ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ނަސްރުގެ ދުވަހު ހުޅުވަނީ
ރާއްޖެއަށް 1988ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ކުޅުދުއްފުށި ސިޓީގައި ހަދާ ހަނދާނީ ބިނާ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މި އަހަރު ހުޅުވާނެކަން އެ ސިޓީގެ ކައުންސިލުން ހާމަކޮށްފިއެވެ. ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ ބިނާ ހަދަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. މި ހަނދާނީ ބިނާއާ ގުޅޭގޮތުން ކުޅުދުއްފުށީ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު ރިޟްވާން މުހައްމަދު ވިދާޅުވީ، ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ ހަނދާނީ ބިނާގައި ހުންނާނީ ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެއް ކަމަށެވެ. "މޮނިއުމަންޓްގަ ބޮޑަށް ހުންނާނީ ޝަހީދު ހުސައިން އާދަމް ގެންގުޅުއްވި ބަޑި އޭކޭ-47ގެ ނަކަލެއް، މެދުގަ ހުންނާނީ ހަތް ފޫޓުގެ ބަޑިއެއް ދެން ހުންނާނީ ޝަހީދު ހުސައިން އާދަމް އެ ދުވަހު ހުންނެވި ގޭޓުގެ ދެ ފަރާތުގެ އަރިމަތީގައި ހުންނަ ޕެޓާން، އެ ގޭޓަށް ވަޒަން އަރާފަ ހުރިގޮތަށް ބިނާގަވެސް ހުންނާނީ،" ރިޟްވާން ވިދާޅުވިއެވެ. އެ ބިނާ ބަހައްޓަނީ، ޝަހީދު ހުސައިން ކުޅުދުއްފުށިން އެންމެ ފަހުން ފުރާ ވަޑައިގެންނެވި ސަރަހައްދު ކަމަށްވާ، ކުރީގެ ބަނދަރު ސަރަހައްދުގައެވެ. "ދެން މުޅި ބިނާ ހުންނާނީ ރައުންޑައަބައުޓެއްގައި، އެއާ ގުޅިގެން އަންނާނެ ލޭންޑްސްކޭޕިން ގަހުން، ބޮޑަށް ބޭނުންކޮށްފައި ހުންނާނީ ފެއްސާއި ރަތްކުލަ، ފްލޯ ހުންނާނީ ގްލިޓަރީ ގޮތަކަށް ފަރުމާކުރަން ވިސްނާފައި،" އޭނާ ވިދާޅުވިއެވެ. ރިޟްވާން ވިދާޅުވިގޮތުގައި މި ހަނދާނީ ބިނާ ފަރުމާކޮށް، ބިނާ ހެދުމަށް ޚަރަދުކުރީ ކައުންސިލްގެ ބަޖެޓުންނެވެ. އޭނާ ވިދާޅުވިގޮތުގައި ކައުންސިލްގެ ބަޖެޓުން މުޅި މަސައްކަތަށް ނުވަ ލައްކަ ރުފިޔާ ޚަރަދުވިއެވެ. އޭނާ ވިދާޅުވީ، ހަނދާނީ ބިނާގެ ނަން ބޯޑު ހަރުކުރުން ނޫން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ވަށްބުރު ވަށައި މަގު ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. މި ބިނާ އިފުތިތާހުކޮށްދޭނީ ޝަހީދު ހުސައިންގެ އާއިލާއިން ކަމަށް ވެސް ރިޟްވާން ވިދާޅުވިއެވެ. ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަަނަ ދުވަހު ދިވެހި ހަ ޚާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން، ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ