މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް މުއިއްޒު ރެކޯޑު ހެދިކަން އިއުލާނުކޮށްފި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް މުއިއްޒު ރެކޯޑު ހެދިކަން އިއުލާނުކޮށްފި

ވެރިކަމަށް ދެ އަހަރު ނުވަނީސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، ރައީސް މުހައްމަދު މުއިއްޒު ރެކޯޑެއް ހެއްދެވިކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ދިގު ހަބަރެއްގައި ބުނެފައިވަނީ މުއިއްޒު ހުރިހާ ރަށަކަށް ވަޑައިގެންނެވީ އެއް އަހަރާއި 11 މަހުން ކަމަށެވެ. މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރޭނީ އަންނަ މަހު 17، ގަ އެވެ. އެންމެ ފަހު ރަށެއްގެ ގޮތުން އެމަނިކުފާނު ވަޑައިގެންނެވީ ކ. ތުލުސްދޫ އަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ސިޓީއާށް މުއިއްޒު ވަޑައިގެންނެވީ ރެކޯޑު މުއްދަތެއްގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. ވަޒީރުންނާއި ސަރުކާރުގެ ވެރިން ދަނީ މިކަން ފާހަގަކޮށް، ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މުއިއްޒު ވަނީ 63 ރަށަކަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފަ އެވެ. އެމަނިކުފާނު ފުރަތަމަ އަތޮޅުތެރެއަށް ދަތުރުކުރައްވަން ފެށްޓެވީ މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނާއި ދިމާކޮށެވެ.
މި ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކުގެ އެއްވެސް ތަފުސީލެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ދަތުރުތަކުގެ ތެރެއިން އެކި މަޝްރޫއުތައް ހަވާލުކުރުމާއި ބިންގާ އެޅުން އަދި މިދިޔަ ސަރުކާރުން ފަށާ، ނިމިފައި ހުރި ބައެއް މަޝްރޫއުތައް ރަސްމީކޮށް ހުޅުވާފައިވެ އެވެ. ބައެއް މަޝްރޫއުތައް ދެ ފަހަރެއްގެ މަތިން ދެ ބަޔަކާ ވެސް ހަވާލުކޮށްފައިވެ އެވެ.
މި ފަހުން މުއިއްޒު ކުރެއްވި ދަތުރުތަކުގެ ތެރެއިން މައިގަނޑު ގޮތެއްގައި އިފްތިތާހުކޮށްދެއްވީ ބީއެމްއެލްގެ އޭޓީއެމް ތަކެވެ. ހަމައެކަނި އޭޓީއެމް ހުޅުވަން ރަށްރަށަށް ވަޑައިގަންނަވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ