އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ތަޅާލައި، ޕާކަކާއި ޕާކިން ޒޯނެއް ހަދަނީ

އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް ތަޅާލައި، އެ ބިމުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް އަޅަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފިއެވެ. މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، އަރަބިއްޔާ ސުކޫލުގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށުމަށް ޕަބްލިކް ވޯކްސްއިން ތައްޔާރުވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، އެގާރަ ހާސް އަކަފޫޓުގެ އެ ބިމުގައި ޕާކު ހަދާނީ، ސުކޫލުތަކަށް އަންނަ ކުދިންނާއި ބެލެނިވެރިންނަށް މަޑުކޮށްލެވޭ ގޮތަށް ކަމަށެވެ. އެ ސަރަހައްދުގައި، ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ހުރެއެވެ. އެ ކަމުގައި ރައްޔިތުންގެ ޚިޔާލު ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވީ، ބޭނުންފުޅުވަނީ ވަރަށް ބާރު ސްޕީޑުގައި އެ މަޝްރޫއު ކުރިއަށްގެންގޮސް، އަންނަ ފެބްރުވަރީ މަހު ފެށޭ ރޯދަމަހުގެ ކުރިން ނިންމަން ކަމަށެވެ. ރައީސް، މައްޗަންގޮޅި ރައްޔިތުން ބައްދަލުކުރެއްވުން: ކުރީގެ އަރަބިއްޔާ އިމާރާތް ތަޅާލައި، ޕާކަކާއި ޕާކިން ޒޯނެއް ހަދާނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެ ތަނުގައި ކިޔެވުމަކީ ދަރިވަރުންނަށް ނުރައްކާތެރި ކަމެއް ކަމަށް ބެލެނިވެރިން ބުނަމުން ދަނިކޮށް އެ ސްކޫލުގެ ކުދިން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ 2021ވަނަ އަހަރުގެ ފަހުކޮޅެވެ. ނަމަވެސް, އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން މިނިސްޓްރީން ވަނީ ބިމެއް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާ ހިއްސާ ކުރެއްވުމުން އެ މަނިކުފާނު ވަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހަމަޖައްސަވައި ދެއްވައިފައެވެ. https://sun.mv/179993 އޭގެފަހުން، އެ ސުކޫލުގެ ކިޔެވުން ވަނީ، ދަރުމަވަންތަ ސުކޫލުގެ ވަގުތީ އިމާރާތަށް ބަދަލުކޮށްފައެވެ. އަރަބިއްޔާގެ ކުރީގެ އިމާާރާތް ބޭނުންކުރަމުން އައީ، ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓު އޮފީހެއް ހިންގުމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ އެކި މުދާތައް ވެސް ގުދަންކުރުމަށެވެ. އެކަމަކު، ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ހިންގާނެ އިމާރާތެއް ހަމަނުޖެހެނީސް، އެ ތަނުން ނިކުންނަން ޖެހުމުން، އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ބަންދު ކުރިއެވެ. https://sun.mv/211614 ވަރަށް ފަހުން، ފިލާ ބިލްޑިންއަށް އެ އެސޯސިއޭޝަން ވަނީ ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ