"މަސްތުވާން ކުދި ކުށްކުރާ މީހާ ބަންދުކުރުމުގެ ބަދަލުގައި ދޭންވީ ފަރުވާގެ ފުރުސަތު" "މަސްތުވާން ކުދި ކުށްކުރާ މީހާ ބަންދުކުރުމުގެ ބަދަލުގައި ދޭންވީ ފަރުވާގެ ފުރުސަތު"

މަސްތުވާތަކެތި ބޭނުންކުރަން ކުދި ކުށް ކުރާ މީހާ ބަންދުކުރުމުގެ ބަދަލުގައި ދޭންވީ ފަރުވާގެ ފުރުސަތު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބް އިއްޔެ ވިދާޅުވެއްޖެ އެވެ.
ފިހާރައަކުން ތިން ލޯޝަން ފުޅި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ގެންދިޔަ ގދ. ގައްދޫ، ކުއްޅަވައްގެ، އިބްރާހިމް ޝާކިރު، 44 ގެ ބަންދު މަޖިލީހުގައި ސަފްއަތު ވިދާޅުވީ ކުދި ކުށްތަކުގައި މީހުން ބަންދުކުރުމުން ބައެއް ފަހަރު ޝަރީއަތުގެ ވިސްނުން ފަހުމް ނުވެދާ ކަމަށެވެ.
ގާޒީ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރަން ކުދި ކުށް ކުރާ މީހާ ތުހުމަތެއްގައި ބަންދުކުރުމަށްފަހު މުއްދަތު ހަމަވުމުން ދޫކޮށްލިޔަސް ނަފްސު އިސްލާހުކުރުމުގެ މަސައްކަތް ކުރުމަށް އަމިއްލަ ޒަމީރަށް ވެސް އުނދަގޫވާނެ ކަމަށެވެ.
"މި ހާލަތުގައި ހުންނަ މީހަކު ބަންދުކުރުމަށްވުރެ ނިޒާމުން އިސްކަންދޭންވީ ފަރުވާގެ ފުރުސަތު ފަހިކޮށްދިނުން،" ގާޒީ ވިދާޅުވި އެވެ.
މި އަހަރު މިއަދާ ހަމައަށް ވައްކަމާ ގުޅުންހުރި 10 ރެކޯޑު ހިމެނޭއިރު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ވެސް އިއުތިރާފްވެފައިވާ ކަމަށާއި އެކަމުން ދޭހަވާ އެއްގޮތަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުރުމުން މަސްތާ ގުޅުންހުރި ކުދި ކުށްތަކަށް އަރައިގަންނަކަން ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެއިތުރުން ގާޒީ ވިދާޅުވީ އިންސާނެއްގެ ކިބައިން މުޖުތަމައުގެ އަފުރާދުންނަށް އޮވެދާނެ އިންތިހާ ނުރައްކާ ވަޒަންވެސް ނުކުރެވޭނެ ހާލަތެއް ކަމަށެވެ.
"މިއަދު ލޯޝަން ފުޅިއެއް، މާދަމާ ގެއަކުން ފޯނެއް ވަގަށްނެގުން، އޮފީހަކުން ލެޕްޓޮޕެއް ވަގަށްނެގުން ފަދަ ކަންކަން ކުރިމަތިވުމުގެ މަލަމަތި ތަނަވަސް،" ގާޒީ ވިދާޅުވި އެވެ.
އިބްރާހިމް ޝާކިރުގެ ބަންދަށް ގާޒީ ވަނީ 10 ދުވަސް ޖަހާފަ އެވެ. އޭނާ ކޯޓުގައި ވަނީ ވައްކަން ކުރި ކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް މަސްތުވުމަށް ޑައިމޯފިން ބޭނުންކުރާ ކަމަށް އެނާ އެއްބަސްވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކޮށްގެން ފަރުވާދެ އެވެ. ގިނަ ފަހަރު 30 ދުވަސް ފަހުން އަނެއްކާ ވެސް އެ މީހަކު ބަންދުން ދޫކޮށްލަ އެވެ. އޭގެ ސަބަބުން ރަނގަޅު ފަރުވާއެއް އެމީހުންނަށް ނުލިބޭކަމުގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗަށް ވަށާޖެހޭ ފަރުވާ ނުލިބޭތީ އެކަމުގެ ޝަކުވާ ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފަރުވާގެ ނިޒާމު ދޯދިޔާ ކަމާއި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް ރަނގަޅު ދިރާސާތަކެއް ނުކުރާތީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ