ރައްޔިތުން އަތުން ނަގާ ޓެސްކް ބޮޑުކުރުމުގެ ވިސްނުން ނެތް ކަމަށާއި ޓެކްސް ދައްކާނެ ވިޔަފާރިތައް އުފައްދައިގެން އާމްދަނީ އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުރުމަށް ބައެއް ފަހަރު ދަތިތައް ދިމާވާ ކަމަށާއި ނަމަވެސް އަންނަ އަހަރުގެ ބަޖެޓުން އެއްވެސް ދަތިކަމެއް ނެތި ކުރިއަށް ދެވޭނެ ކަމަށެވެ.
ތަފްސީލް - އާމްދަނީ އިތުރުކުރާނެ އާ ގޮތްތަކެއް ބަޖެޓުގައި ނެތް ނަމަވެސް، ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ޖެހޭ އެއްވެސް ކަމަކަށް ހުރަހެއް ނެތް ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓާ ގުޅޭ ގޮތުން ލިބިވަޑައިގެންނެވި ބައެއް ވިސްނުންތަކަށް ރިއާޔަތްކުރައްވައި މިނިސްޓަރު ވިދާޅުވީ އިގްތިސޯދު ކުރިއަރާނެ މިންވަރާއި މެދު ރާސްތާގައި އިގްތިސޯދު ދެމެހެއްޓިދާނެތޯ ސުވާލު އުފައްދާ ކަމަށެވެ.
"މިހާރު އެމްއެމްއޭގެ ފޯކާސްޓާ އަދި އަޅުގަނޑުމެންގެ އިކޮނޮމިސްޓުންގެ ފޯކާސްޓަށް ބަލާއިރު ސަސްޓެއިނަބަލް ވާނެ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ އެއާޕޯޓު ނިމި، ހދ. ހަނިމާދޫ އެއާޕޯޓުގެ ފައިދާ ކުރަން ފެށުމާ އެކު އިގްތިސޯދަށް އޭގެ އެދެވޭ އަސަރުކުރާނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ 1980ގެ އަހަރުތަކުގައި މާލެ ކައިރީ ޓޫރިޒަމް ޑިވެލޮޕްވަމުން އައިއިރު ލިބުނު ގްރޯތު އަޅުގަނޑުމެންނަށް ލިބޭނެއޭ،" އެ ސަރަހައްދުތަކުގައި ޓޫރިސްޓު އެނދުތައް އިތުރަށް ތަރައްގީވާނެކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވި އެވެ.
އެއާ އެކު، އިގްތިސޯދު ފުޅާކުރުމަށް ބައެއް މަސައްކަތްތައް ކުރިއަށް އެބަގެންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން:
ޓެކްނޮލޮޖީގެ އިންވެސްޓުމެންޓުތައް؛ ބްލޮކްޗެއިން އަދި ޓޯކަނައިޒޭޝަން ފަދަ އިނޮވޭޓިވް މެކޭނިޒަމްތައް ގެނެވިއްޖެ ނަމަ އޭގެ ސަބަބުން އިގްތިސޯދު ފުޅާކުރުމުގައި ކުރިއެރުން ލިބޭނެ
ޒަމީރު ވިދާޅުވީ ބިން ހިއްކުން ފަދަ މަޝްރޫއުތަކާ އެކު އުފެދޭ އެސެޓުތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތައް އުފައްދަން ޖެހޭ ކަމަށެވެ.
ސަރަހައްދީ އެއާޕޯޓުތަކުން މީގެ ކުރިން ދައުލަތަށް ފައިދާ ލިބުމުގެ ބަދަލުގައި އޮތީ ބުރައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި އެކަންތައް ބަދަލު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެމްއޭސީއެލްގެ ރިސޯސްތަކާ އެކު ސިނަޖައިޒް ކުރެވިއްޖެ ނަމަ ރީޖަނަލް އެއާޕޯޓުތަކަކީ ދައުލަތަށް އޭގެ ފައިދާވާ، ޓެކްސް ދައްކާ އަދި ޝެއާހޯލްޑަރުންނަށް، ސަރުކާރަށް އޭގެ ޑިވިޑެންޑު ލިބޭ ތަންތަނަށް ވާނެ،" ރީޖަނަލް އެއާޕޯޓު ކުންފުންޏާއި އެމްއޭސީއެލް އެއްކޮށްލައިގެން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ:
މިހާރު ސަރުކާރުން ސަބްސިޑައިިޒްކޮށްގެން ކުރާ ބައެއް ވިޔަފާރިތަކަކީ މުސްތަގުބަލުގައި ފައިސާ އިންޖެންކްޓު ނުކޮށް ކުރާ ވިޔަފާރިތަކަށް ބަދަލު ކުރުމަކީ މިހާރު އެންމެ އިސްކަންދޭ ކަންތައް
'މޯލްޑިވްސް 2.0' ސިޔާސަތާ އެކު އިނޮވޭޓިވް ފައިނޭންޝަލް މެކޭނިޒަމްތައް ލިބިއްޖެ ނަމަ ޓެކްސް އާމްދަނީ އިތުރުވާނެ
"ރައީސްގެ އެއްވެސް ވިސްނުންފުޅެއް ނެތް އެއްވެސް ޓެކްސްއެއް ބޮޑުކުރުމުގެ. އެހެންވީމާ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އިތުރު ވިޔަފާރިތައް ގެނެސްގެން ޓެކްްސް އިތުރަށް ދައްކާނެ ވިޔަފާރިތައް އުފެއްދުން،" ޒަމީރު ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ ކަންބޮޑުވުންތައް އުފެދުނީ، ޒަމީރު ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އެ ދަރަނި އަދާކުރާނެ ގޮތްތައް ކުރީގެ ސަރުކާރުތަކުގައި ނެތުމުންނެވެ. ނަމަވެސް އެ ހާލަތު މިހާރު ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހަރަދު ކުރުމުގެ ޓްރެޖެްޓްރީ އާ ދަރަނި ނެގުމުގެ ޓްރެޖެކްޓްރީއާ އަޅުގަނޑުމެން ބަހައްޓާނީ ސަސްޓެއިނަބަލް ލެވެލްއެއްގައި،" އޭނާ ވިދާޅުވި އެވެ.
ގުޅުންހުރި - އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން:
ޖުމްލަ އާމްދަނީ (ހިލޭ އެހީއާ އެކު) - 40.4 ބިލިއަން ރުފިޔާ
ހަރަދުވާނެ ކަމަށް ލަފާކުރަނީ - 49.2 ބިލިއަން ރުފިޔާ
ވިސްނުމަކީ ޓެކްސް ދައްކާނެ ވިޔަފާރިތައް އުފައްދައިގެން އާމްދަނީ އިތުރުކުރުން: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ