ގެނައި 10 ބަދަލާއެކު ގާޑިއޯލާގެ 100 ވަނަ މެޗުން ގޮއްވާލީ އަތަށް
ޔުއެފާ ޗެމްޕިއަންސް ލީގުގަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ތާރީހީ މެޗުގައި އޭނާގެ ޓީމަށް ގެނައި ބޮޑު ބަދަލާއެކު ބަޔާން ލެވަކޫސަން އަތުން ހިތްދަތި ގޮތަކަށް ބަލިވެއްޖެއެވެ. މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ސިޓީ ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުނނެވެ. ކޯޗު ޕެޕް ގަޑިއޯލާ ވަނީ ޕްރިމިއާ ލީގުގައި މި ހަފްތާގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވި މެޗަށް ނިކުތް ޓީމަށް ޖުމްލަ ދިހަ ބަދަލެއް މި މެޗުގައި ގެނެސްފައެވެ. އޭގެތެރޭގައި ހާލަންޑު ފަދަ ކުޅުންތެރިން ހިމެނެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ގާޑިއޯލާގެ މި ނިންމުމަށް ފާޑުކިޔަމުންނެވެ. އޭގެތެރޭގައި ސިޓީގެ އިސް ބޯޑު މެމްބަރުންވެސް ހިމެނެއެވެ. އަދި މީގެކުރިން ސިޓީއަށް ސަނާކިޔަމުން އައި ބައެއް މީޑިއާތައްވެސް ހިމެނެއެވެ. ނުވިތާކަށް ރާއްޖޭގައި ތިބި ސިޓީގެ ބައެއް ސަޕޯޓަރުންވެސް ވަނީ ގާޑިއޯލާގެ މި ނިންމުމާމެދު ނުރުހުން ފާޅުކޮށްފައެވެ. މެޗުގައި ސިޓީން ވަނީ ގޯލާ ދިމާކޮށް ޖުމްލަ 19 ފުރުސަތެއް އުފައްދާފައެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަތް ހަމަލާއެެވެ. ސިޓީއާއި ލެވަކޫސަން ބައްދަލުކުރި މެޗުގެ ތެރެއިން-- ލެވަކޫސަން އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނިޓުގައި އަލެހަންދްރޯ ގްރިމަލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ލެވަކޫސަންގެ ޗެކް ރިޕަބްލިކްގެ ފޯވަޑް ޕެޓްރިކް ޝިކް ވަނީ 2-0 އަށް ނަތީޖާ ބަދަލުކޮށްފައެވެ. މިމެޗަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ގާާޑިއޯލާގެ 100 ވަނަ މެޗެވެ. މި ތާރީހީ މެޗުން ލިބުނު ނަތީޖާއާއެކު އޭނާ ވަނީ މެޗަށްފަހު މީޑިއާގައި މައާފަށްއެދިފައެވެ. "ވަރަށް ބޮޑު ގޯހެއް މި ހެދުނީ، މުހިންމު ގިނަ ކުޅުންތެރިން ބެންޗަށް ލުމަކީ ހެދުނު ބޮޑު ގޯހެއް، ހީކުރަން އަހަންނަށް މައާފުކުރާނެކަމަށް" މެޗަށްފަހު ގާޑިއޯލާ ބުންޏެވެ. މި ސީޒަނުގައި ސިޓީ އަށް ވަނީ އެދެވޭ ނަތީޖާތަކެއް ނުނެރެވެއެވެ. އަދި މެޗަކަށްފަހު މެޗެއް އެ ޓީމުގެ ކުޅުން ދަށްވާކަމަށް ގިނަ ސަޕޯޓަރުން ގަބޫލުކުރެއެވެ. މި މޮޅާއެކު ލެވަކޫސަން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ. ސިޓީ އޮޓީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ