ޖުމްލަ 206 މަޝްރޫއު އަމިއްލަ ކުންފުނިތަކަށް 'ބަހާލިއިރު' ކަންތައްތައް ކޮށްފައި އޮތީ ދައުލަތުން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ މާނައަށް ފެތޭ ގޮތަށް ކަމަށާއި ދައުލަތް ސަލާމަތް ކުރުމަށް މާލިއްޔަތު ގަވައިދަށް ފަހުން ގެނައި އިސްލާހު މުރާޖައާކޮށްދިނުމަށް މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްމާއިލް ޒަރިޔަންދު، ރައީސް މުހައްމަދު މުއިއްޒު އަރިހުން އެދެވަޑަިއގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ރޭ ގަލޮޅު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޒަރިޔަންދު ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދަށް ފާއިތުވި 2 އަހަރު ތެރޭ ގެނައި އިސްލާހުތަކާއި އެ އިސްލާހުތައް ގެނެސް ދައުލަތުގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލު ކުރުމުގައި އަމަލު ކުރަމުން އަންނަ އުސޫލުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަވައިފަ އެވެ.
ތަފްސީލް - މާލިއްޔަތު ގަވައިދު ކޮމެޓީގައި 15 ވަރަކަށް އަހަރު މަސައްކަތް ކުރެއްވި ޒަރިޔަންދު ވިދާޅުވީ، ދައުލަތުން މިއަދު ކުރާ ކަމަކުން މުސްތަގުބަލުގެ ޖީލުތަކަށް އޭގެ ބުރަ ނުވާގޮތަށް ކަންތައްތައް ރާވާ ހިންގަން މާލިއްޔަތު ގާނޫނާއި ފިސްކަލް ޒިންމާގެ ގާނޫނުގައި ބުނާ ކަމަށެވެ.
"އަޅުގަނޑުގެ ހަޔާތުގައި 2002 ވަނަ އަހަރުން ފެށިގެން2017 ވަނަ އަހަރާއި ހަމައަށް މާލިއްޔަތު ގަވައިދު ހަދާ ކޮމެޓީގައި15 ވަރަކަށް އަހަރު އިން އިރުގައި ވެސް އަޅުގަނޑުމެން ހިފަހައްޓަމުން، އެއްވެސް ރައީސަކަށް ދޫކޮށް ނުލާ އޮތް އުސޫލެއް އެއީ،" ޒަރިޔަންދު ވިދާޅުވި އެވެ.
އެ އުސޫލުގެ ދަށުން ވަކި ފަރާތަކަށް ސީދާ ގޮތެއްގައި މަސައްކަތެއް ހަވާލުކުރިޔަސް އެ މަސައްކަތެއް ހަވާލުކުރާ ފަރާތަކާ ގުޅޭ ތިން ކަމެއް ބަލަމުން އައިސްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެ ތިން ކަމަކީ؛
މަސައްކަތް ހަވާލުކުރާ ކުންފުނީގެ މާލީ ގާބިލްކަން
އެ ކުންފުންޏަކީ، އެ ހަވާލުކުރާ މަސައްކަތެއް ކުރާ ކުންފުންޏެއްތޯ
އެ ހަވާލުކުރާ މަސައްކަތަކުން ދައުލަތަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރެވޭނެތޯ
ޒަރިޔަންދު ވިދާޅުވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މާލިއްޔަތު ގަވައިދުގެ 10.22 އަށް ގެނައި ބަދަލު ރަނގަޅު ކަމަށާއި އެ ގަވައިދަށް 4 ފަހަރެއްގެ މަތިން ބަދަލު ގެނައި އިރު މިދިޔަ އޮކްޓޯބަރު މަހު ގެނަ ބަދަލާއެކު ގަވައިދުގައި އެންމެ ރަނގަޅަށް އޮތް ކަންތައް އުނިކޮށްފައިވާ ކަމަށެވެ.
"އޮކްޓޯބަރު މަހު އެ ނެންގެވި ބައިގަ އޮންނަނީ ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅައިގެން އަންނަ ފަރާތްތަކަށް ވެސް އެ ފަރާތަކަށް އެ މަސައްކަތް ހަވާލުކުރާނަމަ، ހަވާލު ނުކުރެވޭނެ ސަބަބުތައް. އެ މާއްދާ އުވާލާފަ އަނެއްކާ އޮކްޓޯބަރު މެދުތެރޭގައި 53 ކުންފުންޏަކަށް 2.7 ބިލިއަން ރުފިޔާގެ [މަސައްކަތް] ވަރަށް ބޮޑު ހަފްލާއެއްގައި އެ ހަވާލުކުރީ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިތަކަކީ ދައުލަތުގެ މުވައްސަސާތަކުގައި ރެޖިސްޓާކޮށްފައި ހުރި ކުންފުނިތައްތޯ އަމިއްލައަށް ބެއްލެވި ކަމަށާއި އޭގެ ތެރެއިން10 ވަރަކަށް ކުންފުންޏަކީ ވައިންޑިން އަޕް ސްޓޭޖު ނުވަތަ ވިޔަފާރި ހުއްޓާލުމުގެ މަރުހަލާގައި ހުރި ކުންފުނިތައް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
"އަނެއްކާ ކޮންޓްރެކްޓު ރެޖިސްޓާގައި ހުންނަން ޖެހޭނެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނިތައް ރޭޓުކޮށްފައި،"
މަސައްކަތް ހަވާލުކުރި އިރު ދަށް ފަންތީގެ ކުންފުނިތަކަށް ބޮޑެތި މަސައްކަތްތައް ވެސް ހަވާލުކޮށްފައި އެބަހުރި ކަން ޒަރިޔަންދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ދަންނަވަން މިއުޅެނީ ގަވައިދުގެ 10.22 ބަދަލުކުރެއްވި ބަދަލުކުރެއްވުން އަލުން އޭތި މުރާޖައާކޮށްދެއްވާށޭ."
މަސައްކަތްތައް ކުންފުނިތަކާ ހަވާލުކުރާއިރު، މިހާރު އޮންނަ ގޮތަށްވުރެ ރަނގަޅަށް، ދައުލަތަށް ލިބޭ ގެއްލުން ކުޑަވާނެހެން މަސައްކަތް ހަވާލުކުރަން އޭނާ އެދިވަޑައިގެންނެވި އެވެ. މިހާރު ކަންތައް ހިނގާފައި އޮތީ ދައުލަތުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ މާނައަށް ފެތޭގޮތަށް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
"ޔޫއެންއޯޑީސީގައި ކޮރަޕްޝަން މާނަކޮށްފައި އޮންނަ އޮތުމުގައި ސަރުކާރުގެ ތެރެއިން ރާވާ ހިންގާ ކޮރަޕްޝަނަށް ފެތޭގޮތަށް މިކަން ގޮސްފައި މި އޮތީ،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދު ވިދާޅުވީ މާލިއްޔަތު ގަވައިދު 4 ފަހަރަށް ބަދަލުކުރި އިރު ސަރުކާރަކަށް އެއްވެސް ވަރަކަށް ސަލާމަތް ވެވެން ނެތް ކަމަށެވެ.
މިފަހުން މަސައްކަތް ހަވާލު ކުރި ކުންފުނިތަކުގެ ތެރޭ އުވާލަން ކަނޑައެޅިފައި ހުރި ކުންފުނިތައް ވެސް އެބަހުރި ކަމަށާއި މަސައްކަތުގެ އެއްބަސްވުމުގެ ދަށުން އެޑްވާންސަށް ދޫކުރާ ފައިސާ އާއެކު ޕްރޮޖެކްޓު ކުރިއަށް ނުގޮސްފި ނަމަ ދައުލަތަށް ލިބޭނެ ސަލާމަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއުތައް ހިންގަން ކުންފުނިތަކަށް ލޯނު ދެނީ ބޭންކުން ކަން ފާހަގަ ކުރައްވާ ޒަރިޔަންދު ވިދާޅުވީ ވިޔަފާރި ހުއްޓާލަން މަސައްކަތް ފަށާފައި ހުރި ކުންފުނިތަކަށް ދޫކުރާ ލޯނު އަނބުރާ ނުހޯދިއްޖެ ނަމަ ނުވަތަ އެ ފައިސާ ގެއްލުމުން އޭގެ ޒިންމާ ވެސް އުފުލަން ޖެހޭނީ ދައުލަތުން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު މި ދެންނެވީ ކުރިއަށް އޮތް ޖެނެރޭޝަންތަކަށް އަޅުގަނޑުމެންގެ ގައުމު ސަލާމަތްކޮށްދެއްވާށޭ. 2026 ވަނަ އަހަރު ނިމޭއިރު މާލީ ގޮތުން އަޅުގަނޑުމެންގެ ދަރަނި 160 ބިލިއަނަށް ދާނެޔޭ."
206 މަޝްރޫއު ބަހާލަފައި ވަނީ ކޮރަޕްޝަނުގެ މާނައަށް ފެތޭގޮތަށް: ޒަރިޔަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ