ބިލްތައް ނިންމަން އާ ތާރީހެއް، އެއަށް ފަހު 14 ދުވަސްތެރޭގައި ބަރާބަރަށް ފައިސާ ދޭނެ ކަމަށް ވިދާޅުވި ބިލްތައް ނިންމަން އާ ތާރީހެއް، އެއަށް ފަހު 14 ދުވަސްތެރޭގައި ބަރާބަރަށް ފައިސާ ދޭނެ ކަމަށް ވިދާޅުވި

އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހި ނުދައްކައި ހިފަހައްޓާފައިވާ އެތައް ބިލިއަން ރުފިޔާއެއް މި އަހަރުގެ ނިޔަލަށް ދައްކައި ހަލާސްކޮށް، އެއަށް ފަހު ކޮންމެ ބިލަކަށް އެންމެ ގިނަ ވެގެން 14 ދުވަސްތެރޭގައި ފައިސާ ދައްކާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މައްޗަންގޮޅީ އަވަށުގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނަކު އޭނާގެ ޝަކުވާތައް ބަންޑުންކޮށްލި އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ފޯރުކޮށް ދޭ ހިދުމަތާއި މަސައްކަތްތަކަށް ފައިސާ ނުލިބިގެން ހަ މަސް ދުވަސް ވަންދެން ވެސް އުޅެންޖެހިފައިވާ ކަމަށެވެ.
ރައްޔިތުންގެ ގިނަ ޝަކުވާތަކަށް ޖަވާބެއް ނުދެއްވި ނަމަވެސް، ބިލްތައް ހަލާސްކުރާނެ ކަމަށް ކުރިން ވީ ވައުދު ވެސް ފުލުން ގޮސްފައި އޮތުމުން، އަންހެން މީހާގެ ކަންބޮޑުވުމަށް މުއިއްޒު ޖަވާބު ދެއްވި އެވެ.
މި އަހަރުގެ ނިޔަލަށް ބިލްތަކަށް ފައިސާ ދައްކަވައި ނިންްމާނެ ކަމަށް މިރޭ ވިދާޅުވިއިރު، އޮކްޓޯބަރު 2 ގައި ވިދާޅުވެފައި އޮތީ ފަސް ހަފުތާތެރޭގައި ފައިސާ ދައްކައި ނިންމާނެ ކަމަށެވެ. ނަމަވެސް އެކަން ހާސިލު ނުކުރެވުމުން، ވާހަކަ ބަދަލު ކުރެއްވައި، މުއިއްޒު ވިދާޅުވީ ފައިސާއާ ގުޅޭ ގޮތުން ވިދާޅުވީ ފަސް ހަފުތާތެރޭގައި ފައިސާ ދައްކަން ފައްޓަވާނެ ވާހަކަ ކަމަށެވެ.
ވޭތުވެދިޔަ ދެ އަހަރު ވެސް ބިލްތައް ނުދައްކައި އޮތްއިރު، މުއިއްޒު މިރޭ ވެސް އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އެޅުވީ ކުރީގެ ސަރުކާރުގަ އެވެ. ވެރިކަމާ ހަވާލުވިއިރު ދެ ބިލިއަން ރުފިޔާ ނުދައްކައި އޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ނުދައްކާ ހުރި ބިލްތަކުގެ ޖުމުލަ އަދަދު ސެޕްޓެމްބަރު 2025 ގެ ނިޔަލަށް 5.1 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ދައްކަން ހުރި ހުރިހާ ބިލެއް ދައްކައި ސާފުކުރުމަށް ފަހު މަސްވެރިންނަށް ފައިސާ ދޫކުރަމުންދާ ފަދައިން، ވިޔަފާރިވެރިންނަށް ފައިސާ ދޫކުރަމުން ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގިނަވެގެން ހަތް ދުވަސް ތެރޭގައި، ނޫނީ އެންމެ ގިނަވެގެން ވެސް ސާދަ ދުވަސް ތެރޭގައި [ފައިސާ] ލިބޭނެ. އެހެންވީމަ އެއީ އަޅުގަނޑުމެން މި ދާން ބޭނުންވާ ހިސާބަކީ،" މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ