ރާއްޖޭގެ ތައުލީމީ އަދި މަސައްކަތުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ ނޯޓިލަސް ފައުންޑޭޝަނުން، ގައުމީ ތަރައްގީއަށް މުހިންމު ދާއިރާތަކަށް ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ހުރިހާ ހަރަދެއް ލިބޭ ހަތަރު ސްކޮލަޝިޕް އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ސްކޮލަޝިޕްތަކަކީ ދެމެހެއްޓެނިވި ކުރިއެރުމަށާއި ދުނިޔޭގެ މާކެޓުގައި ވާދަކުރުމަށް ދިވެހިންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ހޯދައިދިނުމަށް އެ ފައުންޑޭޝަނުން ދެމެހެއްޓެނިވި ގޮތެއްގައި ވަމުން އަންނަ އެހީތެރިކަމުގެ ބައެކެވެ.
ތަފްސީލް - ނޯޓިލަސް ފައުންޑޭޝަނުން މި އަހަރުގެ ސްކޮލަޝިޕްތަކަށް ވަނީ ރާއްޖޭގެ ތަރައްގީއަށްޓަކައި އެންމެ މުހިންމު ކަމަށް ފެންނަ ދާއިރާތައް ކަމަށްވާ މެޑިސިން، އެއާކްރާފްޓް އިންޖިނިއަރިން އަދި ކޮމާޝަލް ކުކަރީ ދާއިރާ ހޮވާފަ އެވެ. އެގޮތުން:
ސެޓްފިކެޓް 2 އިން ކޮމާޝަލް ކުކަރީ ސްކޮލަޝިޕް - މި ސްކޮލަޝިޕް ހާއްސަކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް
އެއާކްރާފްޓް މެއިންޓެނެންސް ލައިސަންސް ޕްރޮގްރާމް، EASA ޕާޓް 66 ސްކޮލަޝިޕް - މި ސްކޮލަޝިޕްގެ ދަށުން ދަރިވަރުންނަށް އެއާކްރާފްޓް މެއިންޓެނެންސް އިންޖިނިއަރުންގެ ގޮތުގައި ސެޓްފިކެޓް ހާސިލުކުރުމަށް ފުރިހަމަ ތަމްރީނުތަކެއް ދޭނެ؛ މީގެ ސަބަބުން މި މުހިންމު ދާއިރާގައި އެންމެ މަތީ ފެންވަރުގެ ސަލާމަތާއި ހިންގުމުގެ މިންގަނޑުތައް ދެމެހެއްޓުމަށް އެހީތެރިވެދޭނެ
މެޑިކަލް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް - މި ސްކޮލަޝިޕްގެ މަގްސަދަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކަށް އޮތް ބޭނުން ފުއްދުމަށް އެހީތެރިވެދިނުން؛ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުންނަށް ހާއްސަ ތަމްރީނުތައް ހާސިލުކުރުމުގެ ފުރުސަތު ލިބޭނެ
ނޯޓިލަސް ފައުންޑޭޝަނުން މި ސްކޮލަޝިޕްތައް ކޮންމެ އަހަރަކު ވެސް ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.
ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން، ނޯޓިލަސް ފައުންޑޭޝަންގެ ވެބްސައިޓްގައި ހިމެނޭ މައުލޫމާތުތަކަށް ބަލައި ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ފާހަގަކޮށްލެވޭ - ނޯޓިލަސް ފައުންޑޭޝަނަކީ ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކެއް ކަމަށްވާ ދަ ނޯޓިލަސް މޯލްޑިވްސް، ނޯވާ މޯލްޑިވްސް، އެރި މޯލްޑިވްސް އަދި ކަނޑިންމަ މޯލްޑިވްސް ހިންގާ ޕަލްސް ހޮޓެލްސްގެ އިތުރުން، ދ. އެއާޕޯޓް އަދި މަންޓާ އެއާގެ ފައުންޑޭޝަނެވެ.
ޔުނިވާސަލް ގްރޫޕުގެ އެއް ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި ފެށި ނޯޓިލަސް ފައުންޑޭޝަނަކީ ތައުލީމާއި ކުރިއެރުމާއި ފުރުސަތުތަކުގެ ތެރެއިން ފަރުދުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ޗެރިޓީއެކެވެ.
ޑރ. މަނިކު އުފެއްދެވި ބައެއް މުއައްސަސާތަކާ ގުޅިގެން މި ފައުންޑޭޝަނުން އަންނަނީ ސްކޮލަޝިޕްތަކާއި ހިލޭ އެހީ އަދި މެންޓަރިން ޕްރޮގްރާމްތަކުގެ އެހީގައި ރާއްޖޭގެ އެކި ދާއިރާތަކުން ގާބިލު މީހުން ބިނާކުރުމަށް އެހީތެރިވަމުންނެވެ.
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕް އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ