ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު 70،000އަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރި އަހުމަދު ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީއެންސީއިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބުގެ ކެމްޕޭނު މެނޭޖަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ އިންތިހާބަކަށް ކުރިމަތިލާއިރު މިހާރު ޕާޓީގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު 70،000 އިން މައްޗަށް ގޮސްފައިވާ ކަމަށެވެ.
ތަފްސީލް - ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް ވެސް ގިނަ މެންބަރުންތަކެއް ޕީއެންސީއާ ގުޅިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްރައިމަރީ ވެސް މީގެ ތެރޭ ހިމެނުމާ އެކު އަޅުގަނޑުމެންގެ މެންބާޝިޕްގެ އަދަދު މިހާރު 70،000 އިން މައްޗަށް އަރައިފި،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ މަސް ނިމުނު އިރު އެ ޕާޓީގައި ތިބީ 69،000 މެންބަރުން ކަމަށެވެ. ޕްރައިމަރީއާ ދިމާކޮށް ގުޅުނު މެންބަރުންނާ އެކު ޖުމްލަ މެންބަރުންގެ އަދަދު 75،000 އަށް އަރާނެ ކަމަށް ފަލާހު ލަފާކުރެއްވި އެވެ.
"މެންބަރުން ޕާޓީއަށް މިހާ ގިނަ އަދަދަކަށް ވަންނަމުން މި އަންނަނީ ރައީސް މުއިއްޒު ގައުމުގެ ހުންގާނުގައި ހުންނަވައިގެން ގައުމަށް ގެންނަމުން ގެންދަވާ ހެޔޮ ބަދަލުގެ ސަބަބުން ކަމާ މެދު ޝައްކެއް ނެތް،" ފަލާހު ވިދާޅުވި އެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު 70،000އަށް ވުރެ މައްޗަށް ހިނގައްޖެ: ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ