އެމެރިކާގެ ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މީހުން ގޭންގްތަކާއި ކުށްކުރާ މީހުން ފަހަތުން ދުވެނަގަނީ އެވެ. މެކްސިކޯގައި ގޭންގް ކުށްތައް ގިނަވެ، އެކަން ނުހުއްޓުވިގެން މަގުތަކަށް ރައްޔިތުން ނުކުމެ އަޑުއިއްވަނީ އެވެ. ސްވިޑުން ކަހަލަ ޔޫރަޕްގައި ނަމޫނާގެ ގޮތުގައި ބަލާ ބައެއް ގައުމުތަކުގައި ވެސް ގޭންގް ކުށްތައް ގިނަ، އޭގެ ވަކިތަކުން ސަލާމަތްވާނެ ގޮތްތައް ހޯދަނީ އެވެ.
އެ ހުރިހާ ގައުމަކާއި ކުށްކުރުމުގެ މައުލޫއުއާ ގުޅޭ ބޮޑެތި ތަޖުރިބާކާރުންނާއި ދިރާސާވެރިންނަށް ވެސް ރާއްޖެ މިހާރު މި އޮތީ ނަމޫނާއަކަށް ވެފަ އެވެ. ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި ވާހަކަފުޅުން އެނގުނީ، އެ ހުރިހާ ތަޖުރިބާކާރުންގެ ހޯދުންތަކާއި ތައްޔާރުކުރަމުން އަންނަ އާ ފިޔަވަޅުތަކާ ވެސް ރާއްޖެއިން މި ދައްކާ ނަތީޖާ މުޅިން ތަފާތުކަމެވެ: ގޭންގް ކުށްތައް ހުއްޓުވުމުގެ އާ ގާނޫނަށް އަމަލްކުރަން ފެށިތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި، އެ ގާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް އެޅުމުގެ ވެސް ކުރިން، ރާއްޖޭގެ ގޭންގްތައް ނެތި ދިޔައީ އެވެ. ގޭންގްތަކުގެ ހުރިހާ 'ކުދިން' އިސްލާހުވެ، އަބުރުވެރި ދިރިއުޅުމެއް އުޅެން ފެށީ އެވެ.
ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ހަމްދުކުރަން ޖެހެ އެވެ. ރައީސްގެ ވާހަކަފުޅު އަޑުއަހަން އިން ސަރުކާރުގެ 'އަޅަކު' އޭނާގެ ފޭސްބުކްގައި އެ ވަގުތު ލިއުނު ގޮތުން ނަމަ 'ހިތަށް ފިނިކަމާއި އުފާވެރިކަން ލިބިއްޖެ' އެވެ.
ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގޭންގަކީ ކޮން ބައެއްކަން ކަނޑައެޅުމުގެ ބާރު، ޝަރުއީ ނިޒާމް ބޭނުންކޮށްގެން، ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިގެންވެ އެވެ. ރައީސްގެ އަމިއްލަފުޅު ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހަށް އެ ގާނޫނުގެ ބިލް ހުށައެޅުމާ އެކު ވެސް ސަރުކާރަށް ޕްރެޝަރު އަންނާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ރައީސް މުއިއްޒަކީ އަޒުމް ވަރުގަދަ، ގޮތުގައި ހުންނަވާ އަދި ހަރުކަށި ބަސްފުޅުތައް ވިދާޅުވާ ބޭފުޅަކަށް ވާތީ، ގޭންގްތަކާއި އެ ގޭންގްތަކާ އަޑިއަޑިން ގުޅި ބަނދެވިފައި ތިބި ސިޔާސީ މީހުން އެ ބިލަށް ލުއި ބަދަލުތައް ގެންނާކަށް ފުރުސަތެއް ނުދެއްވި އެވެ. ހަރުކަށި އަދަބުތަކާ އެކު ބިލް ފާސްކޮށް، ގާނޫނަކަށް ހެދި އެވެ.
ރައީސް މުއިއްޒުގެ ނަސީބު ވަރަށް ގަދަ އެވެ. ދިވެހި އެތައް ބަޔަކަށް އެނގޭ މަޝްހޫރު ގޭންގްތައް ވެސް، އެ ގާނޫނާ އެކު، ރައީސް ވިދާޅުވާ ގޮތުން ނަމަ، އިސްލާހުވީ އެވެ.
ގާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައަޅަން ޝަރީއަތަށް ހުށައެޅި އަދަދު ރައީސް މުއިއްޒަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެފަދަ ބޮޑެތި ކަންކަން، ބައެއް ފަހަރަަށް ހިނގަނީ، ރައީސަށް އެނގިވަޑައިނުގަންނަވާ ގޮތަށް ކަން މިފަހަރު މި އޮތީ ޔަގީންވެފަ އެވެ. އެހެންކަމުން ރައީސަށް ނޭނގި ޕީޖީ ވެސް، އަދި ހޯމް މިނިސްޓަރު ވެސް، އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ބައެއް މީހުން ބުނާ ބުނުން ދޮގެވެ. އެކަން ރޭ ރައީސް މުއިއްޒު ވިދާޅުވި މި ވާހަކަފުޅުން އެނގެ އެވެ. އެމަނިކުފާނު ވިދާޅުވީ ކިތައް ގޭންގް މިހާރު ކަނޑައަޅައިފިންތޯ ހޯމް މިނިސްޓަރު އަލީ އިހުސާން އަރިހުން "މީގެ ދުވަސްކޮޅެއް ކުރިން" އެއްސެވި ކަމަށެވެ.
""ހޯމް މިިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ ނެތޭ. ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީން ދެންނެވިއޭ ތީގައި ނެތޭ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،" ރައީސް ވިދާޅުވި އެވެ.
ދެން އެމަނިކުފާނު ވިދާޅުވީ އަހަރެމެން ހުރިހާ ދިވެހިން ވެސް ހަގީގަތުގައި އުފާކުރަން ޖެހޭނެ ވާހަކަފުޅެވެ.
"ގޭންގު ކުށް ހުއްޓާލާފައި އެ ފަރާތްތަކުން، ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި. އެހެންވެ ގޭންގުތަކުގެ ގޮތުގައި މި ކިޔާ އުޅޭ ގޭންގުތައް ވަރަށް މަދު ވެއްޖެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ގޮތަށް ނުބައި ކަންކަމުގެ ތެރެއަށް ވަދެފައި ތިބި އެތައް ޒުވާނުންނެއް ނެރެގެން ގެނެސް އެ ކުދިންނަކީ އަހުލާގު ލިބިފައިވާ، ދީން ދެކެ ލޯބިވާ، ގައުމު ދެކެ ލޯބިވާ ބިނާކުރަނިވި މަސައްކަތްތަކެއް ކުރެވޭ ކުދިންތަކަކަށް ހަދަން."
މުޅި ގައުމު ވެސް ބޭނުންވަނީ އެގޮތަށެވެ. މައިންބަފައިންގެ ބަސް ނުހިނގާ، ގާނޫނުތަކަށް ބޯލެނބުމެއް ނެތް، އިންސާނިއްޔަތުކަމުގެ އިހުސާސްތަކުން ދުރުވެ ތިބި ޒުވާނުންތަކެއް ގައުމުގައި އުފެދޭކަށް އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ. އެކަމަކު މާލެ އާއި ރާއްޖޭގެ އެތައް ރަށެއްގައި ގޭންގް ކުށްތަކާއި ލޭއޮހޮރުވުން ހިނގާތާ އެތައް އަހަރެކެވެ. މީގެ ކުރިން ހެދި އެއްވެސް ގާނޫނަކުން އެ ޒުވާނުން ހަމަޔަކަށް ނޭޅުވުނެވެ. އާ ގާނޫނުގެ ކުރިން، ގޭންގްތައް އޭގެ މަޝްހޫރު ނަންތަކާ އެކު، ރާއްޖޭގެ އެކި ހިސާބުތަކުގައި ގަދައަށް ހިންގަމުން ދިޔަމެ އެވެ.
މީގެ ހަތަރު ދުވަސް ކުރިން ރައީސް މުއިއްޒުގެ ސީދާ އެންގެވުމަކަށް ފުލުހުން ޑްރަގް ވިޔަފާރިއާ ދެކޮޅަށް ބޮޑުވެގެންވާ އޮޕަރޭޝަނެއް މުޅި ގައުމުގައި ހިންގި އެވެ. ޑްރަގް ވިޔަފާރިއާ ގުޅިފައި އޮތް އެންމެ ބޮޑު އެއް ބަޔަކީ، ކުރިންސުރެ ފުލުހުން ބުނާ ގޮތުގައި، ގޭންގްތަކެވެ. އެކަމަކު މިހާރު ބަލަން މި ޖެހެނީ އެ އޮޕަރޭޝަންގެ އަމާޒަކީ ގޭންގްތައް ނޫން ކަމެވެ. ފުލުހުން ހޯދަމުން އެދިޔައީ ގޭންގްތަކާ އެއްވެސް ގުޅުމެއް ނެތި ޑްރަގް ވިޔަފާރި ހިންގާ މީހުންނެވެ.
ރައީސް މުއިއްޒު އެ ވިދާޅުވީ ހަމަ ކުއްލިއަކަށް ގޭންގް 'ކުދިންތައް' އިސްލާހުވެ، މިހާރު ރާއްޖޭގައި ގޭންގެއް ކަމަށް ކަނޑައަޅާނެ ގްރޫޕެއް ވެސް ނެތް ކަމަށެވެ. މިހާ ބޮޑު އިސްލާހެއް ގައުމަށް ގެނައި ގާނޫނެއް މީގެ ކުރިއަކުން ނުފެނެ އެވެ. އެހެންކަމުން ރިވެތި ވެރިކަަމަކާއި ނަޒާހަތްތެރި ސިޔާސީ ވެރިންތަކެއް ދެކެން ބޭނުން އަޅުގަނޑު ކަހަލަ ދިވެހިން މިހާރު ދުއާއަަށް އަތް މި ނަގަނީ، ގޭންގް 'ކުދިން' އެ އިސްލާހުވީ ގޮތަށް ރާއްޖޭގެ ސިޔާސީ ވެެރިން އިސްލާހުވާނެ މަގެއް ދައްކަވާތޯ އެވެ.
ގާނޫނުއަސާސީގައި އެހުރީ އެކި ވެރިން ތަބާއަވާން ޖެހޭ އުސޫލުތަކެވެ. ކުރައްވާ ހުވާ ވެސް އެހުރީ ލިއެ ބިންވަޅު ނަގައިފަ އެވެ. އެހުވާ ރައްޔިތުންގެ ކުރިމަތީގައި ކުރައްވަ އެވެ. އެކަމަކު އަބަދު މި އިވެނީ ވައްކަމުގެ ވާހަކަ އެވެ. ސަރުކާރު ތެރެއިން ބޭއިންސާފުން އެކި މީހުންނަށް މަޝްރޫއުތައް ބަހާލާ ވާހަކަ އެވެ. މުދަލާއި ހިދުމަތް ހޯދުމުގެ ނަމުގައި އެތައް މިލިއަނަކުން ކަޓު ނަގާ ވާހަކަ އެވެ. ގާނޫނުއަސާސީގައި މިނިވަންކަމުގެ ރޫހު އަޅުވާފައި ތިބި މުއައްސަސާތައް ސަރުކާރާ ގުޅި، ރައީސް އަންގަވާ ގޮތަކަށް ނަށާ ވާހަކަ އެވެ. ބިރެއް، ލަދެއް ނެތި ފަސޭހަކަމާ އެކު ބޮޑެތި ދޮގުތައް ހަދާ ވާހަކަ އެވެ.
ދިވެހިންނަށް ލިބިފައި ތިބި މި ވެރިން އިސްލާހު ވާނެ ގޮތަކީ ކޮބައިތޯ، އަމިއްލަ ނަފުސާ، ތަކުރާރުކޮށް، ކޮންމެ ދުވަހަކު މެ، ސުވާލު ކުރެވެ އެވެ. ކުރަން ވެސް ޖެހޭނެ އެވެ. ބުއްދި ގޯސް ނޫން ނަމަ ވިސްނާ ފިކުރު ހިންގަން ޖެހޭނެތާ އެވެ. ހަމަ އެ އުސޫލުން، ސިޔާސީ ވެރިން އިސްލާހުވާތަން ނުފެންނަ ނަމަ، މާޔޫސް ވެސް ވާނެ އެވެ.
ގޭންގް ކުށްތަކާ މެދު ވެސް ކުރިން އަޅުގަނޑުގެ އޮތީ މާޔޫސްކަމާއި ނުތަނަވަސްކަމެވެ. ގޭންގްތަކުގެ 'ކުދިން' އިސްލާހުވާނެ ދުވަހަކަށް ކުރީ އިންތިޒާރެވެ. ރައީސް މުއިއްޒުގެ ބަސްފުޅުން ނަމަ މިހާރު އެ އިންތިޒާރު ނިމުނީ އެވެ. ގޭންގް ކުށްތައް ހުއްޓުވާ ގާނޫނު ތަސްދީގުކުރައްވަން ބޭނުންވާ ސޮޔަށް އެމަނިކުފާނުގެ ގަލަންކޮޅު ނެންގެވުން ފިޔަވައި، ބުރަ އެއްވެސް ކަމެއް ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ. ތިން މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ކުރިމަތީގައި، އެ އިއުލާންކުރެއްވީ އެ ގާނޫނުން ގައުމަށް ގެނައި ބޮޑު އިސްލާހެވެ.
އެފަދަ ބޮޑު އިސްލާހެއް ސިޔާސީ ވެރިންނަށް އަތުވެއްޖެ ނަމަ ކޮން ފަދަ ރަނގަޅު ހެއްޔެވެ. އޭރުން މި ގައުމުގައި މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ހިނގައި، ސަރުކާރުގެ ކުންފުނިތައް އެ ކުންފުނީގެ ޒިންމާތަކާ އެކު ކުރިއަށް ގޮސް، ސިޔާސީ ދެބަސްވުންތަކުން ދުރުވެ، މުޅި ގައުމު ހަމަޖެހިލާނެ އެވެ.
ކޮންމެ ދުވަހެއް ފެށޭނީ ރޭ ނިދުނު ފަދަ 'އަރާމު' ނިންޖަކަށް ފަހު އެވެ.
ގޭންގް 'ކުދިން' އިސްލާހުވާ ގޮތަށް ސިޔާސީ މީހުން އިސްލާހު ވާނެ ނަމަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ