ދެކުނު ކޮރެއާގެ މަޝްހޫރު އެކްޓަރު ލީ ސޫން-ޖޭ މަރުވެއްޖެ
'ޓީވީ ޑޭޑް'ގެ ނަމުން ބޮޑު މަޝްހޫރުކަމެއް ހޯދި ދެކުނު ކޮރެއާގެ ތަޖުރިބާކާރު އެކްޓަރު ލީ ސޫން-ޖޭ އިއްޔެގެ ވަގުތެއްގައި މަރުވެއްޖެއެވެ. ވަރަށް ގިނަ ބެލުންތެރިންގެ ލޯބި ހޯދާފައިވާ ލީ ސޫން-ޖޭއަކީ ސްޓޭޖް ތަމުސީލުތަކުންނާއި ފިލްމުތައް އަދި ޑްރާމާތަކުގެ އިތުރުން ޓީވީގެ ވަރަށް ގިނަ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އުމުރުން 91 އަހަރުގައި މަރުވެފައިވާ ލީ ސޫން-ޖޭއަކީ ދެކުނު ކޮރެއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ނުފޫޒުގަދަ އެއް ފިލްމީތަރިއެވެ. ލީ ސޫން-ޖޭގެ މަރާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިއަންގް ވެސް ވަނީ ހިތާމަ ފާޅުކުރައްވާ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. މީގެ އިތުރުން، ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ހިތާމަ ފާޅުކޮށް ލީ ސޫން-ޖޭގެ ހަނދާންތައް އާކުރަމުންނެވެ. އެކްޓަރު ލީ ސޫން-ޖޭ "ގްރޭންޑް ޕާސް އޯވަ ފްލާވަސް'ގެ ކާސްޓުންނާ އެކު--ފޮޓޯ/ބީބީސީ ފިލްމީ ދާއިރާގައި 70 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު އެކްޓަރު ބެލުންތެރިންގެ މެދުގައި މަޝްހޫރުވެފައިވަނީ "ޓީވީ ޑޭޑް"ގެ ނަމުންނެވެ. ލީ ސޫން-ޖޭގެ ކެރިއަރުގެ ފާހަގަކޮށްލެވޭ މަސައްކަތުގެ ތެރޭ 1991ގައި ގެނެސްދިން "ވަޓް އޮން އާތު އިޒް ލަވް" އަދި 2006 އިން 2012އަށް ގެނެސްދިން "ހައި ކިކް" ހިމެނެއެވެ. މީގެ ތެރެއިން "ވަޓް އޮން އާތު އިޒް ލަވް"ގައި އޭނާ ކުޅުނީ ވަރަށް ހަރުކަށި ބައްޕައެއްގެ ރޯލެވެ. މިދިޔަ އަހަރާ ހަމައަށް ވެސް ލީ ދިޔައީ އެކްޓިން ދާއިރާގައި މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު ބޭއްވި ކޭބީއެސް ޑްރާމާ އެވޯޑުގައި ލީއަށް ވަނީ އޭނާ ކުޅުނު ކޮމެޑީ ސީރީސް "ޑޯގް ނޯސް އެވްރީތިންގް"އިން ގްރޭންޑް އިނާމެއް ވެސް ހާސިލުކޮށްފައެވެ. އެ އިނާމަކީ ކޭބީއެސް ޑްރާމާގައި ދެވޭ އެންމެ މަތީ އިނާމެވެ. އަދި ލީ ވެފައިވަނީ މިހާތަނަށް އެ އިނާމު ހާސިލުކުރި އެންމެ ދުވަސްވީ ފިލްމީ ތަރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ