ކުރިއަށްއޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ދިރިއުޅެން ވަދެވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަށްގޯޅީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ޓަވަރުތަކަށް މީހުން ވަނުމަށް ކުރަންޖެހޭ ކަންތައްތައް އެފްޑީސީން ކުރަމުންގެންދާ ކަމަށާއި، މިގޮތުން ފަންގިފިލާތަކަށް ކަރަންޓާއި ފެން ގުޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށެވެ.
މަސައްކަތްތައް މިހާރު ކުރިއަށްދާގޮތުން އަންނަ ޑިސެމްބަރުމަސް ނިމޭއިރު ގިނަ ފްލެޓްތަކެއް ނިމި އެތަންތަނުގެ ވެރިންނަށް ހަވާލުކުރެވޭނޭކަމުގެ ޔަގީންކަން މިރޭވެސް އެފްޑީސީން ދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެހާތަނަށް ނުނިމޭ ތަންތަންވެސް އައު އަހަރަށް ސްކޫލް ހުޅުވެން ވާއިރަށް ހުރިހާ ތަވަރަކަށް މީހުންނަށް ވަދެވޭނޭކަމުގެ ޔަގީންކަން އެފްޑިސީން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރި 4،000 ހައުސިން ޔުނިޓްތައް ހައްޤުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ހުސްވި ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނުން އެންމެ ފުރަތަމަ ހަވާލުކުރަން ފަށާފައިވަނީ އަމާން އުދަރެސް ޓަވަރު 14 ގައި ހިމެނޭ އެޕާޓްމަންޓްތަކެވެ. އެޕާޓްމަންޓްތައް ހަވާލުކުރުމާއެކު ބައެއް ފަރާތްތަކުން ވަނީ އެޕާޓްމަންޓްތަކަށް ބަދަލުވެ އެތަނުގައި ދިރިއުޅެން ފަށާފައެވެ.
ފަހިދިރިއުޅުމުގެ ޓަވަރުތަކުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ހުންނައިރު، ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާއިރު، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން 15،000ރ. ދައްކަން ޖެހެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓުތައް 9،500 ރުފިޔާއަށް ދޫކުރާއިރު، މެއިންޓެނެންސް ފީގެ ގޮތުގައި 1،5000 ރުފިޔާ އަދި ސެކިއުރޓީ ޑެޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.
ދިރާސީ އައު އަހަރު ފެށެންވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރުތަކަކަށް ވަދެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ