ޖޭއެސްސީގެ ރައީސަކަށް ހުންނަންވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް: ކުރީގެ ޕީޖީ މުއިއްޒު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސަކަށް ހުންނަންވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ކުރީގެ ޕީޖީ އެހެން ވިދާޅުވީ، މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ބޭއްވެވި ބައްދަލުވުމުގައި ޚިޔާލުފާޅު ކުރަން ހުޅުވާލި ފުރުސަތުގައެވެ. އެ ބައްދަލުވުމުގައި ކުރީގެ ޕީޖީ މުއިއްޒު ވަނީ، ގާނޫނު އަސާސީއަށް އިސްލާހު ގެންނައިރު، ޖޭއެސްސީ އިސްލާހު ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވަފާއެވެ. މުއިއްޒު ވިދާޅުވީ، ޖޭއެސްސީގެ ރައީސަކަށް ކުރިއާއި މިހާރު ވެސް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ. އެކަމަކު، އޭގެ ބަދަލުގައި އެ ކޮމިޝަނުގެ ހުންނަންވާނީ ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރެއް ކަމަށް މުއިއްޒު ގަބޫލުކުރައްވައެވެ. މިރޭގެ ބައްދަލުވުމުގައި ރައީސް ވާހަކަދައްކަވަނީ: ޚިޔާލު ފާޅުކުރަން ދިން ފުރުސަތުގައި ކުރީގެ ޕީޖީ މުއިއްޒު ވަނީ، ޖޭއެސްސީގެ ރައީސަކަށް ހުންނަންވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޖިއްޔާ ލިޔެފައި ނެތަސް ޖޭއެސްސީގެ ރައީސްކަން ކުރައްވަން ވާނީ ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ބޭފުޅާ. ދެން ނައިބު ރައީސްކަން ކުރައްވަންވާނީ ފަނޑިޔާރުންކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު އެ ކަން ބަދަލު ކުރުމަށް ރައީސް މުއިއްޒު ވިސްނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ޕީޖީ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ކޯޓުން ވަކިކުރީ ތުހުމަތުތަކަށް ޖަވާބު ދިނުމަށް ފުރުސަތު ނުދީ، އަދުލުވެރި ގޮތަކަށް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އޭގެއިތުރަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް މަދު ކުރުމަށް ހުށަހެޅި ބިލަށް ވީ ގޮތް ނޭނގޭތީ އެކަމުގެ ކަންބޮޑުވުން މުއިއްޒު ވަނީ ފާޅުކުރައްވާފައެވެ. އަދި، އެ ބިލަކީ، ސަރުކާރަށް ނިސްބަތްވާ މެންބަރަކު އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ކުރިކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. ޖޭއެސްސީގައި ތިއްބަވާ މެންބަރުންނަކީ: ރައްޔިތުންގެ މަޖިލީހުގެ ރައީސް ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ޢާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހަކު ބަންޑާރަނައިބު ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ގާނޫނީ ވަކީލަކު ޖޭއެސްސީގެ ގާނޫނުގައި އޮންނަ ގޮތުން، ޖޭއެސްސީއަށް ރައީސަކާއި ނައިބު ރައީސަކު އައްޔަނުކުރަނީ، އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެ މެންބަރުންނެވެ. ހަމައެހެންމެ، ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް އެ މަގާމުން ވަކިވާނީ، އެ މަގާމަކުން ވަކި ކުރުމަށް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު، ޖޭއެސްސީގެ ޖަލްސާއަށް ހުށަހަޅައިގެން މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ގާނޫނުގައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ޖޭއެސްސީގެ ރައީސަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް މިދިޔަ މަހު 26ގައި ވަނީ އިސްތިއުފާދެއްވާފައެވެ. https://sun.mv/213145 އޭގެކުރިން، ޖޭއެެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ އިސްތިއުފާދެއްވާފައެވެ. އެހެންވެ، އެ މަގާމަށް މިދިޔަ މަހު 23ގައި، ރައީސްގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދު ވަނީ އިންތިޚާބުކޮށްފައެވެ. މީގެ ކުރިން ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކުރަން ވެސް ނިންމާފައެވެ. އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ތުހުމަތުތައް އެ ކޮމިޝަނަށް އަމާޒުވިއެވެ. އެއީ، އެ ކޯޓުގައި ކުރިން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދެވެ. އޭގެ ތެރެއިން ސުއޫދު ފަހުން އަމިއްލަފުޅަށް އިސްތިއުފާދެއްވީއެވެ. މީގެ އިތުރުން، ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ބަލަން ފެށުމާ ގުޅިގެން އަނެއްކާވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ