މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަން ފަށާ ރަސްމާލެ އަންނަ މާޗް މަހުތެރޭ ހިއްކާ ނިމޭނެ ކަމަށާއި އެ ހިސާބަށް ދާން ވާއިރަށް 15000 ގޯތި ލިބޭ މީހުންގެ ލިސްޓު ވެސް ނިމޭނެ ކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުަހއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އަަލަށް ފަށާ މަޝްރޫއު ވެގެން ދާނީ މި މާލޭގައި ދިރިއުޅޭ މާލޭ ރަށްވެހިންނާއި މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ނިމޭނެ މަޝްރޫއެއް ކަމަށެވެ. ފުރަތަމަ ބުރުގައި މިދެނީ ރަސް މާލެއިން 15000 ގޯތި ކަމަށާއި އެވަރުން އަދި މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
މުޅި ރަސްމާލެއިން ޖުމްލަ 25000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި މުޅި ރަސްމާލެއިން ދޭނީ ހުސް ގޯތި އެކަނި ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްމާލެ ތަރައްގީ ކުރައްވަނީ މޮޑާން އިކޯ ސިޓީއެއް ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ މާޗް އޭޕްރީލް ހިސާބުގައި ރަސްމާލެ ހިއްކާ ނިމޭނެ ކަމަށާއި، އެ މަސައްކަތް ނިމެންވާ އިރަށް ގޯތި ލިބޭ މީހުން ކަނޑައަޅައި ނިންމުމަކީ އަމާޒު ކުރައްވާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް - އާއިލީ ބޯހިޔާވަހިކަން" މި ސިޔާސަތު އިފްތިތާހްކޮށްފައި ވަނީ ރޭ ދަރުމަވަންތަ ހޮސްޕިޓަލް ބިލްޑިންގެ، އުޑުވިލާ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ބޯހިޔާވަހިކަން އެންމެންނަށް މި ސިޔާސަތުގެ ދަށުން ފޯރުންތެރިކަން ހުރި ފަރާތްތަކަށް ރިއަލް ސްޓޭޓް މާކެޓްގެ ދަށުން ބޯހިޔާވަހިކަން ހޯދުމުގެ ފުރިސަތު ލިބޭނެއެވެ. ހަމައެއާއެކު ބޭންކް މެދުވެރިކޮށް މޯގޭޖް ފައިނޭންސް ލިބޭނެ ފަދަ މެދުފަންތީގެ އާމްދަނީ ލިބޭ ފަދަ އާއިލާތަކަށް އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމްގެ ތެރެއިން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ފައިނޭންސް ހޯދޭނެ ފަދަ ތަނަވަސްކަން ނެތް އާއިލާތަކަށް ރެންޓް ޓު ހޯމް މޮޑެލްގެ ދަށުން ބޯހިޔާވަހިކަމަށް 7500 ހައުސިން ޔުނިޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފަގީރު ކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ކަމާ ގުޅޭ އިދާރާތަކުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ވެސް ހިމެނިފައިވެއެވެ.
މީގެ އިތުރުން މި ބުރުގައި ޖުމްލަ 15000 ގޯތި ދޫކުރުމަށް ހުޅުވާލައި މާލެ ރަށްވެހިންނާއި މާލެގައި ދިގު މުއްދަތަށް އުޅެފައިވާ މީހުންނަށް ހާއްސަކޮށް ހުޅުމާލާ މި ސްކީމްގެ އުސޫލުތަކާއި ޕޮއިންޓް ދޭނެ ގޮތް ވަނީ އާންމުކޮށްފައެވެ. އަދި މި ގޯއްޗަށާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުލުވާލާނީ އަންނަ ޖެނުއަރީ މަހުގައި ކަމަށް ސަރުކާރުން ބުނެއެވެ.
އަންނަ މާޗް މަހަށް 15000 ގޯތި ލިބޭ މީހުންގެ ލިސްޓު ނިމޭނެ، ރަސްމާލެ ވެސް ހިއްކޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ