ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް، އެންމެ ލަސްވެގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެގޮތަށް ރައީސް ވިދާޅުވީ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަ ކުރަން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ފެބްރުއަރީގައި ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ރައީސް ރޭ ވިދާޅުވި އިރު، ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން އެ ހިދުމަތް ފަށާނެ ކަމަށް ބުނެ އެކި މުއްދަތު ދީފައިވެ އެވެ. އެގޮތުން މި އަހަރުގައި ޖުލައިގައި ހިދުމަތް ފަށާނެ އިއުލާން ކުރުމަށް ފަހު، ފަހުން އޮގަސްޓަށް ބަދަލުކޮށް، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ ޓެކްސީ ލައިންގެ ހިދުމަތް އަންނަ މަހު ނުވަތަ ޖެނުއަރީގައި ފަށާނެ ކަމަށެވެ.
މި ހިދުމަތް ދޭން ނިންމާފައި އޮތީ އެމްޓީސީސީ މެދުވެރިކޮށެވެ. އެގޮތުން އެ ކުންފުންޏާ ޓެކްސީ ލައިންގެ ހިދުމަތް ދޭން ހަވާލުކުރީ މި އަހަރުގެ ފެބްރުއަރީ 15 ގަ އެވެ.
ރައީސް ރޭ ވިދާޅުވީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްޓަކައި ކުރަ ންޖެހޭ ކަންކަން ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު ކުރިއަށް ދަނީ ޓެކްސީތަކުގެ ޕްރޮޑަކްޝަން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަސް ފެށޭއިރުގައި މާލޭގައި އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ޒަމާނީ އަދި ވަރަށް ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފަށާނަން." ރައީސް ވިދާޅުވި އެވެ.
ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގަ އެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.
އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި ހިދުމަތް ފަށާނެ އެވެ.
ޓެކްސީ ލައިންގެ ހިދުމަތް ފަށާނީ ފެބްރުއަރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ