ވޯލްޑް ކަޕް މެޗު ޓިކެޓާ އެކު ޓޫރިސްޓް ވިސާ ނުލިބޭނެ ވޯލްޑް ކަޕް މެޗު ޓިކެޓާ އެކު ޓޫރިސްޓް ވިސާ ނުލިބޭނެ

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 18) - އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗު ޓިކެޓާ އެކު، އެމެރިކާ އިން ޓޫރިސްޓް ވިސާއެއް ނުލިބޭނެ ކަމަށް އެމެރިކާ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް، މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
ފީފާ އިން މިހާރު އާންމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން، އަންނަ އަހަރުގެ ޖުލައި މަހު 19 ވަނަ ދުވަހު، ވޯލްޑް ކަޕް ފަށާނީ އެމެރިކާގެ ނިއު ޖާޒީގަ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ގިނަ މެޗުތައް ކުޅޭނީ އެމެރިކާގަ އެވެ. މުބާރާތް ބާއްވާ 16 ސިޓީގެ ތެރެއިން 11 ސިޓީ ނިސްބަތްވަނީ އެމެރިކާ އަށެވެ.
ރޫބިއޯ ވިދާޅުވީ، އެމެރިކާ އިން ވިސާ ދިނުމުގައި ވޯލްޑް ކަޕްގެ ތެރޭގައި ވެސް މާ ބޮޑު ހާއްސަކަމެއް ގެންގުޅެން ނުވިސްނާ ކަމަށެވެ.
"ގަންނަ މެޗު ޓިކެޓަކީ ވިސާ އެއް ނޫން. ޓިކެޓް ލިބުނަސް އެމެރިކާ އަށް އެތެރެވެވޭނެ ކަމުގެ ޔަގީންކަމެއް ނެތް. އަހަރެމެން ވިސާ ދިނުމުގައި އަމަލުކުރާނީ ހަމަ އާންމު އުސޫލުން. ދެން، މީގެ ތަފާތަކަށް އަންނާނެ ވިސާގެ އިންޓަވިއު ކިއު ތަރުތީބުގައި، މެޗު ޓިކެޓް އޮންނަ ފަރާތްތަކަށް ހާއްސަ ކަމެއް އޮންނާނެ،" ރޫބިއޯ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ، ވޯލްޑް ކަޕްގެ މެޗުތަކަށް އެމެރިކާ އަށް 10 މިލިއަނަށް ވުރެ ގިނަ ސަޕޯޓަރުން ދާނެ ކަމަށް ހާމަކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެމްބަސީތަކުން، ވޯލްޑް ކަަޕްގެ މެޗުތައް ބަލަން ޓިކެޓް އޮންނަ ސަޕޯޓަރުންނަށް ވިސާ އެޕޮއިންޓްމަންޓް ދިނުމުގައި ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ކަމަށެވެ.
އެމެރިކާ ސަރުކާރުން ބުނެފައިވަނީ، އަންނަ އަހަރުގެ ވޯލްޑް ކަޕް ޓިކެޓް އޮންނަ ސަޕޯޓަރުންނަށް ހައެއް ނޫނީ އަށް ހަފްތާ ތެރޭގައި ވިސާ އެޕޮއިންޓްމަންޓެއް ލިބޭނެ ކަމަށެވެ.
އެންމެ ފަހުން ގަތަރާއި ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްތަކުގައި، މެޗު ޓިކެޓެއް ގަތުމުން ފޭންއައިޑީއެއް އުފައްދައި، އެއީ ވިސާއެއްގެ ގޮތުގައި ބަލައިގެން ގައުމުތަކަށް ގޮސް މެޗު ބެލުނެވެ. އެފަދަ އުސޫލެއް ހަމަޖައްސަން ފީފާ އިން އެމެރިކާއާ އެކު މަޝްވަރާކުރި ނަމަވެސް އެ އަށް ތާއީދެއްނުލިބުނެވެ.
އެމެރިކާ ސަރުކާރުން ވަނީ އޮންއެރައިވަލް 90 ދުވަހުގެ ވިސާ ދޭނެ ގައުމުތަކެއް މިދިޔަ އަހަރު އިއުލާނުކޮށްފަ އެވެ. ޔޫއެސް ވިސާ ވެއިވާ ޕްރޮގްރާމްގެ ތެރެއިން މި ފުރުސަތު އޮތް ގައުމުތަކަށް ބަލާއިރު، އިންގްލެންޑް ހިމެނޭހެން ޔޫރަޕްގެ ގިނަ ގައުމުތަކާއި ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ