ސްޓެލްކޯ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ގާއިމްވެފައި ހުރިތޯ ސާފުކުރަން އެދެފި

ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި އެ މުވައްޒަފުންގެ ސަލާމަތީ ކަންތައް ކަންތައްތައް ފުރިހަމަވެފައި ހުރިތޯ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ މެދުވެރިކޮށް ސާފުކުރުމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯ ހުޅުމާލެ ބާ އިންޖީނުގޭގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހުނު މުވައްޒަފަކު ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެ ކުންފުނީގެ ހަރަދުގައި ތައިލެންޑަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.
ތަފްސީލް -  އެ ހާދިސާ އާ ގުޅުވާ، ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުވެފައި ހުރިތޯ ސާފުކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި؛
މުވައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ސަލާމަތީ ކަންތައް ފުރިހަމަވެފައި ހުންނަ ތަންތަންކަން އެ ކުންފުނިން ބަލާތޯ؟ އެކަމަށް އުސޫލުތައް ހެދިފައި ހުރޭތޯ އާއި އެ އުސޫލުތައް މަޖިލީހާ ހިއްސާކޮށްދިނުމަށް
ހާދިސާގެ ތަހުގީގެއް ހިންގާފައިވޭތޯ އާއިއޭގެ ތަފްސީލް މަޖިލީހާ ހިއްސާކޮށްދިނުމަށް
ތަހުގީގުގެ ހޯދުންތަކާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދިފައިވޭތޭ؟ އެއްވެސް ފަރާތެއްގެ އިހުމާލުވާ ނަމަ ކުންފުނިން ކަންކުރަން ނިންމާފައިވާ ގޮތް
މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް
މަސައްކަތުގެ މާހައުލާ ގުޅޭ ސޭފްޓީ ޕޮލިސީ އެއް އޮވޭތޯ؟
މަސައްކަތުގެ ދާއިރާ އާ ގުޅޭ ރިސްކު އެސެސްމެންޓު އަދި ރިސްކު ރިޑަކްޝަންގެ އުސޫލުތައް ނުވަތަ އެސްއޯޕީތައް ހެދިފައި ހުރޭތޯ؟ އެ މައުލޫމާތު މަޖިލީހާ ހިއްސާކޮށްދިނުމަށް
މިފަދަ ހާދިސާތައް މަދުކުރުމަށް ސްޓެލްކޯ އިން އަމަލުކުރާ ގޮތް
ހާދިސާގައި މަރުވި މީހާއަށް ބަދަލު ނުވަތަ ކޮމްޕެންސޭޝަން ހަމަޖައްދިނުމުގެ ކަންތައް ކުރޭތޯ އާއި އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދޭން ކުންފުނިން އެއްވެސް ކަމެއް ކުރޭތޯ؟ އެ ބަދަލުގެ ތަފްސީލު ހިއްސާކޮށްދިނުމަށާއި ބަދަލު ހޯދާދެވޭނެ އިރެއް ސާފު ކުރުމަށް
މީގެ އިތުރުން ވެސް ހެލްތު އެންޑް ސޭފްޓީ އާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް ސާފު ކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.
ގުޅުން ހުރި - ސްޓެލްކޯ ހުޅުމާލެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހިނގި ހާދިސާގައި މަރުވީ ސުޕަވައިޒަރެއްގެ ވަޒީފާގައި ހުރި އަހުމަދު އަޒްމީލް،43، އެވެ.
ތައިލެންޑުގައި މަރުވި އަޒްމީލުގެ ހަށިގަނޑު މާލެ ގެނެސް ރޭ ވަނީ ޖަނާޒާ ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ