ތަރައްގީއަކީ އުނުއޮރިޔާން ނިވާ ނުވާވަރަށް ދަރާވިކުން ހެއްޔެވެ؟

ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު މުއްސަނދިކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ގުދުރަތީ ރީތިކަމެވެ. ދުނިޔޭގެ ގިނަމީހުން އެއްބަސްވާގޮތުގައި ރާއްޖެނޫން އެހެން ޖަޒީރާރަށްތަކުން އިހުސާސްނުކުރެވޭފަދަ އުފާވެރިކަމެއް ދިވެހިރާއްޖޭގެ މާހައުލުން ލިބެއެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ގައުމުގެ ކުރިއެރުމާއި ތަރައްގީއަކީ، މިހާރުގެ ޖީލުތަކާއި މުސްތަގުބަލުގެ ޖީލުތަކަށްވެސް ފައިދާކުރާނެގޮތަށް ބައްޓަން ކުރަންޖެހޭ ކަމެކެވެ. މިކަމާގުޅޭގޮތުން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުހިންމު ނުކުތާތަކުގެ އަލީގައި މިކަމަށް ބަލާލާނަމެވެ. ދިވެހިރާއްޖޭގެ ތަރައްގީގެ އަސާސްތައް ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާއާއި 23 ވަނަ މާއްދާގައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 22 ވަނަ މާއްދާގައިވަނީ، ތިމާވެށި ރައްކާތެރިކުރުމަށް ދައުލަތަށް ލާޒިމުކޮށްފައެވެ. މިމާއްދާގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޤުދްރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދުރަތީ ވަސީލަތްތަކާއި، ރީތިކަން މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކުގެ މަންފާއަށް ރައްކާތެރިކޮށް ދެމެހެއްޓުމަކީ، ދައުލަތުގެ އަސާސީ ވާޖިބެއް ކަމަށެވެ. މީގެ އިތުރުން، އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ، ތިމާވެށި ޙިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަކީ ވެސް ދައުލަތުގެ ޒިންމާއެއްކަމުގައި ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބުނެއެވެ. އަދި، ތަރައްގީއަށް ކުރާ ކަންތައްތަކުގެ ސަބަބުން ތިމާވެށި ތަޢައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެންދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ޤުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއަޅާންޖެހޭނެ ކަމަށް ވެސް މި މާއްދާގައި ސާފުކޮށް ބުނެފައިވެއެވެ. ގާނޫނުއަސާސީގެ 23 ވަނަ މާއްދާގައި ބުނަނީ، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން – ރަނގަޅު ކާނާއާއި ސާފުފެނާއި، ފޭރާމާއި ހިޔާވަހިކަމާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތާއި، ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލަކާއި، ދިވެހިރާއްޖޭގެ މުއްސަނދިކަމާއި ވަސީލަތްތަކާއި އާންމުޚިދުމަތްތައް – ރައްޔިތުންނަށް ހޯދޭނެމަގު ތަނަވަސްކޮށްދޭން ވާނެ ކަމަށެވެ. ގާނޫނުއަސާސީ --- ސަން ފޮޓޯ މި ދެމާއްދާއިން ދޭހަވާގޮތުގައި، ދިވެހިރާއްޖޭގެ ތަރައްގީއަކީ ހަމައެކަނި އިޤުތިޞާދީ ކުރިއެރުން ނޫންކަމާއި، އެއީ ތިމާވެށި ރައްކާތެރިކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށްގެން، މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ވެސް ފައިދާ ކުރާނެ ގޮތަކަށް ކުރިއަށްގެންދާންޖެހޭ ކަމެއް ކަމެކެވެ. ދައުލަތުގެ އަސާސީ ވާޖިބެއްގެ ގޮތުގައި މި ކަންކަން ކަނޑައަޅާފައިވުމުން، ދިވެހިރާއްޖޭގައި ހިންގާ ތަރައްގީގެ ކޮންމެ މަޝްރޫޢަކީ ވެސް ތިމާވެށީގެ ހަމަތަކާ އެއްގޮތްވާ، ދެމެހެއްޓެނިވި ތަރައްގީގެ ހަމަތަކުގެ މައްޗަށް ބިނާވާ މަޝްރޫޢަކަށް ވާންޖެހެއެވެ. މި އުސޫލުތައް ހިފަހައްޓައިގެން ނޫނީ، ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލެއް ނުކުރެވޭނެއެވެ. ޤުދުރަތީ ރީތިކަމާއި ވަސީލަތްތަކަކީ އަޅުގަނޑުމެންގެ ވަންތަކަމުގެ ބައެއް ކަމަށްވާއިރު، އެ ރައްކާތެރިކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބެކެވެ. ދިވެހިރާއްޖޭގައި 1970 ގެ ފަހުކޮޅުގައި ފެށުނު ތަރައްގީގެ މިސްރާބު ހިފަން ބޭނުންކުރީ ތަރައްގީގެ މާސްޓަރޕްލޭން އެކުލަވާލާ އޭގެ އަލީގައެވެ. މިގޮތުން ތައުލީމާއި ސިއްހަތާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ މަޝްރޫޢުތައް ވުޖޫދުވެގެން އައިސްފައިވަނީ ތަރައްގީގެ މާސްޓަރޕްލޭންތަކުގެ ތެރެއިންނެވެ. އެހެންނަމަވެސް، 2008 ގައި މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފުވުމާ ގުޅިގެން ތަރައްގީގެ މަޝްރޫޢުތަކުގެ މިސްރާބު ހިފަނީ ވެރިކަމަށް އަންނަ ޕާޓީއެއްގެ މެނިފެސްޓޯ ނުވަތަ ވައުދުނާމާގެ ތެރެއިންނެވެ. އެހެންނަމަވެސް، ފަސް އަހަރުގެ ތެރޭގައި އަންނަ ތިން އިންތިޚާބުގެ ޕްރެޝަރުގައި – ވޯޓުހޯދުމަށްޓަކާ ވެރިކަމުގައި ތިބޭ ފަރާތްތަކުން ރައްޔިތުން ގާތަށްގޮސް ރައްޔިތުންގެ އުންމީދުތަކަށް ރިއާޔަތްކޮށް، ރޭވިގެން ނޫންގޮތެއްގައި ބިޔަބޮޑުތި މަޝްރޫޢުތައް ހިންގުންވަނީ އާންމުވެފައި ކަމުގައި ދެންނެވިދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތަށްވަޑައިގެން – ވަގުތުން ވަގުތަށް، ދުވަހުން ދުވަހަށް، ވައުދުވެވަޑައިގަތުމަށް ދިމާވުމާ، ބޮޑު އިސްކަމެއްދީގެން އެވައުދުތައް ސަރުކާރުން ފުއްދަންޖެހުމަކީ، ތަރައްގީގެ މަޝްރޫޢުތައް ރޭވުމުގެ ބޭނުންކެނޑޭ ހިސާބަށް ކަންކަން ގެންދާ ކަމަކަށްވަނީ ވެފައެވެ. އަދި ހަރު ދިވެހިބަހެއްގައި ބުނާ ބީދައިން "އުނުއޮރިޔާން ނުވާ ހިސާބަށް" ގައުމުގެ މާލީކަންކަމުގެ މިސްރާބުހުރިކަމުގެ ކަންބޮޑުވުން މާލީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިހިސާބުން ކުރަންޖެހޭ އެންމެ މުހިންމު ސުވާލަކީ، އުނުއޮރިޔާން ނުވާވަރަށް ދަރާވިކިގެން މިގެންނަ ތަރައްގީއަކީ، ގާނޫނުއަސާސީގައި އެބުނާ ދެ ޝަރުތު ފުރިހަމަވާ ތަރައްގީތޯއެވެ؟ އާދެ! - ދެމެހެއްޓެނިވި ގޮތެއްގައި، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މިހިނދަށް އެންމެ އިސްކަންދޭންޖެހޭ ކަންތައްތައްތޯއެވެ؟ ގާނޫނުއަސާސީގެ 67 މާއްދާގެ (ނ) ގައި ބުނަނީ، "މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ތަރައްގީއަށްޓަކައި" މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއްކަމުގައެވެ. މިއިން ދޭހަކޮށްދެނީ ތަރައްގީއަކީ ހަމައެކަނި ދައުލަތަށް މުތުލަގުކޮށް އޮތް ބާރެއް ނޫންކަމެވެ. އޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮންނާންޖެހޭނެކަމެވެ. ގައުމުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން ގެނެވޭނެގޮތަކީ، ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ތަރުތީބުވެގެން އަންނާނެގޮތަކަށް ތަރައްގީގެ ކަންކަން އިންތިޒާމުކުރެވުމެވެ. މިމަގަށް ކަންކަން ގެންދާނޭގޮތުގެ އިންތިޒާމެއް ދައުލަތުގެ ތެރޭގައި އޮތްކަމެއް އެނގޭކަށް ނެތެވެ. އޮތްކަމުގައިވާނަމަ އެކަން ހާމަކަންބޮޑު ގޮތެއްގައި ފެންނާކަށް ނެތެވެ. އަޅުގަނޑު ދެކޭގޮތުގައި މާއްދާ 22 އާއި މާއްދާ 23 އަށް ރިއާޔަތްކޮށް – ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫޢުތަކާއި ގުޅޭގޮތުން، ރައްޔިތުން އެ މީހުން އިންތިޚާބުކޮށްފައިވާ މަންދޫބުންނާއި ކުރަންޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ. މާއްދާ 22: (ހ) އީއައިއޭ ވަނީ ހަދާ، ރައްޔިތުންނާއި ހިއްސާކޮށްފައި ހެއްޔެވެ؟ (ށ) ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ނަގުލުކުރެވޭނެކަން ކަށަވަރު ކުރެވިފައިވޭ ހެއްޔެވެ؟ (ނ) ދެމެހެއްޓެނިވި އަސާސްތައް ކަށަވަރު ކުރެވިފައިވޭ ހެއްޔެވެ؟ މާއްދާ 23: (ހ) މީގެ ސަބަބުން ފެނާއި ނަރުދަމާއާއި ކަރަންޓާއި ސިއްހަތާއި ބޯހިޔާވަހިކަމަށް މަގުފަހިކުރޭ ހެއްޔެވެ؟ (ށ) މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވޭ ހެއްޔެވެ؟ (ނ) ޚިދުމަތް ދިނުމުގެ އަސާސީ މިންގަނޑުތައް ސާފުކޮށް ބަޔާންކޮށްފައިވޭ ހެއްޔެވެ؟ އަދި މިނިންމުންތަކުގެ ސަބަބުން – (ހ) ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރޭތޯ އާއި، (ށ) އެނިންމުންތަކުގެ ނަތީޖާއާއި ކުރިމަތިލާންޖެހޭ ފަރާތްތަކާއި ފުރަތަމަ މަޝްވަރާކުރިތޯ އާއި، (ނ) އިންސާނީ ކަރާމާތާއި ހަމަހަމަކާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭތޯ، ސުވާލުކުރަން ޖެހެއެވެ. މިމޭރުމުން ނޫންގޮތެއްގައި ތަރައްގީގެ ނަމުގައި ނިންމާނިންމުންތަކާއި ކުރާކަންތައްތައް އަޅުގަނޑުގެ ނަޒަރުގައި އެއީ ގާނޫނުއަސާސީއާއި ތައާރަޒުވާ ނިންމުންތަކާއި ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ