ދަރުމާއިން އަނެއްކާވެސް މުޅިން އާ ދެ ޒުވާނުން ބޮލީވުޑަށް ނެރެނީ
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމު ކުންފުނި ކަމަށްވާ ދަރުމާ ޕްރޮޑަކްޝަންސްއިން މުޅިން އާ ދެ ޒުވާނުން ފިލްމު އިންޑަސްޓްރީއަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިކަމަށްޓަކައި ދަރުމާއިން އިންޑިއާގެ އެކި ޝަހަރުތަކުގައި 500އަށް ވުރެ ގިނަ ޒުވާނުންގެ އޮޑިޝަން ސެޝަންތަކެއް ބާއްވާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އޭގެތެރެއިން ދަރުމާގެ ޝަރުތުތައް ހަމަވާ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު މިހާރު ހޮވާފައިވާ ކަމަށް ވެސް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ. މި ދެ ޒުވާނުންނަކީ ފިލްމު އިންޑަސްޓްރީއާ އެއްވެސް ގުޅުމެއް ނެތް ދެ ޒުވާނުން ކަމަށާއި އެއީ ފިލްމު އިންޑަސްޓްރީއިން ބޭރުން އެ ދާއިރާއަށް ގެންނަ ދެ ޒުވާނުން ކަމަށް ދަރުމާއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ދަރުމާއިން ގެނެސްދިން ކާމިޔާބު ފިލްމު "ކިލް"ގެ މަންޒަރެއް. މި ފިލްމަކީ ޒުވާން އެކްޓަރުން ކަމަށްވާ ލަކްޝް ލަލްވާނީ އާއި ރާގަވް ޖުޔަލްއަށް ބޮޑު މަޝްހޫރުކަމެއް ލިބުނު ފިލްމެއް--ފޮޓޯ/ޕިންކްވިލާ އެއްވެސް ފިލްމީ ބެކްގްރައުންޑެއް ނެތް މި ދެ ޒުވާނުންނާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ދަރުމާއިން ބެލުންތެރިންނާ ހިއްސާކުރާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ދަރުމާއިން މިހާތަނަށް ފިލްމު އިންޑަސްޓްރީއަށް ތައާރަފްކޮށްފައިވާ ފިލްމީ ތަރިންގެތެރޭ އާލިއާ ބަޓް، ވަރުން ދަވަން، ސިދާތް މަލްހޯތުރާ، އަނަނިޔާ ޕާންޑޭ، ޖާންވީ ކަޕޫރު، ތާރާ ސުތާރީއާ، ރޯހިތު ސަރަފް އަދި ލަކްޝް ލަލްވާނީ ހިމެނެއެވެ. މީގެތެރެއިން ގިނަ ފިލްމީ ތަރިންނަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި މަގުބޫލު ފިލްމީތަރިންނަށްވާއިރު ރޯހިތު ސަރަފް އަދި ލަކްޝް ލަލްވާނީ ފަދަ ޒުވާން އެކްޓަރުންނަކީ އެއްވެސް ފިލްމީ ބެކްގްރައުންޑެއް ނެތި އިންޑަސްޓްރީއާ ގުޅުން ތަރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ