ކޯރަމް ހަމަނުވާތީ ބިމުގެ ދަފުތަރާގުޅޭ ގޮތުން ކައުންސިލުގައި މަޝްވަރާނުކުރެވޭތާ ދެ ހަފުތާ

އެއް ކައުންސިލަރަކު މަދުވެ، މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ. އަށާރަ ކައުންސިލަރުންގެ މައްޗަށް އެކުލެވޭ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށް ހާޒިރުވީ ނުވަ މެންބަރުންނެވެ. ކޯރަމް ހަމަވާނީ ދިހަ މެންބަރުން ތިބެގެންނެވެ. އެހެންވެ މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، މޭޔަރު އާދަމް ޢާޒިމް ވަނީ ޖަލްސާ ނިންމަވާލައްވައިފައެވެ. https://x.com/aekofathih/status/2001210408322130075 ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ, ކައުންސިލްގެ މިއަދުގެ ޖަލްސާއަށްވެސް، ބިމުގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތު މި ހަފުތާގެ ނިޔަލަށް ހަމަވާތީ އޭގެ ފަހުން ދަފުތަރަށް ހުށަހަޅާ ޝަކުވާތައް ބަލައިނުގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ދަފުތަރުގައި ހިމަނާފަނުވާ އެއްބަސްވުންތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް އެޖެންޑާކޮށްފައި ވެއެވެ. އޭގެ އިތުރުން މާލެ ސިޓީ ކައުންސިލު އިދާރާގެ އޮޑިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، މާލޭގައި ސްޕާގެ ވިޔަފާރި ހިންގުމާ ގުޅޭގޮތުން ކައުންސިލްގެ ލަފަޔަކަށް އެދި އިކޮނޮމިކް މިނިސްޓްރީން ފޮނުވި ސިޓީއަށް މަޝްވަރާކުރުމަށްވެސް މިއަދު ހެނދުނު ބާއްވަން އޮތް ޖަލްސާއަށް އެޖެންޑާކުރިއެވެ. https://sun.mv/215132 މިއީ ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލުގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ޖެހިޖެހިގެން ނުބޭއްވުނު ދެވަނަ ހަފުތާއެވެ. މިދިޔަ ނޮވެމްބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް، ކައުންސިލުން އިއުލާނާއެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ. އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ހުށަހަޅައިފައިވެއެވެ. އެ ގޮތަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ. މީގެ ކުރިން ވެސް މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައިވެއެވެ. އެގޮތުން މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއްނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލަ ތިން ޖަލްސާއަކަށް އެޖެންޑާ ކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ނުބޭއްވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ