"ސަން ސިޔާމް" ބްރޭންޑުން ދިރުވަން މަސައްކަތްކުރަނީ ލޯތްބާއި، ކުލުނާއި، އިންސާނިއްޔަތުކަން: ސިޔާމް
ވިޔަފާރީގައި 30 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، "ސަން ސިޔާމް" ބްރޭންޑުން އެންމެ ބޮޑަށް ދިރުވަން މަސައްކަތްކުރި އެއް ކަމަކީ، އިންސާނިއްޔަތުކަން އިސްކޮށްގެން ވިޔަފާރިކުރުންކަމަށް ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ދިމާވި ގެއްލުމުން އަރައިގަތުމަށް އެހީވާން ސިޔާމް ވަނީ، ދެ ލައްކަ ޑޮލަރު އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ހަދިޔާކުރައްވަން ނިންމަވައިފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ 75،000 ޑޮލަރު ހަދިޔާކުރެއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހެވެ. މިއަދު ވަނީ ދެ ލައްކަ ޑޮލަރުގެ އެހީގެ ބާކީ ދެއްވައިފައެވެ. https://sun.mv/214665 އެ ކަމަށް ޓަކައި މިއަދު އެ މަނިކުފާނުގެ ރަސްމީ އޮފީހުގައި އޮތް ބައްދަލުވުމުގައި ސިޔާމް ވިދާޅުވީ ދުނިޔޭގައި އަށް ބިލިއަނެއްހާ މީހުން ދިރިއުޅެމުން އައި ނަމަވެސް އިންސާނިއްޔަތުކަމުގެ ސިފަ ދަނީ ވަރަށް ބޮޑަށް ކުޑަވަމުން ކަމަށެވެ. ނަމަވެސް، ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު ކަމަކަށް ވާންޖެހޭނީ އެކަކު އަނެކަކަށް ދިމާވާ ހިތްދަތި ކަންކަމާއި، ގައުމުތަކަށް ދިމާވާ ކަންކަމުގައި، ވަކިން ޚާއްސަކޮށް އަވައްޓެރި ގައުމުތަކަށް ދިމާވާ ކަންކަމުގައި އިންސާނިއްޔަތުކަން އިސްކުރުން ކަމަށް ސިޔާމް ވިދާޅުވިއެވެ. ސިޔާމްގެ ފަރާތުން ދެއްވާ ދެ ލައްކަ ޑޮލަރުގެ އެހީގެ ބާކީ 125،000 ޑޮލަރު ލަންކާ ސަފީރާ މިއަދު ހަވާލުކުރައްވަނީ -- ސަން ފޮޓޯ: މޫސާ ނަދީމް "މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ މިޒާޖު. އަޅުގަނޑުގެ އަސްލު ސިފަ. ދެން އަޅުގަނޑުމެންގެ ސަން ސިޔާމް ބްރޭންޑުގެ ފަރާތުން އެ ކަން އެ ގެންދަނީ އެ ގޮތަށް. އަޅުގަނޑުމެންގެ ބްރޭންޑުގެ، ވިޔަފާރީގެ ވެސް އެންމެ ބޮޑު އެކައްޗަކީ އިންސާނިއްޔަތުވަންތަކަމާއި ލޯތްބާއި ކުލުނާއެއްކޮށް މީހުން ގެންގުޅޭށޭ، މުވައްޒަފުން ވެސް އަދި އެހެން މީހުން ވެސް،" ސިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ސަން ސިޔާމް ގްރޫޕުގެ ދަށުން ހިންގާ ހުރިހާ ކުންފުނިތަކާއި ރިސޯޓުތަކުން ވެސް ވަނީ ލަންކާއަށް އެހީވުމުގެ ގޮތުން ލައްކައެއްހާ ޑޮލަރުގެ ފައިސާގެ އެހީ އެއްކޮށްފައެވެ. އެ ފައިސާ ވެސް މިއަދު ވަނީ ލަންކާ ސަފީރާ ރަސްމީކޮށް ހަވާލުކުރައްވައިފައެވެ. އެ ކަމަށް އިޝާރާތްކުރައްވައި އެއީ، ސަން ސިޔާމް ކުންފުނީގެ އާއިލާގެ ފަރާތުން، ވެރީންނާއި އެންމެ އާދައިގެ މުވައްޒަފުންގެ ފަރާތުން ވެސް ފެނިވަޑައިގަތް އިންސާނިއްޔަތުކަން އިސްކުރުމުގެ އުފާވެރި މަންޒަރެއްކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެންމެ އުފާކުރައްވާ އެއް ކަމަކީ ވެސް، އެތައް ހާސް މުވައްޒަފުން އެ މަނިކުފާނުގެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނައިރު އެ ހުރިހާ މުވައްޒަފުންނަކީ ވެސް އިންސާނިއްޔަތުކަމަށް އަހަންމިއްޔަތުކަން ދޭ ބަޔަކަށް ވުން ކަމަށެވެ. "އެކަމަށް ޓަކައި އަޅުގަނޑުގެ ހުރިހާ މުވައްޒަފުންނަށް މިވަގުތު، ސަން ސިޔާމް ފެމެލީގެ ހުރިހާ މެންބަރުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރާއި މުބާރިކުބާދީ ދަންނަވަން،" ސިޔާމް ވިދާޅުވިއެވެ. ސިޔާމްގެ ފަރާތުން ދެއްވާ ދެ ލައްކަ ޑޮލަރުގެ އެހީގެ ބާކީ 125،000 ޑޮލަރުގެ އެހީއާއި، ކުންފުނީގެ ފަރާތުން އެއްކުރި އެއްލައްކަ ޑޮލަރުގެ އެހީ ހަވާލުކުރުމުގެ ހަފުލާގެ ތެރެއިން -- ސަން ފޮޓޯ: މޫސާ ނަދީމް އިސްލާމްދީން ވެސް ގޮވައިލަނީ އިންސާނީ ކުލުނާއި ލޯބި ދިނުމަށާއި، މީހުންނަށް އެހީތެރިވެ، އަޅާލައި، އޯގާތެރިވުމަށް ކަމަށް ސިޔާމް ވިދާޅުވިއެވެ. އެހެންކަމުން މުސީބާތެއް ދިމާވެފައިވާ ބަޔަކަށް ހެޔޮ ކަމެއް ކޮށްދީފިނަމަ އެ ކަމެއް ﷲ ސުބްހާނަހޫވަތަޢާލާ ވެސް ބައްލަވައިވޮޑިގެންވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. "އެހެންވީމާ އޭގެ ބަރަކާތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންނަށް، ސަން ސިޔާމް ފެމެލީގެ ހުރިހާ ބޭފުޅުންނަށް ވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން،" ސިޔާމް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މުޅި ވިޔަފާރީގައި ހޭދަކުރެއްވި ދިގު 30 އަހަރުގެ މުއްދަތުގައި ވެސް އެ މަނިކުފާނު އެންމެ ބޮޑަށް ދިރުވަން މަސައްކަތްކުރެއްވި އެއް ކަމަކީ ލޯތްބާއި، ކުލުނާއި އިންސާނިއްޔަތުކަން އިސްކުރުމާއެކު ވިޔަފާރިކުރުން ކަމަށެވެ. "އަޅުގަނޑުމެން ވިޔަފާރިކުރަން ޖެހޭނީ އެހެން މީހުންނަށް ކަންތައްތައް ކޮށްދިނުމަށާއި ވަރަށް ގިނަ ބަޔަކަށް އޭގެ ފައިދާ ލިބޭނެ، މަންފާ ލިބޭނެ ގޮތްތަކަކަށް ބަލައިގެން، އަޅުގަނޑުމެންގެ ވިޔަފާރިތައް ކުރިއަށް ގެންދަންޖެހޭނީ،" ސިޔާމް ވިދާޅުވިއެވެ. އެއާއެކު އެ މަނިކުފާނު ވަނީ ސަން ސިޔާމް ގްރޫޕުން މުސްތަގުބަލުގައި ވެސް ދެމި އޮންނާނީ މުޖުތަމައުއަށާއި ފަރުދުންނަށް މަންފާ ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ