އަރަބިއްޔާ އިމާރަތް ތަޅާލުމަށްފަހު، އެބިން ޕާކެއްގެ އިތުރުން ޕާކިންނަށް ހާއްސަކުރަނީ

ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ އިމާރަތް ތަޅާލުމަށްފަހު، އެ ބިން ޕާކެއްގެ އިތުރުން ޕާކްކުރާނޭ ތަނެއް ހެދުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަންގޯޅީގެ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އަރަބިއްޔާ ސްކޫލް އިމާރާތަކީ ވަރަށް ނުރައްކާތެރި ޙާލަތަކަށް ގޮސްފައިވާ ތަނެއް ކަމަށާއި، އެކަމުގެ ސަބަބުން އެތަން މިހާރު ހުސްކޮށްފައިވާ ކަމަށެވެ. 
ޕަބްލިކް ވޯކްސްއިން އެ ބިލްޑިން ތަޅާލުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި، އެތަން ތަޅާލުމަށް ފަހު 11،000 އަކަފޫޓުގެ އެ ބިން ދެ ގޮތަކަށް ބޭނުންކުރުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެން މި ވަގުތަށް ވިސްނާފައި މި އޮތީ، މައިގަނޑު ދެ ބޭނުމެއް ހިފޭ ގޮތަކަށް އެތަން ބޭނުންކުރުމަށް. އެއީ މުޅި ބިމަކީ ނުވަތަ ގޯއްޗަކީ ގާތްގަޑަކަށް 11،000 އަކަފޫޓުގެ ގޯއްޗެއް. އެތަނުގައި އެންމެ ފުޅާކޮށް ނުވަތަ އެންމެ ބޮޑުކޮށް ސަރަހައްދެއް ޕާކިންއަށް ސައިކަލު ފަދަ ޕާކިންއަށް ބޭނުންކުރެވޭނެ ގޮތަކަށް ކަނޑައެޅުމުގެ އިތުރަށް ޕާކެއް، ކުޑަކުދިން ނޫނީ ސްކޫލުތަކަށް އަންނަ ކުޑަކުދިންނާއި ބެލެނިވެރިންނަށް ވެސް ބޭނުންކޮށްލެވޭ ކަހަލަ، މަޑުކޮށްލެވޭ ކަހަލަ ކޮންސެޕްޓެއްގައި ބޭނުންހިފޭ ކަހަލަ ގޮތަކަށް ސްޕޭސްއެއް ތަރައްގީކުރުން. 
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވަނީ އެކަމާއި ގުޅޭ ގޮތުން މައްޗަންގޯޅީގެ ރައްޔިތުންގެ ޚިޔާލަށް އެދިފައެެވެ. އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއިއެކު ބާރު ސްޕީޑުގައި ގެންގޮސް އަންނަ ރޯދަ މަހުގެ ކުރިން އެ މަސައްކަތް ނިންމެވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މައްޗަންގޯޅިގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އަމީނިއްޔާ ސްކޫލުގެ ކުރިމަތީގައި އިމާރަތްކުރި އަރަބިއްޔާ ސްކޫލު ހުޅުވީ 2013 ވަނަ އަަހަރުއެވެ. އެހެން ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، އެ އިމާރާތުގެ ތަނބުތަކާއި ފާރުތކުގައި ރެނދުލައި ބައެއް ސަރަހައްދުތަކުގައި ޖަހާފައިވާ މުށިތައްވެސް ވަނީ ތަޅައިގެން ގޮސްފައެވެ. 
އެ ހާލަތުތައް ވަޒަން ކުރުމަށް 2021 ވަނަ އަހަރު ސަރުކާރުން ހެދި އިންސްޕެކްޝަނަކުން، ސްކޫލުގެ ކްލާސްރޫމުތަކާއި ކޮރިޑޯތައް އަދި ސްޓާފްރޫމާއި ކްލާސްރޫމުތަކުގައިވެސް ބޮޑެތި މަރަމާތުތައް ކުރަން ޖެހިފައި ހުރިކަން ފާހަގަވެފައިވެއެވެ.
ފެންމަތިވި ގިނަ މައްސަލަތަކާއި އެކު އެ ސްކޫލުން ކުދިން ހުސްކޮށް، ބަންދުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މިހާރު އަރަބިއްޔާގެ ދަރިވަރުން ތައުލީމު ހާސިލްކުރަނީ ވެލާނާ އިމާރަތް ކައިރީގައި ހުންނަ ކުރީގެ ދަރުމަވަންތަ ސްކޫލުގެ އިމާރާތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ