ސިޔާމް ލަންކާއަށް ވެދެއްވި އެހީއަކީ އެއް ފަރުދަކު ދެއްވި އެންމެ ބޮޑު އެހީ: ސަފީރު

ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޓަކައި، ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދު ވެދެއްވި އެހީތެރިކަމަކީ ފަރުދަކު ވެދެއްވި އެންމެ ބޮޑު އެހީ ކަމަށް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ހަސަން މިއަދު ވިދާޅުވެއްޖެއެވެ. ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދުގެ އިސްނެންގެވުމާއެކު، އެ މަނިކުފާނުގެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުރިހާ ރިސޯޓެއްގައާއި، ކުންފުނިތަކުގައި ވަނީ ފައިސާގެ އެހީ އެއްކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ސިޔާމްގެ އަމިއްލަ ނަންފުޅުގައި ދެ ލައްކަ ޑޮލަރުގެ އެހީ ދެއްވަން ނިންމަވައި، މިދިޔަ މަހު އޭގެ ތެރެއިން 75،000 ޑޮލަރު ވަނީ ހަވާލު ކުރައްވައިފައެވެ. ސަން ސިޔާމް ކުންފުނީގެ މައި އޮފީހުގައި، ރިސޯޓުތަކާއި ކުންފުނިތަކުގެ އިސްވެރިން ހިމެނޭހެން މިއަދު އޮތް ޚާއްސަ ހަފުލާއެއްގައި ވަނީ އެ ރިސޯޓުތަކާއި ކުންފުނިތަކުގެ ފަރާތުން އެއްކުރި ޖުމްލަ އެހީ، ރާއްޖޭގައި ހުންނަވާ ލަންކާ ސަފީރާ ހަވާލުކޮށްދެއްވައިފައެވެ. އެގޮތުން ރިސޯޓުތަކާއި ކުންފުނިތަކުގެ ފަރާތުން ޖުމުލަ 101،701 ޑޮލަރު ވަނީ ހަވާލުކޮށްފައެވެ. އަދި ސިޔާމްގެ ފަރާތްޕުޅުން ދެއްވާ ދެލައްކަ ޑޮލަރުގެ ތެރެއިން ބާކީކަމަށްވާ، 125،000 ޑޮލަރު ވެސް ރަސްމީކޮށް ހަދިޔާކުރައްވައިފައެވެ. https://sun.mv/215451 މި ހަފުލާގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ސިޔާމް ވެދެއްވި އެހީއަކީ އެއް ފަރުދަކު ދެއްވި އެންމެ ބޮޑު އެހީކަމަށެވެ. "ސިޔާމްގެ ނަންފުޅު ލިޔެވިގެންދާނީ ރަން އަކުރުން. މިހާރު ސިޔާމަކީ ލަންކާގައި ވަރަށް މަގުބޫލު ޝަޚްސިއްޔަތެއް،" ސަފީރު ފާހަގަފަކުރެއްވިއެވެ. ސިޔާމްގެ ފަރާތުން ދެއްވާ ދެ ލައްކަ ޑޮލަރުގެ އެހީގެ ބާކީ 125،000 ޑޮލަރުގެ އެހީއާއި، ކުންފުނީގެ ފަރާތުން އެއްކުރި އެއްލައްކަ ޑޮލަރުގެ އެހީ ހަވާލުކުރުމުގެ ހަފުލާގެ ތެރެއިން -- ސަން ފޮޓޯ: މޫސާ ނަދީމް މީގެ އިތުރުން ސިޔާމަކީ ލަންކާއަށް އެހީތެރިވުމަށް އެންމެ ފުރަތަމަ އިސްނެންގެވި ވިޔަފާރިވެރިންގެ ތެރޭ ހިމެނޭ ބޭފުޅެއް ކަމަށާއި މިއީ، އެހެން ވިޔަފާރިތަކާއި، ވިޔަފާރިވެރިން އެ މަނިކުފާނު ނަމޫނާއަކަށް ބައްލަވައި، އެހީދެއްވަން މެދުވެރިވި ސަބަބު ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. އެއާއެކު ސަފީރު ވަނީ ސިޔާމަށް ޚާއްސަ ޝުކުރެއް ރައްދުކުރައްވައިފައެވެ. ހަމައެއާއެކު ސަން ސިޔާމް ގްރޫޕުގެ ކުންފުނިތަކުގެ ފަރާތުން އެހީގެ ގޮތުގައި ފައިސާ އެއްކުރުމަށް ޓަކައި ކުރި މަސައްކަތަށް އެ ކުންފުނިތަކުގެ ވެރިންނަށާއި، މުވައްޒަފުންނަށް ވެސް ސަފީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. "އެންމެ ދެ ހަފުތާހެން އަޅުގަނޑަށް ހީވަނީ މި ދިޔައީ. ދެ ހަފުތާ ތެރޭ މިހާ ބޮޑު ފައިސާގެ އަދަދެއް.. މިއީ ލަންކާ ފައިސާއަށް ބަދަލުކުރުމުން ވަރަށް ބޮޑު އަދަދެއް. މި ފައިސާ ބޭނުން މި ވަނީ ގެތައް މަރާމާތުކޮށް، އެހީ ފޯރުކޮށްދޭން،" މިއީ ކުޑަ ކަމެއް ނޫންކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވިއެވެ. https://sun.mv/215449 ސަފީރު ވިދާޅުވީ ރާއްޖެއަކީ ލަންކާ ރައްޔިތުންނަށް ފާހަގަކޮށްލެވޭ ބަޔަކަށް ވެފައިވާ ކަމަށެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާއި، ސަރަހައްދީ ގައުމުތަކުން ވެދިން އެހީތެރިކަމާ އަޅައިބަލާއިރު، ރާއްޖެއިން ލިބުނު އެހީއަކީ އެންމެ ބޮޑު އެހީކަމަށް ސަފީރު ވިދާޅުވިއެވެ. އޭގެ ތެރޭ ސަރުކާރުގެ ފަރާތުންނާއި، އާންމު ފަރުދުންނާއި، ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެހީ ހިމެނޭކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަރާތުން ލިބުނު ޖުމްލަ އެހީ ދެ މިލިއަން ޑޮލަރަށްވުރެ މަތިވާކަމަށް ވިދާޅުވިއެވެ. "އެއީ ބައެއް ބޮޑެތި ގައުމުތަކުން ވެސް ސްރީލަންކާއަށް ދިން އެހީއަށްވުރެ ބޮޑު އަދަދެއް. ހަމައެއާއެކު ސަރުކާރުން ދިން މަސްދަޅުގެ އެހީ. އެއީ 1.2 މިލިއަނެއްހާ ޑޮލަރު. ޖުމްލަ ތިން މިލިއަން ޑޮލަރަށްވުރެ އިތުރުވޭ. މިއީ އެންމެ ބޮޑު އެހީ ރާއްޖެއިން ދިން. އާބާދީއަށް ބަލައި، ގައުމުގެ ސައިޒަށް ބަލައިނަމަ މިއީ ދިވެހި ރައްޔިތުންގެ ހިތާއި ވިސްނުން ހާމަވިކަމެއް. އަދި ލަންކާއަށް އެހީ ބޭނުންވި ހާލަތުގައި އެހީވާން ބޭނުންވިކަން އެނގޭކަމެއް،" ސަފީރު ވިދާޅުވިއެވެ. މިދިޔަ މަހުގެ މެދުތެރޭ ލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން އެ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. އެތައް ލައްކަ ބައެއްގެ ގެދޮރު ގެއްލި، އާންމު އިންފްރާސްޓްރަކްޗާ ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. އިގްތިޞާދީ ގޮތުން ލަންކާއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ގުދުރަތީ މިފަދަ ކާރިސާއަކުން ލިބުނު ބޮޑު ގެއްލުމާއެކު ލަންކާ އޮތީ ދުނިޔޭގެ އެހީއަށް ބޭނުންވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ