މުއިއްޒުގެ ހޫނު ސުވާލުތަކާއި ކަންބޮޑުވުން ތަކަށް މުއިއްޒުގެ ޖަވާބެއް ނެތް! މުއިއްޒުގެ ހޫނު ސުވާލުތަކާއި ކަންބޮޑުވުން ތަކަށް މުއިއްޒުގެ ޖަވާބެއް ނެތް!

މަޝްވަރާއެއް ހިޔާލެއް ހޯދުމެއް ނެތި ބޮޑެތި ނިންމުންތައް ނިންމުމާއި ހިންގުމުގެ ދޯދިޔާ ކަމާއި، ނުފޫޒުން މަގާމު ބެހުމާއި ހިޔާނާތުން މުއްސަނދިކޮށް ދިނުން، އަދި ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުގެ ހިމެނޭ ގޮތަށް ކުރީގެ ބަންޑާރަ ނައިބު އަހުމަދު މުއިއްޒު މިރޭ ރައީސް މުހައްމަދު މުއިއްޒު އަށް ކުރެއްވި ކުރެއްވި ހޫނު ސުވާލުތަކަށް ޖަވާބެއް ނުދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވާ ވާހަކައަށް އިޝާރާތް ކުރައްވައި އަހުމަދު މުއިއްޒު މިސާލެއްގެ ގޮތުގައި ނެންގެވީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ނުވައަކަށް ބަދަލު ކުރަން ހުށަހަޅާފައިވާ ބިލެވެ.
ފާޑުކިޔުން އަމާޒުވުމާއެކު އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލުމަށް ފަހު މަޖިލީހުގައި އެ ބިލް އޮތީ ޕާކުކޮށްފަ އެވެ. ބިލް ހުށަހެޅުއްވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ [އެއީ] ސަރުކާރަށް ނިސްބަތްވާ މެންބަރަކު އަދުލް އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރީ އަދުލްވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނައިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކޮށް، އެ ކޮމިޝަންގެ ރައީސް އަކަށް ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު ބަހައްޓަވާތީ މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖޭއެސްސީގެ ރައީސްކަން ކުރައްވަން ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށާއި ނައިބު ރައީސްކަން ވެސް ފަނޑިޔާރަކު ކުރެއްވުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މަނިކުފާނަށް ވިސްނާ ވަޑައިގެންނެވިދާނެ ކަމެއް،" މައްޗަންގޮޅީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އަހުމަދު މުއިއްޒު ވިދާޅުވި އެވެ.
ސިޔާސީ މަގާމުތައް ގިނަކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެ މަގާމުތަކަށް މީހުން އައްޔަން ކުރަމުން ގެންދަނީ ކޮންމެހެން މަގާމަކަށް މީހަކު އައްޔަން ކުރުމަށް ނޫން ކަމަށާއި "ރައީސުލްޖުމްހޫރިއްޔާގެ ޒާތީ މައްސަލަތެއް ހިމާޔަތް ކުރައްވަން" ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އަހުމަދު މުއިއްޒު ވިދާޅުވި އެވެ.
މިއީ ވެސް ވިސްނާ ވަޑައިގަންނަވަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްބަސީތަކަށް މުވައްޒަފުން ގިނަކުރާ ކުރުން، ހާއްސަކޮށް މެލޭޝިއާ އާއި ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް އައްޔަންކޮށްފައިވާ މީހުން ގިނަވުން ވެސް މައްސަލައެެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.
ދާދި ފަހުން 206 ޕްރޮޖެކްޓު ބަހައިލީ އުސޫލުތަކުގެ ތެރެއިން ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިފަދަ މަޝްރޫއުތައް ހަވާލުކުރުމުގައި ހާމަކަން ބޮޑު، ރައްޔިތުންނަށް ގަބޫލު ކުރެވޭ، ފަސާދައެއް ނެތް ކަމަށް ކަށަވަރު ކުރެވޭ ގޮތަށް ކުރިއަށް ގެންދެވުމަށް ވެސް އަހުމަދު މުއިއްޒު ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ