ބަޖެޓުކުރި ވަރަށްވުރެ އިތުރަށް ދަތުރުތަކަށް ހަރަދުކޮށްފި ބަޖެޓުކުރި ވަރަށްވުރެ އިތުރަށް ދަތުރުތަކަށް ހަރަދުކޮށްފި

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ އަދަދަށްވުރެ އިތުރަށް މި އަހަރު ދައުލަތުގެ ބަޖެޓުން ދަތުރުތަކަށް ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11، އާއި ހަމައަށް ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 257.2 މިލިއަން ރުފިޔާ އެވެ. މި އަހަރު ދައުލަތުގެ ދަތުރުތަކަށް ހަރަދުކުރަން ބަޖެޓުކުރީ 249.1 މިލިއަން ރުފިޔާ އެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި ބަޖެޓަށްވުރެ އިތުރަށް ދަތުރުތަކަށް ހަރަދުކޮށްފައި މިވަނީ އަށް މިލިއަން ރުފިޔާ އެވެ. އަހަރުން އަހަރަށް ބަލާނަމަ، މި އަހަރު ދަތުރުތަކަށް ކުރި ހަރަދަކީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 1.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބަޖެޓު ކުރި އަދަދަށްވުރެ އިތުރަށް ދައުލަތުން ދަތުރުތަކަށް ހަރަދުކޮށްފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން ބޭރުގެ ގައުމުތަކަށް ކުރެއްވި ފަސް ދަތުރާއި އެމަނިކުފާނު ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ.
ބޭރު ގައުމުތަކަށް ރައީސް އާއި ނައިބު ރައީސް ކުރައްވާ ދަތުރުތަކުގެ ހަރަދު، ދަތުރު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެކަން އިއުލާނު ކުރެއްވީ ޑިސެމްބަރު 2، 2023، ގައި މުއިއްޒު ތުރުކީ އަދި ޔޫއޭއީ އަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި ވާހަކަ ދައްކަވަމުންނެވެ.
ނަމަވެސް، މި ދަތުރުތަކުގެ ހަރަދުތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ރައީސް އޮފީހުގައި އެދުމުން، އެ އޮފީހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ހަރަދުތައް ސިއްރުކޮށްފައިވާ ބޭރު ގައުމުތަކަށް މުއިއްޒު ކުރެއްވި ދަތުރުތަކުގެ ތެރޭގައި ހިމެނެނީ މި އަހަރު މުއިއްޒު ޗައިނާ، އިނގިރޭސިވިލާތް، މެލޭޝިއާ އަދި ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުތަކެވެ. މީގެ ތެރެއިން އިނގިރޭސިވިލާތަށް އެމަނިކުފާނު މި އަހަރުގެ ތެރޭ ދެ ފަހަރަކު ވަޑައިގެންނެވި އެވެ.
ދަތުރުތަކުގެ ހަރަދު ސަރުކާރުން ސިއްރުކޮށްފައިވާއިރު، އަންނަ އަހަރަށް ލަފާކޮށް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސަރުކާރުގެ ދަތުރުތަކަށް 273 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އޭގެތެރެއިން ބޮޑު ބަޔަކީ އެތެރޭގެ ދަތުރުތަކަށް ކުރާ ހޭދަ އެވެ.
އެގޮތުން އެތެރޭގެ ވައިގެ ދަތުރުތަކަށް 45.9 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެތެރޭގެ ކަނޑުގެ ދަތުރުތަކަށް 65.9 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއްގަމު ދަތުރުތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 8.3 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ 120 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ