އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކެޕްޓަން، ފާތިމަތު ސާލިޔާ ޖެހި ހަމައެކަނި ގޯލުން 1-0 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ލީގު ޗެމްޕިއަންކަން ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މި ފަހަރުގެ މުބާރާތުގައި އިންޑިވިޖުއަލީ ބަލާއިރު އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަ ސާލިޔާ އެވެ.
އެ ގޮތުން، މެޗުގެ ދެ ވަަނަ ހާފް ފެށިގެން މާ ގިނައިރެއްނުވެ، ހާފުގެ މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން ސާލިޔާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވިކްޓަރީގެ ކީޕަރު، ފާތިމަތު ސައުސަން އަތުގައި ޖެހިފަ އެވެ. ވިކްޓަރީން ލަނޑެއް ޖަހައި އެއްވަރުކުރެވޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.
އެގާރަ އަހަރު ފަހުން، އެފްއޭއެމް އިން ކްލަބްްތަކަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު މި ވަގުތު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި އަށެވެ.
ހަ ޓީމު ވާދަކުރާ ލީގު ތަވާލަށް ބަލާއިރު، ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. މާޒިޔާ އިން އެއް ވަަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮޑި އަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އިން ކުރީގައި އޮތީ ލަނޑުގެ ތަފާތަށް ބަލާއިރު، ޖެހި ގޯލުން ވެސް އެއް ލަނޑުން ކުރީގައި އޮވެގެންނެވެ.
ލީގުގެ ފަހު މެޗުގައި، އޮޑި އާއި މާޒިޔާ އިން އަންނަ ހަފްތާގެ އަންގާރަ ދުވަހު ހަވީރު ކުޅޭއިރު، އެ މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ޗެމްޕިއަންކަން ހޯދޭނެ އެވެ.
މި ފަހަރުގެ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވި، ވިކްޓަރީ ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރަށް ފަސް ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބިސް ބުރު ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެފަ އެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ސާލިޔާގެ ގޯލުން މޮޅުވެ އޮޑިން ލީގުގެ އުންމީދު ދަމަހައްޓައިފި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ސާލިޔާގެ ގޯލުން މޮޅުވެ އޮޑިން ލީގުގެ އުންމީދު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ