ސްކޫލުތައް މުބާރާތަކަށް ވެއްޖެ، 'ހޯމް ސްކޫލިން' ތައާރަފްކޮށްދީ: ރާޝިދާ ޔޫސުފް

"މުބާރާތްތައް ބޭއްވުމަކީ އޭގެ ޒާތުގައި ގޯސްކަމެއް ނޫން. އެކަމަކު މިހާރު މިވާގޮތަކީ، ނަފްސާނީ ގޮތުން އަޅުގަނޑުމެންނަށް އަސަރުކުރާ ވަރަށް ކަންކަން ގޯސްވެއްޖެ،" ރައީސް މުހައްމަދު މުއިއްޒަށް އަޑުއިއްވި ކަންބޮޑުވުމެއްގެ ގޮތުގައި، ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވި އެވެ.
އޭނާ މި ވާހަކަ ދެއްކެވީ، ގަލޮޅު ރައްޔިތުންނާ ބައްދަލުކޮށް، އެ މީހުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ރައީސް ރޭ ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ކުރީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ސޯޝަލް ވެލްފެއާ މިނިސްޓަރުކަމާއި ސްކޫލުތައް ހިންގުމުގައި ވެސް ހަރަކާތްތެރިވި ވަޑައިގެންނެވި ރާޝިދާ، މިހާރު ތައުލީމީ ދާއިރާ އޮތްގޮތުން މާޔޫސްކަން ފާޅުކުރެއްވި އެވެ.
އޭނާ ފާހަގަ ކުރެއްވި އެންމެ ބޮޑު މައްސަލައަކީ 'މުޅި ތައުލީމީ ނިޒާމު މުބާރާތަކަށް ވުމެވެ'. އޭގެ ސަބަބުން ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ހަމަޖެހިލައިގެން ނޭވާލާނެ ވަގުތުކޮޅެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"ކިޔެވުން ވެސް މުބާރާތަކަށް ވެއްޖެ. އިތުރު ހަރަކާތްތައް ވެސް މުބާރާތަކަށް ވެއްޖެ. ދުވަސްތައް ފާހަގަކުރުން ވެސް މުބާރާތަކަށް ވެއްޖެ،" ރާޝިދާ ވިދާޅުވި އެވެ.
"މިހާރު ސްކޫލުތަކުގައި ހުސް މުބާރާތްތައް އޮންނަހެން ހީވަނީ."
ރާޝިދާ ވިދާޅުވި ގޮތުގައި މިއީ މިދިޔަ ދެތިން އަހަރުގެ ތެރޭގައި ފެށުނު ކަމެއް ނޫނެވެ. އޭނާ ސްކޫލު ހިންގެވި ދުވަސްވަރު ވެސް 'މި ކުޅިއެއް' ފެށިއްޖެ ކަމަށާއި މިހާތަނަށް އައިއިރު އެކަން ބަދަލުނުވެ އޮތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 12 އަހަރު ސްކޫލު ނިންމާފައި ނުކުންނަ ކުދިންނާ ދިމާއަށް ދެން ބުނަން ޖެހެނީ، 'ސިޓީއެއް ލިޔެލަން ވެސް ނޭނގޭ، ދިވެހިން ވާހަކަ ދައްކަން ވެސް ނޭނގޭ، އިހްތިރާމް ކުރާކަށް، މީހުންނަކަށް އަޅާލާކަށް ވެސް ނޭނގޭ' ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
މިހާރު ސްކޫލު ނިންމާފައި ނުކުންނަ ކުދިން، އަދާ ކުރާ ވަޒީފާ ކަމުނުގޮސްފި ނަމަ، އެކަން އިތުރަށް ކުރާކަށް ބޭނުމެއް ނުވޭ
ލިބުނު ވަޒީފާ އަދާކޮށްގެން، އެއިން ލިބުނު އެއްޗެއް ހޯދައިގެން ކުރިއަށް ދާން ދަރިންނަށް ދަސްކޮށް ނުދެވޭ
"ދެން މިވާގޮތަކީ ކުދިން ވެސް ތަންކޮޅެއް 'އެންޓައިޓަލްޑް' ގޮތަކަށް މި ބޮޑުވެގެން ދަނީ،" ގައުމުގެ އެކި ކަންކަމާ، ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ގިނައިން ހިޔާލުފާޅުކުރައްވާ ރާޝިދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިކުނޑި ބޭނުންކޮށްގެން، ވިސްނާ، ބަލާ، ހޯދާ ފިކުރުކޮށްގެން ކަންކަން ދަސްކުރަން މިހާރު ކުދިން ބޭނުން ނުވާ ކަމަށެވެ. ކުދިން ކިޔަވަނީ ހިތުދަސްކޮށްގެން ކަމަށާއި ވިޔަފާރި އުސޫލުން ހައްދާ ޕާސްޓްޕޭޕަރާއި ޓިއުޝަނުން ކަމަށް ވިދާޅުވި އެވެ. އަދި ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ދޭ ޕްރޮޖެކްޓުތަކާއި އެސައިންޓްމެންޓްތައް ވެސް ވިޔަފާރި އުސޫލުން ހައްދައިދޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާޅުގައި އެކަން ކުރަމުން ދާއިރު، އެޑިއުކޭޝަން މިނިސްޓްރީން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާކަމެއް އެނގިވަޑައިގެންފައެއް ނުވެ އެވެ.
"ދެން މި ކަހަލަ ކުދިންތަކެއް ނެރެގެން ކިހިނެއްތޯ އަޅުގަނޑުމެން މުސްތަގްބަލުގައި ގައުމު ހިންގާނީ؟،" އޭނާ ސުވާލު އުފެއްދެވި އެވެ.
އެހެންވެ، އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވެސް އިންނެވި އެ ބައްދަލުވުމުގައި ރާޝިދާ އެދިވަޑައިގެންނެވީ، އެހެން ގައުމުތަކުގައި ވެސް ތައުލީމު ދެމުން އަންނަ ގޮތް ބަލައި ހޯދާ، ގާނޫނަށް ފައްތަން ޖެހޭ ނަމަ އެކަން ވެސް ކޮށްގެން އެކަންކަން ތައާރަފްކޮށްދެއްވުމަށެވެ.
ރާޝިދާ އެދިވަޑައިގެންނެވީ ބެލެނިވެރިންގެ ހާއްސަ އިރުޝާދުގެ ދަށުން، ގޭގައި ކިޔެވޭ ގޮތަށް، 'ހޯމް ސްކޫލިން' ތައާރަފްކޮށްދެއްވުމަށެވެ.
އެހެން ބައެއް ގައުމުތަކުގައި މިއީ ކުރާކަމެއް ނަމަވެސް، ރާއްޖޭގައި މިކަމަށް މިހާތަނަށް ހުއްދަ ދީފައެއް ނުވެ އެވެ. ހޯމް ސްކޫލިން ތައާރަފްކޮށްދިނުމަށް އެދި މީގެ ކުރިން ބެލެނިވެރިންތަކެއް ޕެޓިޝަން ވެސް ހުށަހެޅި އެވެ. އެކަމަކު، ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ކަނޑައަޅައި، އެކަން އޮންނަނީ ހަރުކަށިކޮށް މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ