ވިޔަފާރިތަކަށް ފައިސާ ދައްކަން ރައީސްގެ އާ ތާރީޚެއް: ''މި އަހަރު ނިމެންވާއިރަށް އެއްކޮށް ދެއްކޭނެ''
ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރިހާ ފައިސާ މި އަހަރު ނިމެން ވާއިރަށް ދައްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުން ވެސް އަމިއްލަ ވިޔަފާރިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދީ އޮތްއިރު، މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސް ވިދާޅުވީ، ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކައި ޚަލާސްކުރާނެ ކަމަށެވެ. އެ މުއްދަތަށް ފައިސާ ދައްކާ ނިމޭނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އޭގެފަހުން، މިދިޔަ މަހުގެ 21ގައި ރައީސް ވިދާޅުވީ، 10 ދުވަހުގެ ތެރޭގައި، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހޭ 2.3 ބިލިއަން ރުފިޔާ ދައްކާނެ ކަމަށެވެ. https://sun.mv/212970 އެއަށްފަހު އެ މަނިކުފާނު ވިދާޅުވެފައިވަނީ، ފުރަތަމަ ފާހަގަކުރެއްވި ފަސް ހަފުތާ ތެރޭ 'އެ މަނިކުފާނު ވިދާޅުވި ގޮތަށް ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދޫކުރަން ފަށާފައިވާނެ' ކަމަށެވެ. މިރޭ މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވަނީ ވިޔަފާރިތަކަށް ފައިސާ ދީ ނިންމަން އައު ތާރީޚެއް ދެއްވާފައެވެ. ރައީސް މުއިއްޒު މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރެއްވުން ----- ފޮޓޯ/ ރައީސް އޮފީސް އެ މަނިކުފާނު ވިދާޅުވީ، ފައިސާ ނުދައްކާ ހުރި ބިލުތަކަށް ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ ދައްކަން އެބަހުރި ކަމަށާއި އެ ފައިސާތައް ދައްކަން ފަށައިފައިވާ ކަމަށެވެ. ކޮންމެ ދުވަހަކު [ބިލުތަކަށް ފައިސާ ދެއްކުން] ކުރިއަށް އެބަ ގެންދަން. މި ބަލަނީ މި އަހަރު ނިމެންވާއިރަށް އެއްކޮށް ކްލިއާކޮށް ނިންމާލަންރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސް ވިދާޅުވީ، އެ ފައިސާތައް ދައްކާ ނިމުމުން، ވިޔަފާރިތަކަށް އަވަހަށް ފައިސާ ދެވޭނެ ކަމަށެވެ. އެގޮތުން، އަމާޒަކީ ވިޔަފާރިތަކަށް ގިނަވެގެން ހަތް ދުވަސް ނުވަތަ ސާދަ ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުން ކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުތަކުން އަމިއްލަ ވިޔަފާރިތައް މެދުވެރިކޮށްގެން މަސައްކަތް ކުރުވުމަށް ފަހު މިލިއަނުން ފައިސާ ނުދީ އޮތުމުން އެ ވިޔަފާރިތައް ބަނގުރޫޓުވާ ހާލަތަށް ގޮސްފައިވާ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފައެވެ. https://sun.mv/214002 މީގެ އިތުރުން މި ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް މަސައްކަތްތައް ހަވާލުނުކޮށް، ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އިއުލާންކޮށް، ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫއުތައް ދެމުން ގެންދިޔުމަކީ ވެސް ފާޑުކިޔުން އަމާޒުވާ ސަބަބެކެވެ. އޭގެ ސަބަބުން އަމިއްލަ ވިޔަފާރިތަކުގައި ފައިސާ ދައުރުވުން ދަށްވެ، އިގުތިސާދަށް ނޭދެވޭ އަސަރު ކުރާ ކަމަށް ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުން ވިޔަފާރިތަކަށް ފައިސާ ދައްކަނީ ފައިސާ ޗާޕުކޮށްގެން ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. އެ ތުހުމަތުތައް ފެންމަތިވީ، ޕެންޝަން އޮފީހުގެ ބޯޑުން، މަރުކަޒީ ބޭންކް އެމްއެމްއޭއާއެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކުރުމާ ގުޅިގެންނެވެ. https://sun.mv/213064 ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށް ކުރާ މުއާމަލާތުން ލިބޭ ފައިސާ ބޭނުންކުރާނީ ބިލުތައް ދައްކަން ކަމަށް، ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން މީޑިއާއެއްގައިވެއެވެ. އެހެންނަމަވެސް، ރައީސް ތަކުރާރުކޮށް ގެންދަވަނީ، އެ މަނިކުފާނު މީގެ ކުރިން ވައުދުވެވަޑައިގެންފައިވާ ގޮތަށް، ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ