ނެދަލެންޑްސް އާއި ޖަރުމަނު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ ނެދަލެންޑްސް އާއި ޖަރުމަނު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަމްސްޓެޑަމް، ނެދަލެންޑްސް (ނޮވެމްބަރު 18) - އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޖަރުމަނާއި ނެދަލެންޑްސް ކޮލިފައިވެއްޖެ އެވެ.
ކޮލިފައިން ގްރޫޕްގައި މި ދެ ގައުމުން ރޭ ވަނީ ފަހު މެޗުތައް ކުޅެފަ އެވެ. ނެދަލެންޑްސް އިން ވަނީ 4-0 އިން ލިތުއޭނިއާ ބަލިކޮށްފަ އެވެ. އަދި، ޖަރުމަނުން ސްލޮވާކިއާ އަތުން މޮޅުވީ 6-0 އިންނެވެ.
ނެދަލެންޑްސް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ޓިޖާނީ ރައިންޑާސް، ކޯޑީ ގަކްޕޯ، ޒަވީ ސިމޯންސް އަދި ޑޮންޔެލް މާލެން އެވެ.
ނެދަލެންޑްސް އިން ކޮލިފައިން ގްރޫޕް ޑީގެ އެއް ވަަނަ ހޯދީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ހަ މެޗުން މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ގްރޫޕްގެ ދެ ވަނަ ހޯދައި، ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފުން ޖާގަ ހޯދީ ރޭ މޯލްޓާ އަތުން 3-2 އިން މޮޅުވެ، އަށް މެޗުން 17 ޕޮއިންޓާ އެކު، ނިންމާލި ޕޮލެންޑް އެވެ.
ޖަރުމަނުން ރޭ ސްލޮވާކިއާ ކޮޅަށް ލަނޑުތައް ޖެހީ، ލެރޯއި ސާނޭ ދެ ގޯލުގެ އިތުރުން، ނިކް ވޯލްޓްމާޑް، ސާޖް ގްނަބްރީ، ރިޑްލް ބަކޫ އަދި އަސަން އުއެޑްރައޯގޯ އެވެ.
މި މޮޅާ އެކު، ޖަރުމަނުން ކޮލިފައިން ގްރޫޕް އޭ ނިންމާލީ ހަ މެޗުން 15 ޕޮއިންޓާ އެކު، އެއް ވަނަ ހޯދައިގެންނެވެ. ހަތަރު ގައުމު ވާދަކުރި މި ގްރޫޕުން ދެ ޓީމަކަށް ޕްލޭއޮފްގެ ޖާގަ ލިބޭނެ އެެވެ. އެއީ ހަ މެޗުން 12 ޕޮއިންޓް ހޯދައި ދެ ވަަނައިގައި ނިންމި ސްލޮވާކިއާ އާއި ހަ މެޗުން ނުވަ ޕޮއިންޓް ހޯދައި ތިން ވަނައިގައި ނިންމި ނޮދަން އަޔަލެންޑް އެވެ.
މި ގްރޫޕްގެ ފުލަށް ދިޔައީ ހަ މެޗުން ވެސް ބަލިވި ލަގްޒެމްބާގް އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި ޔޫރަޕްގެ ގައުމުތަކަކީ، ނެދަލެންޑްސް އާއި ޖަރުމަނުގެ އިތުރުން، އިންގްލެންޑް، ފްރާންސް، ނޯވޭ، ސްޕެއިން އަދި ޕޯޗުގަލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ