާސްކުރީ އެ ކަންބޮޑުވުންތަކަށް މާ ބޮޑެތި ހައްލުތަކެއް ނުގެނެސްދީ
ގާނޫނު އަލުން އިސްލާހު ކުރާނެކަމުގެ ޔަގީންކަން އޭރު ސޯލިހު ނޫސްވެރިންނަށް ދެއްވި ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައީ އެ ބިލަށް ފަހުން ހުށަހެޅި އިސްލާހު މަޖިލީހުގައި މަޑުޖެހިފައި އޮއްވާ
އޭރު ކޮމިޓީން އެ މަސައްކަތް ނިންމި ނަމަވެސް އެމްޑިޕީގެ މެންބަރުންގެ ތާއިދު ނުލިބިގެން އަނެއްކާވެސް އަނބުރާ ކޮމިޓީއަށް ފޮނުވާލި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްދަރު މައްދާ އިސްލާހުކުރާނެ ކަމަށް މި ސަރުކާރުން ބުނެފައިވެ އެވެ.
ވީ ކިހިނެއް؟ - ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ތަފްސީލު - މި ބިލުގައި މައިގަނޑު އެއް އިސްލާހަކަށް ހުށަހަޅާފައި އޮތީ، އޭރު ނޫސްވެރިން ކަންބޮޑުވުން ފާޅު ކުރި، ގާނޫނުގެ 136 ވަނަ މާއްދާގައިވާ މަސްދަރު ހަމާ ކުރުމާ ގުޅޭ އުސޫލުތަކަށް ބަދަލު ގެނައުމެވެ. އެގޮތުން:
މަސްދަރު ހާމަ ކުރުމުގެ އަމުރަކަށް އެދި ހުށަހަޅާނެ ވަކި ކޯޓެއް ގާނޫނުގައި މިހާރު ބަޔާންކޮށްފައެއް ނުވޭ. އެހެންވެ މެޖިސްޓްރޭޓް ކޯޓަކުން ވެސް އެފަދަ އަމުރެއް ހޯދުމަށް އެދުމުގެ ފުރުސަތު އޮވޭ
އިސްލާހުގައި އޮތީ، އެފަދަ އަމުރަކަށް އެދެެވޭނީ ހައި ކޯޓަށް ކަމަށް. އަދި 24 ގަޑިއިރު ތެރޭ އެ ކޯޓުން އެ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ
މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާ ކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހޭ
ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެއް
އެމްޑީޕީ ސަރުކާރުގައި މި ގާނޫނު ވުޖޫދު ކުރި އިރު މަސްދަރު ހާމަ ކުރަން އަމުރުކުރެވޭނެ ކުށްތަކުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ޓެރަރިޒަމްގެ ކުށް ނުވަތަ ގައުމީ ސަލަމާތާ ގުޅުން ހުރި ކުށްތަކާ ގުޅޭ ހާލަތްތަކެވެ. އޭރު ނޫސްވެރިން ފާޅު ކުރި އެއް ކަންބޮޑުވުމަކީ، 'ގައުމީ ސަލާމަތް' މާނަކޮށްފައި ނުވުމެވެ.
ފާހަގަކުރެވޭ - ޕީއެންސީން ހުށަހެޅި އިސްލާހުގައި ވެސް ގައުމީ ސަލަމާތް މާނަކޮށްފައެއް ނުވެ އެވެ. އެއާ ހިލާފަށް އޮތީ، މަސްދަރު ހާމަ ކުރަން ޖެހޭ އިތުރު ހާލަތްތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަ ކުރުން
ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް
ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ފަދަ އަމަލުތައް
އަދި "އެ ނޫން ވެސް ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަމަލެއް" އެކުލެވޭ ކުށް
އެ ފަސް ކުށުގެ ތެރެއިން އެންމެ ފުޅާ ގޮތެއްގައި މާނަކުރުމުގެ ފުރުސަތު އޮތް އެއް ހާލަތަކީ "ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަ ކުރުމުގެ" ކުށެވެ. ގާނޫނުލްއުގޫބާތުގެ 514 ވަނަ މާއްދާގައި އެއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ:
ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާގެ މައްޗަށް ލާޒިމްވެގެންވާ ވާޖިބަކާ ހިލާފުވެވޭކަން އެނގިހުރެ އަދި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ސިއްރު މައުލޫމާތު ހާމާ ކުރުން
އޭގެ އިތުރުން، މިހާރު ވެސް ގާނޫނުގައި މިފަދަ އަމުރެއް ނެރޭއިރު ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން މި ބިލުގައި ހިމަނާފައިވެ އެވެ. އަދި ކޯޓުން އެފަދަ އަމުރެއް ނެރޭއިރު ހުންނަން ޖެހޭ ބައެއް ކަންކަން އިތުރަށް ތަފްސީލުކޮށްދީފައިވެ އެވެ.
މި ބިލުގައި ހުރި އިސްލާހުތަކަށް އަމަލު ކުރަން އޮތީ، ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.
މަސްދަރު ހާމަ ކުރަން ޖެހޭ އިތުރު ހާލަތްތަކާއި ހައި ކޯޓުން އަމުރު ނެރުން ހިމެނޭ އިސްލާހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ