މަހަކު ސާޅީސްހާސް ރުފިޔާ ލިބެމުންދިއަ ވަޒީފާ، މަންމައަށް ޚިދުމަތްކޮށްގެން ސުވަރުގެ ހޯދުމުގެ ބޭނުމުގައި އަންހެން ދަރިއަކު ދޫކޮށްލައިފި!

އަޅުގަނޑުގެ އަންހެން ކޮއްކޮ ވަޒީފާ ދޫކޮށްލައިފިއެވެ. ދޫކޮށްލީ އާދައިގެ ވަޒީފާއެއްވެސް ނޫނެވެ. މަހަކު 40،000 ރުފިޔާ ލިބެމުން އައި ވަޒީފާއެކެވެ. ބުނީ މަންމަ ބަލިވުމުން ބަލަން ބޭރުމީހަކާ ޙަވާލުނުކުރަންވެގެން ކަމަށެވެ. ދަތިވިޔަސް ފިރިމީހާއަށް ލިބޭ އެއްޗަކުން ފުއްދައިގެން އުޅޭނީ ކަމަށެވެ. ސުވަރުގެ ލިބުން މާމުހިންމެވެ. 
އަޅުގަނޑުގެ ސުވާލަކީ ކޮއްކޮ ކަންތައް އެކުރީ ހަމަ ރަނގަޅަށްކަމަށްވާނެތޯއެވެ؟ 
ކޮއްކޮ ކަންތައް އެކުރީ ހަމަ އެންމެ ރަނގަޅަށްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ފައިސާ ކިތަންމެ ގިނައިން ލިބުނަސް ހިތެއް ނުފުރޭނެއެވެ. ކިރިޔާވެސް ފުދޭނަމަ އެހުރެވެނީ ތަނަވަސްކަމުގައެވެ. ދެން އޮތީ ހެޔޮކަމުގެ ކޮޅެވެ. ކޮއްކޮ އެލިބިގަތީ ސުވަރުގެއެވެ. ދުނިޔެއިން ލިބެން އޮތް ބޮޑު އުފާވެރިކަމެއް ޤުރުބާން އެކުރީ އެކަމަށެވެ. އޭނާއަށް އޭނާގެ ބޭނުން ޙާޞިލްވާނެއެވެ. އިން ޝާ ﷲ 
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 
މާތް ﷲ ރުއްސުންލެއްވި މުޢާވިޔާ ބިން ޖާހިމަތިއްސަލަމީ އޭ ކިޔުނު ޞަޙާބީއަކު ވިދާޅުވިއެވެ. 
(أَتَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقُلْتُ : يَا رَسُولَ اللَّهِ إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ : قَالَ : وَيْحَكَ أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ . قَالَ : ارْجِعْ فَبَرَّهَا . ثُمَّ أَتَيْتُهُ مِنْ الْجَانِبِ الآخَرِ فَقُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ، قَالَ : وَيْحَكَ ! أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ يَا رَسُولَ اللَّهِ . قَالَ : فَارْجِعْ إِلَيْهَا فَبَرَّهَا . ثُمَّ أَتَيْتُهُ مِنْ أَمَامِهِ فَقُلْتُ : يَا رَسُولَ اللَّهِ ، إِنِّي كُنْتُ أَرَدْتُ الْجِهَادَ مَعَكَ أَبْتَغِي بِذَلِكَ وَجْهَ اللَّهِ وَالدَّارَ الآخِرَةَ ، قَالَ : وَيْحَكَ ! أَحَيَّةٌ أُمُّكَ ؟ قُلْتُ : نَعَمْ يَا رَسُولَ اللَّهِ . قَالَ : وَيْحَكَ الْزَمْ رِجْلَهَا فَثَمَّ الْجَنَّةُ)  
މާނައީ: ތިމަންނާ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް ދެންނެވީމެވެ. ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދި ކަލޭގެފާނުގެ އަރިހުގައި ޖިހާދަށް ނިކުތުމަށް ގަޞްދުކޮށްފީމެވެ. ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާނއެކެވެ". ޙަދީޘް ކުރެއްވިއެވެ. "އެނބުރިގޮސް މަންމަ އަށް ހެޔޮކޮށް ހިތާށެވެ". 
ދެން އެހެން ފަރާތަކުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އަނެއްކާވެސް ދެންނެވީމެވެ. "ﷲ ގެ ރަސޫލައެވެ. އަހަރެން ޖިހާދަށް ދާން މިއުޅެނީ ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދިގެންނެވެ". ޙަދީޘް ކުރެއްވިއެވެ."ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާނއެކެވެ". ޙަދީޘް ކުރެއްވިއެވެ. "އެނބުރިގޮސް މަންމަ އަށް ހެޔޮކޮށް ހިތާށެވެ". 
ދެން އެކަލޭގެފާނުގެ ކުރިމަތިފުޅުން ބައްދަލުކޮށް ދެންނެވީމެވެ. "ﷲ ގެ ރަސޫލައެވެ. އަހަރެން ޖިހާދަށް ދާން މިއުޅެނީ ﷲ ގެ ވަޖްހުފުޅަށާއި އާޚިރަތުގެ ބާއްޖެވެރިކަމަށް އެދިގެންނެވެ". ޙަދީޘް ކުރެއްވިއެވެ."ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟"، އަހަރެން ދެންނެވިއެވެ. "އާނއެކެވެ". ޙަދީޘް ކުރެއްވިއެވެ. "މަންމަގެ ފައިކައިރީ ހުންނާށެވެ. އޭރުން ސުވަރުގެ ދެވޭނެއެވެ". 
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. (فَالْزَمْهَا فَإِنَّ الْجَنَّةَ تَحْتَ رِجْلَيْهَا) މާނައަކީ: "މަންމަ ގާތުގައި ހުންނާށެވެ. ސުވަރުގެ ވަނީ މަންމަގެ ދެފައި ދަށުގައެވެ". 
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ