ވިއްސާރައާ އެކު، މާދަމައިން ފެށިގެން ވައި ސާފުވާނެ: މެޓް

މާލެ ސަރަހައްދަށް އަދިވެސް ވައި ނުސާފު ކަމަށާއި، ނަމަވެސް މިރޭ ނޫނީ މާދަމައިން ފެށިގެން ވައި ނުސާފުވުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ. އައިކިއު އެއާއިން މިއަދު ދައްކާ ގޮތުގައި މާލޭގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 85 ގައެވެ. މާނައަކީ ވައިގެ ކޮލިޓީގައި މައްސަލައެއް ނެތް ނަމަވެސް، ނުސާފު ވައިގެ ސަބަބުން ސިއްހީ ހާލަތްތައް މެދުވެރިވާ މީހުންނަށް އަސަރުކުރުން އެކަށީގެންވެއެވެ. ހަމަ އެހެންމެ އައިކިއު އެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ޕާޓިކިއުލޭޓް މެޓާ، ނުވަތަ ކުދި ހިރަފުހާއި ދުމާއި ކެމިކަލްތައް އުޅެނީ 2.5ގެ މިންގަނޑުގައެވެ. މާނައަކީ މާލޭގެ ވައިގައި ދުމާއި ކުނޑިއާއި ހިރަފުސް ފަދަ، ނޭވާލާ ނިޒާމަށް ވަންނަ ބާވަތްތައް ވައިގެ ތެރޭގައި އުޅޭ ކަމެވެ. ދުމާއި ހިރަފުސް ފަދަ ތަކެތި ނޭވާލާ ނިޒާމަށް ވަންނަލެއް އިތުރު ނަމަ، ސިއްހީގޮތުން ބޮޑެތި އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއަދު މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 27.5 މައިކްރޯގްރާމުގައެވެ. އެއީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 5.5 ގުނަ ބޮޑު އަދަދެކެވެ. މާލެ ސަރަހައްދަށް ވައި ނުސާފުވެފައި: މާދަމާ ވައި ސާފުވާނެ -- ސަން ފޮޓޯ/ އަހުމަދު އިޔާދު 'ސަން'އިން މޫސުމާ ގުޅޭގޮތުން ސުވާލުކުރުމުން މެޓުން މިއަދު ބުނީ، މާލެ ސަރަހައްދަށް މިއަދު ވެސް ވައި ނުސާފު ކަމަށާއި، ނަމަވެސް ވިއްސާރައާ އެކީ މާދަމާ އެކަން ރަނގަޅުވާނެ ކަމަށެވެ. މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް، އުތުރަށާއި މެދުރާއްޖެތެރެއަށް މާދަމާ ވިއްސާރަވާނެ ކަމަށް ވެސް ލަފާކޮށްފައެވެ. ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ. "ފޮގް ވުން" އަދި "މިސްޓް"އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ. އެ ގޮތަށް ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމާއި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ