ނިލަންދުއަށް އިއްޔެ ނުހުއްޓި 12 ގަޑިއިރު ވާރޭ ވެހުނު، ބޮޑު ބައެއްގައި ފެންބޮޑުވެފައި

އިއްޔެ ފ. ނިލަންދުއަށް ކުރި ވިއްސާރައިގައި އެތައް ގަޑިއިރެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށުގެ ހުޅަނގު ދެކުނު ފަރާތާއި އިރު ދެކުނު ފަރާތުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ހައިތަމް ވިދާޅުވީ, އިއްޔެ މެންދުރު ފަހު 3:00 އިން ފެށިގެން އެ ރަށަށް މެދުކެނޑުމެއްނެތި 12 ގަޑިއިރު ވަންދެން ވިއްސާރަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ވާރޭ ވެހުން ހުއްޓުނީ ރޭ ދަންވަރު 03:00 އެހާކަށްހާއިރުގައި ކަމަށެވެ. ހައިތަމް ވިދާޅުވީ، ބިން ތިރިވުމުގެ ސަބަބުން ރަށުގެ ހުޅަނގު ދެކުނާއި އިރު ދެކުނު ފަރާތަކީ އާންމުކޮށް ވެސް ވިއްސާރަކުރުމުން، އެހެން ސަރަހައްދުތަކަށްވުރެ ބޮޑަށް ފެންބޮޑުވާ ދެ ސަރަހައްދު ކަމަށެވެ. އެކަމަކު، ރަށުގެ އެހެން ހިސާބުތައް ވެސް ކޮންމެ ވެސް ވަރަަކަށް ފެންބޮޑުވި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ހިސާބުތަކުގައި 1.5 ފޫޓާ ހަމައަށް ފެން ބޮޑުވެފައިވެއެވެ. ކައުންސިލުން އިއްޔެ ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން، އާންމުކޮށް ފެން ވަންނަ ގޭގެއަށް ފެން ނުވަންނަ ގޮތަށް ވެލި ގޯނި ޖެހުމާއި މޫދަށް ކޯރު ކެނޑުން ފަދަ ކަންތައްތައް ކޮށްފައިވާ ކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. ފ. ނިލަންދޫ--- ފޮޓޯ/ ނިލަންދޫ ކައުންސިލް އޭނާ އިތުރަށް މައުލޫމާތުދެއްވި ގޮތުގައި މީގެ ކުރިން މިހާ ގިނައިރު ވަންދެން ރަށަށް ހުއްޓުމެއްނެތި ވާރޭ ވެހިފައިވަނީ މި އަހަރުގެ ޖަނަވަރީ ތެރޭގައެވެ. އެ ފަހަރު ވެސް ރަށުގައި ފެންބޮޑުވެ، ގިނަ ގެތަކަށް ދިރިއުޅެން ދަތިިވާ ވަރަށް ގެއްލުންވި ކަމަށް ހައިތަމް ވިދާޅުވިއެވެ. އެކަމަކު، މިފަހަރު ކައުންސިލާއި ރަށުގެ އާންމުން ވަނީ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުތައް އަޅާފައި ކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްވެސް ގެއަކަށް ގެއްލުންވެފައިނުވާކަން އޭނާ ވަނީ ފާހަގަކުރައްވާފަައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރިކޯޑު ކުރި ގޮތުގައި އިއްޔެ ނިލަންދުއަށް ވަނީ 119.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ އިއްޔެ ރާއްޖޭގައި ދެވަނައަކަށް އެންމެ ބޮޑަށް ވާރޭ ވެހުނު ރަށްކަން އެ އޮފީހުން މިއަދު ނެރުނު ތަފާސްހިސާބުން ދައްކައެވެ. އިއްޔެ ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫއަށް އިއްޔެ ވަނީ 160.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. https://sun.mv/214391 މެޓް އޮފީހުން ބުނީ، މިހާރު ރާއްޖެއަށް ތަޖުރިބާކުރަމުންދާ ހުޅަނގު މޫސުމުގެ އަސަރު ގަދަވާން ފަށާފައިވާ ކަމަށެވެ. އަދި، މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ. ނަމަވެސް، އަންނަ ހަފުތާގައި މޫސުން އަލިވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ